އެމްޑީޕީއަކީ އުންމީދުގެ ޕާޓީ “ރަށްވެހިފަތިސް ކެންޕޭން”

އެމްޑީޕީއަކީ އުފަންވީއްސުރެ ކުރިއަށްދާނެ މަގާއި، ކަނޑައެޅި ހާމަކުރެވިފައިވާ ފާޅުކަން ބޮޑު ސިޔާސަތުތަކެއް ހުށަހަޅާ، ރައްޔިތުންނަށް އުންމީދު ގެނެސްދީ، ރައްޔިތުންގެ ބައިވެރިވުމާއެކު އެއުންމީދުތަކުގައި ކުލަޖައްސަން ގަދައަޅާ މަސައްކަތް ކުރާ ޕާޓީކަމަށް ރަށްވެހިފަތިސް ކެންޕޭނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް ޢިޝާރާތްކުރައްވާ، ރަށްވެހިފަތިސް ކެންޕޭނުން މިއަދު ހެނދުނު 11 ޖެހިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންޕޭޏްގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ އެމްޑީޕީ ގެނެސްދޭ އުންމީދު، ރިޔާސީ ބަޔާނުންވެސް ހާމަވޭވޭ ހުރިކަމަށެވެ.

އެގޮތުން ރިޔާސީ ބަޔާން ގެނެސްދޭ އުންމީދަކީ ޒަރޫރީ ޚިދުމަތްތަކަށް ސަލާންޖަހާން ނުޖެހޭނެކަމުގެ އުންމީދު، ވެކްސިންޖަހާ ކޯވިޑުން އަރައިގަނެ، ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމުގެ އުންމީދު، ދަތިޙާލުގައި އަޅާލާ، އޯގާތެރިކަން ސަރުކާރުގެ ފުށުން ފެންނާނެކަމުގެ އުންމީދު، ވަޒީފާއާއި، މަތީ ތަޢުލީމާއި، ވިޔަފާރީގެ ފުރުސަތުތަކުގެ އުންމީދު، އަތޮޅުގައި ހުރެ ކެންސަރަށް ބޭސްކުރެވޭނެ ނުވަތަ ސީޓީ ސްކޭނެއް ހަދަން މާލެ އަންނަން މަޖުބޫރު ނުވާކަމުގެ އުންމީދުކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެމް.ޑީ.ޕީގެ ސިޔާސީ ވާދަވެރިން ދައްކާނެ އުންމީދެއް، ތަސައްވަރެއް، ބޮޑު މަންޒަރެއް، ދަތުރުކުރާނެ ވަކިމިވެނި މިސްރާބެއް، ސިޔާސަތެއް، އުސޫލެއް ނެތްކަމަށާއި، މެނިފެސްޓޯއެއް، އަދި މެނިފެސްޓޯއެއް އެމައްޗަށް ބިނާކުރާނެ، ސިޔާސީ ފަލްސަފާއެއް، އަގުތަކެއްވެސް ނެތްކަމަށް ރަށްވެހިފަތިސް ސްޕޯސްޕާރސަން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ޝައްކާ ވަހުމު އުފެއްދުންކަމަށާއި، ކޮވިޑް19 ގެ ރައްކާތެރި ކަމުގެ މިންގަނޑުތަކަށް ފާޅުގައި ގޮންޖެހުމާއި، ވެކްސިނާ ދެކޮޅަށް އެފަރާތްތަކުން އުފުލަމުންދާ އަޑުން ނާއުންމީދުކަން މާބޮޑަށް ފެނި، ހާމަވާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ލާމަރުކަޒީ ނިޒާމު ނުދަންނަކަމަށް ބުނެ، ކުޅުދުއްފުށި ސިޓީ ހުޅަނގު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައި ހުންނެވި އިދިކޮޅު ކެންޑިޑޭޓް ނަންއަނބުރާ ގެންދެވީވެސް މިސަބަބުތަކަށްޓަކައިކަން ސައިފް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމް.ޑީ.ޕީ ވަމުންދާ ތައްޔާރީތަކުގެ މައްޗަށް އަލިއަޅުއްވާލލައްވަމުން ކެންޕޭންގެ ސްޕޯސްޕާރސަން ވިދާޅުވީ ޕާޓީގެ ލީޑަރޝިޕުން ވަކިވަކި ދާއިރާތަކާއެކު އޮންލައިން ބައްދަލުވުންތައް ފެށިގެންދަނީ ކުރިއަށްކަމަށާއި، ކޯވިޑްގެ މިދަތީގައިވެސް ރައްޔިތުންނާ ހަމައަށް ރަށްވެހިފަތިސް ކެންޕޭންގެ މެސެޖުތައް ރައްދުކޮށްދިނުމަށް، އަލުން ވެލާންޖެހޭ ތަރުތީބުތަކުގެ މައްޗަށް ފުޅާކޮށް މަޝްވަރާކުރެވި، އެމް.ޑީ.ޕީގެ ކެންޕޭން ނެޓްވަރކް ރީއްޗަށް، ސުރެންސުރެން އިންތިޒާމުވެވެމުންދާކަމަށެވެ.

އަދި ރަށްވެހިފަތިސް ކެންޕޭން މުޅި ރާއްޖޭގައި އަލުން ފަށާ، އިފްތިތާޙްކުރުމުގެ ހަރަކާތާބެހޭ މަޢުލޫމާތު ދާދި އަވަހަށް ހާމަކުރައްވާނެކަމުގައިވެސް އޭނާ ވިދާޅުވިމެއެވެ.

ޕްރެސް ކޮންފަރަންސް ނިންމަވާލެއްވީ އެމް.ޑީ.ޕީގެ ކޮންމެ ކެންޕޭން ހަރަކާތެއްވެސް ހިންގާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އެންގެވުންތަކާއި، ކޯވިޑްގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ތަބަޢަވާ މަގުން، މިފަދަ ބަލިމަޑުކަމެއްގައި އިންތިޒާމުވެ ހިންގާ ސިޔާސީ ޕާޓީއެއް ކެންޕޭނެއް ހިންގާނެ އެންމެ ޗާލޫ، ނަލަ، ލާމަސީލުގޮތުގައިކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

އެގޮތުން ސެންޓްރަލް ކެންޕޭން ޓީމުގެ ފަރާތުން ކޯވިޑްގެ ރައްކާތެރިކަމުގެ ޚާއްސަ އިރުޝާދުތަކެއް ވަކިވަކި ކެންޑިޑޭޓުންނަށާއި، ކެންޕޭން ޓީމުތަކަށް މިހާރުވާނީ ފޮނުވާފައިކަމަށާއި، ކޯވިޑްގެ މިންގަނޑަށް ފެތޭ ކެންޕޭނެއްގެ ގޮތްބާވަތާއި، ކުރުން ހެޔޮ، ހެޔޮނުވާނެ، އަދި ސަމާލުކަންދޭންވީ ކަންކަން އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ކެނޑިނޭޅި ސާފުކޮށްދެމުންގެންދާނެ ރަށްވެހިފަތިސް ކެންޕޭންގެ ތަރުޖަމާނު ވިދާޅުވިއެވެ.