ޑޮކްޓަރ މުޙައްމަދު ވަޙީދު ހަސަން މަނިކަށް ހަމަލާދިން ކަމަށް ބުނެ އޭނާ ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކެވުން މިޕާޓީން ކުށްވެރިކުރުން.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޙަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ، އަދި އިސްލާޙީ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެލައްވާ އިބްރާހީމް ޖައުފަރު، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ހަމަލާދިން ކަމަށް ބުނެ މުޙައްމަދު ވަހީދު ޙަސަން މަނިކު ދައްކަވަމުން ގެންދަވާ ވާހަކަތައް މިޕާޓީން ހަރު އަޑުން ކުށްވެރި ކުރަމެވެ.
މި ހާދިސާ ހިނގިގޮތްކަމަށް އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ” ގެ ނަމުން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މުޚާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިންނެވެ. މިގޮތަށް ހަމައެކަނި ބަސްތަކަކުން މުޚާތަބުކުރެވުނުހިނދު، “ޖިސްމާނީ ޙަމަލާއެއް” ދީފިކަމަށް ދޭހަވާގޮތަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޓްވީޓްކުރެއްވުމަކީ ޙަޤީޤަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމުގައި މި ޕާރޓީން ދެކެމެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ބަޣާވާތުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާއިރު، އޭގެތެރެއިން އިބްރާހީމް ޖައުފަރަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވެއެވެ. އެގޮތުން އޭނާއަށް ލިބިލެއްވި އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރަންޖެހިފައިވެއެވެ.
ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމުގައި ހުންނެވިއިރު، އިބްރާހީމް ޖައުފަރަށް ކުރި ލާއިންސާނީ ބޮޑެތި އަނިޔާތައް ތަޙްޤީޤުކުރެވި އޭނާއަށް އިންސާފު ލިބިދެވިފައި ނުވާއިރު، އޭނާއަށް އެއަނިޔާތައް ކުރިމަތި ކުރުވި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކާ މުޚާޠަބުކޮށް އޭނާ ނުރުހުމުގެ ބަސްތަކެއް ރައްދުކުރެއްވުމުން، އެކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެކެވެ.
ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފުލިބިފައިނުވާއިރު، އެއަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާމެދު ނުރުހުމުގެ ޝުޢޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނޭ ކަމީ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކުވެސް ޤަބޫލުކުރައްވަންޖެހޭނޭ ޙަޤީޤަތެވެ.