އެމް.ޑީ.ޕީ ގެ 15 ވަނަ އަހަރީ ދުވަހުގެ ތަޙްނިޔާ އަރިސްކުރަން

މިއަދަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އުފަންވިތާ 15 ވަނަ އަހަރު ފުރޭ ދުވަހެވެ. މި އުފާވެރި ދުވަހުގެ ތަޙްނިޔާ މި ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި މި ޕާރޓީއަށް ތާޢީދުކުރައްވާ އެންމެހައި ފަރާތްތަކަށް އަރިސްކުރަމެވެ.

ސިޔާސީ ޕާރޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ. އެމް.ޑީ.ޕީ. ގެ ފިކުރު ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ފެށިގެން ދިއުންވީ ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެއްކަމުގައެވެ.

މި ހިތްވަރާއި، މި ޢަޒުމާއި، މި ކާމިޔާބީއާއި، މި އުއްމީދު އެކުލެވިގެންވާ ދެވަނަ ސިޔާސީ ޙަރަކާތެއް ދިވެހިރާއްޖޭގައި މިއަދު ވެސް ނެތެވެ. އެކަމުގެ ޙަޤީޤަތަކީ މި ޕާރޓީ ބިނާބެގެންވާ ފަލްސަފާއާއި އަސާސްތަކެވެ.

ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ، އިޖްތިމާޢީ، ފަރުދީ، އަދި އިޤްތިޞާދީ މިނިވަންކަމާއި ޙައްޤުތަކާއި އިންސާފަށް ވަކާލާތުކުރާ އެންމެ ވަރުގަދަ މުއައްސަސާކަމުގައި މި ޕާރޓީ ވެފައިވެއެވެ. އޭގެ ސަބަބުން މިއަދާ ހަމައަށް ވެސް ރާއްޖޭގެ އެންމެ ތާއީދު ބޮޑު، އަދި މެމްބަރުން އެންމެ ގިނަ، ފަނޑުވުމެއް ނެތް ޕާރޓީކަމުގައި މި ޕާރޓީ ވެފައިވެއެވެ. އެމް.ޑީ.ޕީ އަކީ ރައްޔިތުން ބާރުވެރިކުރެވޭނޭ ގޮތަށް، އިންތިޚާބުކުރެވޭ ތަފާތު ގިނަ ގުނަންތަކުގެ މައްޗަށް އެކުލެވިގެން، މުޅި ރާއްޖެއަށް ފެތުރި، ފުޅާވެފައިވާ އެންމެ އިންތިޒާމުވެގެން ހިންގޭ ޑިމޮކްރެސީގެ ހަރަކާތެވެ.

މި ޕާރޓީ ވުޖޫދުވުމަށްފަހު ރާއްޖޭގެ ރައްޔިތުން މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތީން ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކުރައްވާފައިވެއެވެ. މިގޮތުން 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކުރައްވާފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުކުރައްވާފައިވެއެވެ. އަދި އެމް.ޑީ.ޕީ. ގެ ސިޔާސަތުތަކާއި ވަޢުދުތަކުގެ ތެރެއިން ރާއްޖެއަށް ބޮޑެތި އިންގިލާބީ ހެޔޮ ބަދަލުތައް މީގެކުރިން ވެސް ގެނެސްދެއްވާފައިވާކަމާއި، އަދި މިހާރު ވެސް ގެނެސްދެއްވަމުންދާކަން ފާހަގަކުރަމެވެ.

މިގޮތުން ޓެކްސްގެ ނިޒާމާއި، ހިލޭ ބޭސްފަރުވާ ކުރެވޭނޭ ނިޒާމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި، ދަތުރު ފަތުރުގެ ނިޒާމު ޤާއިމުކުރުމުގެ އިތުރަށް، ލާމަރުކަޒުކުރުމާއި، ގެސްޓް ހައުސްގެ ސިޔާސަތު ތަޢާރަފުކުރުމާއި، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމާއި، ދަރިވަރުންނަށް އެއްދަންފަޅިއަށް ކިޔަވައިދިނުމާއި، ބޯހިޔާވެހިކަމާއި ވެށިފަހި ޕްރޮގްރާމުން ގިނަގުނަ ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކުރަމެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި، ރާއްޖެއިން ބޭރުން ކިޔެވުމަށް ކުޑަ އިންޓްރެސްޓްގައި ލޯނު ފަހިކޮށްދިނުމާއި، އިންސްޓިޓިޔޫޝަނަލް ރިފޯމްގެނައުން ފަދަ މުހިއްމު ބަދަލުތައް މި ޕާރޓީގެ ވެރިކަމުގެ ތެރެއިން ގެނެސްދީ، އަދި ގެނެސްދެމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ.

މާތް ﷲ ގެ ވާގިފުޅާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ އަބަދުވެސް ދެމިއޮންނާނީ ދިވެހިރާއްޖެއަށާއި ދިވެހިންނަށް ހެޔޮވެރިކަން ކޮށްދިނުމަށާއި، އިސްލާމީ އުސޫލުތަކާއި، ޑިމޮކްރެސީއާއި، އިންސާފާއި ހަމަހަމަކަން ނެގެހެއްޓުމަށް ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއާއެކު ސާބިތުކަމާއެކުގައެވެ.