ކޮވިޑް19 އާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ގޮތުންނާއި، ޢަމަލީ މަސައްކަތުގެ ގޮތުންވެސް ހަރަކާތްތެރިވުމަށް އެމްޑީޕީ ތައްޔާރު – ރަށްވެހި ފަތިސް ތަރުޖަމާނު

ކޮވިޑް19 އާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ގޮތުންނާއި، ޢަމަލީ މަސައްކަތުގެ ގޮތުންވެސް އެމްޑީޕީ އޮތީ ތައްޔާރަށްކަމަށް ރަށްވެހި ފަތިސް ކެންޕޭނުގެ ތަރުޖަމާނު، އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.
ކޯވިޑް19ގެ ސަލާމަތީ ފިޔަވަޅެއްގެގޮތުން ރަށްވެހި ފަތިސް ކެންޕޭނު މުއާސަލާތީ ވަސީލަތްތަކާއި، ސޯޝަލް މީޑިޔާ މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން 7 މާރިޗްވީ ހޮނިހިރު ދުވަހުގެރޭ ޕާޓީއިން އިޢުލާންކުރިފަހުން ނޫސްވެރިންނާއި މިއަދު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާ އަފްޝަން މިއަދު ވިދާޅުވީ އެމްޑީޕީއަކީ 90000 އަށްވުރެ ގިނަ ދިވެހި ރައްޔިތުން މެންބަރުކަމުގައި ތިބި ޕާޓީއެއްކަމަށާއި، އެމްޑީޕީފަދަ ވަރުގަދަ ވިޔުގަ މެދުވެރިކޮށް ކޮންމެ ރަށެއްގެ ކޮންމެ ދޮރަކާއި ހަމައަށްވެސް މަޢުލޫމާތު ފޯރުކޮށްދެވެން އޮތްކަމަށެވެ.
އެހެންކަމުން، ކޮވިޑް19އާ ގުޅިގެން ހޭލުންތެރިކުރުވުމާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިތުރުން ޑަބްލޔުއެޗްއޯއިން ޢާންމުކުރާ ޢާންމު އިރުޝާދާއި، އެންގުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑީޕީއިން ފަށާފަައިވާކަން ހާމަކުރައްވާ އަފްޝަން އިތުރަށް ވިދާޅުވީ އެމަސައްކަތުގައި ކޯލް ސެންޓަރުތައް ހަރަކާތްތެރިވާނެކަމަށެވެ.
މިއާއެކު ސަރުކާރުގެ ފަރާތުންނާއި މިކަމުގައި އުޅޭ ފަރާތްތަކުން ބޭނުންވި ކޮންމެ ހިނދެއްގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ތައްޔާރަށް އޮތްކަމަށް ވެސް އަފްޝަން ފާހަގަކުރެއްވިއެވެ.
ކޯވިޑް19 އަށް ކަންފަހިވާނެ އެއްވެސް ބާވަތެއްގެ ހަރަކާތެއް އެމްޑީޕީއިން ނުހިންގާނެކަމުގެ ޔަޤީންކަން ދެއްވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ފުރިހަމަ އަޣްލަބިއްޔަތެއް ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެން، އެކަމުގެ އުންމީދު ފައުޅުކުރައްވާފައެވެ.
މީގެއިތުރުން އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޕޯސްޓަރުގައި ޖެހުމަށް ބޭނުންވާ ފޮޓޯ، ވީ އެންމެ އަވަހަކަށް ދާއިރާތަކާއި ޙިއްސާ ކުރެވިފައިވާ އީމެއިލް އެޑްރެސްތަކަށް ފޮނުވުމަށާއި، ފޮޓޯ ނެގުމުގައި ސަމާލުކަން ދޭންވީ ކަންކަން ފާހަގަކޮށް ފޮނުވާފައިވާ އެންގުމަށް ސަމާލުވުމަށް އަފްޝަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެދިވަޑައިތެވެ.
އިތުރު ކަމެއްގެ ގޮތުން އަފްޝަން ފާހަގަކުރެއްވީ ކެނޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރަށް ބޭނުންވާ ފޮޓޯތައް ވީހާވެސް އަވަހަކަށް ދެވިފައިވާ އީމެއިލް އަށް ފޮނުވަމުން ގެންދިޔުމަށެވެ. އަދި ދެވިފައިވާ އިރުޝާދާއި އެއްގޮތަށް ފޮޓޯނެގުމަށް ފަހު ފޮނުވުމަށްވެސް އަފްޝަން އެދިވަޑައިގަތެވެ.
ހަފުތާ ބަންދުގައި ނިމިދިޔަ ރަށްވެހި ފަތިސް ފެސްޓިވަލްގައި ސަރުކާރުގެ އެކި ވުޒާރާތަކުން އަދި އެކި މުއައްސަސާތަކުން ޕެނަލް ޑިސްކަޝަންތަކާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކުގައި ބައިވެރިވެވަޑައިގެން ދެއްވިކަމަށްޓަކައި ޕާޓީގެ ނަމުގައި އަފްޝަންވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަފްޝަން ވިދާޅުވީ، އިންތިޚާބު ލަސްކުރުމާއި ބެހޭ އެއްވެސް މަޝްވަރާއެއް އިލެކްޝަންސް ކޮމިޝަނުންވެސް ކުރިއަށް ނުގެންދާކަމަށް އެކޮމިޝަނުން ބުނެފައިވާއިރު، ކަނޑައެޅިފައިވާ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް އެމްޑީޕީން ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާނެކަމަށެވެ.