މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކީރިތި ޤުރްއާނާއި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އާ ގުޅޭ ގޮތުން ދެއްކެވި ކަމަށް ބުނެ ރ. އަނގޮޅިތީމު ޖީޒާ ޢަލީ އިބްރާހީމް ދެއްކި ވާހަކަތައް މިޕާޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
މިޕާޓީގެ އެންމެ އިސް އެއް އަމާޒަކީ އިސްލާމް ދީން ހިމާޔަތް ކުރުމެވެ. މިޕާޓީގެ އަސާސީ ޤަވާޢިދު ބިނާވެފައިވާނީ އަދި، މިޕާޓީން ކަނޑައަޅާ އެންމެހައި ސިޔާސަތުތައް އެކުލަވާލާފައިވާނީ އިސްލާމް ދީން ހިމާޔަތްކޮށް، އިންސާނީ ޤަދަރާއި ކަރާމާތް ރައްކާތެރިކޮށް ޑިމޮކްރެޓިކް އުޞޫލުތަކާއި ހަމަތައް ނެގެހެއްޓުމަށް އެންމެ އިސްކަން ދީގެނެއެވެ.
މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ، ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެކެވެ. އަދި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކާއި އަސާސްތައް މަތީ ދެމި ހުންނެވި މުސްލިމެކެވެ. “އަޅުގަނޑަކީ، ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކުކަމަކާ ނުލައި ހިތުގެ އަޑިން ޤަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާއަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް” ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ދީނީ ޢަޤީދާ އާ ގުޅޭ ގޮތުން އެކިގޮތްގޮތުން ސުވާލު އުފައްދައި ރައްޔިތުންގެ މެދުގައި ރައީސް މުޙައްމަދު ނަޝީދާމެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ މިޕާޓީން ބަލައިގަންނާނެ ކަމެއް ނޫނެވެ. އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާއި، ރުޅިވެރިކަމާއި ނަފްރަތު އުފައްދައި، ބުހުތާނު ދޮގުހަދައިގެން ވާހަކަ ދައްކައި ރައްޔިތުންގެ ހިތްތަކުގައި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ މެދު ރުޅިވެރިކަން އުފެއްދުމަށް އެކުރަމުންގެންދާ ވިޔާނުދާ ޢަމަލުތައް ހުއްޓާލުމަށް ގޮވާލަމެވެ.
މިޕާޓީން ޤަބޫލުކުރާ ގޮތުގައި، ރައީސް މުޙައްމަދު ނަޝީދާމެދު އެފަދަ ވާހަކަ ދައްކައި، އެވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ މަޤްޞަދަކީ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޖިސްމާނީ ގޮތުން ހަމާލާދިނުމެވެ. ވީމާ، މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާމެދު އެފަދަ ވާހަކަތައް ދައްކާފައިވާ ޢަލީ އިބްރާހީމާއި އޭނާގެ ވާހަކަތައް ފެތުރި ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލަމެވެ.