އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ (4 މާރޗް) ގައްދޫގައި ބޭއްވި ޖަލްސާގައަށް ހޫނު ތަރުހީބެއް ލިބިގެންދިޔަ ކަމަށް މައި ކެމްޕެއިންގެ ސްޕޯކްސްޕާރސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ. އެގޮތުން މިދަތުރުފުޅުގައި ސަރުކާރާއި، ކުންފުނިތަކުގެ ފަރާތްތަކުގެ އިތުރުން އެއަތޮޅުގެ ކައުންސިލްކަމަށާއި، ޑަބްލިޔުޑީސީއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ވެސް ބައިވެރިވަމުންދާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ހަމައެހެންމެ މިރޭ ( 5 މާރޗް ބުރާސްފަތި ) ތިނަދޫގައި ކެމްޕެއިން ޖަލްސާ ބޭއްވިގެންދާނެ ކަމަށް ވެސް އަފްޝަން ފާހަގަކުރެއްވިއެވެ.
އަފްޝަން ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ތަފާތުގޮތަކަށް އަބަދުވެސް ކެމްޕެއިން ކުރަމުން އަންނަ ޕާޓީއެއްކަމަށާއި، އެގޮތުން މިފަހަރު މިކުރެވޭ ދަތުރުތަކުގައި މުޅިންވެސް ކުރިއަށްދަނީ ފްލިޕްޗާޓް ޖަލްސާތައް ކަމުގައެވެ.
ފްލިޕްޗާޓު ޖަލްސާގައި ލާމަރުކަޒީ ޤާނޫނަށް މިގެނެވުނު އިސްލާހުތަކާއި، ކައުންސިލްތަކަށް ލިބިގެންދާނެ ބޮޑު ބަޖެޓާއި ބާރުތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ކައުންސިލްތަކަށް ލިބޭނެ ފައިދާ ތަކާއި ކުރިއެރުންތައް ޖަލްސާތަކުގައި ހިއްސާކުރެވެމުންދާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
މީގެ އިތުރުން މިހިނގާ މާރޗްމަހުގެ 8 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ފުވައްމުލަށް ސިޓީއަށް “ރަށްވެހި ފަތިސް” ކެމްޕެއިން ދަތުރުފުޅު ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމާ އަދި ހަމަ އެދުވަހު (8 މާރޗް)ގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލ. އަތޮޅަށް ކެމްޕެއިން ދަތުރުފުޅު ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. މި ދަތުރުތަކުގައި ކޮންމެ އަތޮޅެއްގެ ވެސް ހުރިހާ ކެނޑިޑޭޓުން ބައިވެރިވެ ރަށްވެހި ފަތިސްގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެން ދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
ކެމްޕެއިންގެ ކުރިއަށް އޮތް ހަރަކާތްތަކަށް ބަލާލާއިރު 6 މާރޗްވާ ހުކުރު ދުވަހުގެ މެންދުރު 13:30ން ފެށިގެން މުޅި މާލޭގެ ޑޯޓުޑޯ ހަރަކާތްތައް ފެށިގެން ދާނެ ކަމަށާއި، މި ހަރަކާތުގައި ރައީސް ސާލިހު އާއި ރައީސް ނަޝީދުގެ އިތުރުން މިނިސްޓަރުން، މަޖްލިސް މެމްބަރުން، މާލެ ސިޓީގެ ކައުންސިލް ކެންޑިޑޭޓުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެންޑިޑޭޓުން، އަންހެނުންގެ ރޫހްގެ ކޮންފަރަންސުގައި ބައިވެރިވުމަށް ރަށްރަށުން ވަޑައިގެން އުޅުއްވާ ބޭފުޅުން އަދި ޕާޓީގެ އާއްމު މެމްބަރުން ބައިވެރިވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އަދި 7 މާރޗަގައި އަންހެނުންގެ ރޫހުގެ ފަރާތުން އިންތިޒާމް ކުރާ ވަރަށް ކުލަގަދަ އިވެންޓް ރަށްވެހި ފެސްޓިވަލް އަދި އަންހެނުންގެ ރޫހުގެ ކޮންފަރެންސް ހެނދުނު 9 ޖަހާއިރު ފެށިގެން ވިލިމާލޭގައި ކުރިޔަށްދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. އެގޮތުން މިއިވެންޓްގައި އަތޮޅު ތެރޭގައި ތިބި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެނޑިޑޭޓުންގެ އިތުރުން ކައުންސިލް ކަމަށް ވާދަކުރައްވާ އަންހެން ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އަފްޝަން ހާމަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ޖުމްލަ 500 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދެއްވާފަކަމަށް އަފްޝަން ވިދާޅުވިއެވެ.
އަދި އަންހެނުންގެ ރޫހުގެ ކޮންފަރެންސްގައި، ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ފަހިވެގެންދިޔަ ފުރުސަތު ތަކާއި އަދި އަންހެނުން ހަރަކާތްތެރި ވުމުގެ މުހިންމުކަމާއި ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމާ ރަށު ތަރައްގީގަ އަންހެނުންގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މިކަންކަމުގައި ކުރިއަށް ދާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭންއެއް އެކުލަވާލުން އޮންނާނެ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
އަފްޝަން އިތުރަށް ވިދާޅުވީ އަންހެނުން ކުރިއަރުވާ ކޮމެޓީގެ މާލެ ސިޓީގެ 18 ގޮނޑީގެ ތެރެއިން 10 ގޮނޑި އިންތިހާބަކާއި ނުލާ އެމް.ޑީ.ޕީއަށް ކަށަވަރުވެފައިވާކަމާ އަދި މިއާއެކު މުޅިރާއްޖެއިން އަންހެނުން ކުރިއަރުވާ ކޮމެޓީގެ 39ގޮނޑި ވަނީ އިންތިހާބަކާ ނުލާ ކަށަވަރުވެފައިކަމުގައެވެ.
މީގެ އިތުރުން މުޅިރާއްޖެއިން 13 ކައުންސިލް ގޮނޑި އިންތިހާބަކާ ނުލާ އެމް.ޑީ.ޕީއަށް ކާމިޔާބު ވެފައިވާއިރު އޭގެތެރެއިން އެއް ގޮނޑިއަކީ މާލެސިޓީގެ ކައުންސިލްގެ ގޮނޑިއެއްކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އެހެންކަމުން މިކަން ފާހަގަކުރައްވާ އިންތިހާބުވި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމުގައި އަފްޝަން ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިލެކްޝަނަށް އިތުރަށް އަލިއަޅުވާ ލައްވާ ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ އެމްޑީޕީގެ ޕާޓީ ޓިކެޓް ލިބިފައިވާ ކެނޑިޑޭޓުން އެފަރާތަތަކުގެ ޕޯސްޓަރު ހެދުމަށް ފޮޓޯ ފޮނުވުމުގެ ސުންގަނޑި އަކީ 6 މާރޗް ވާ ހުކުރު ދުވަހުގެ 18:00 ކަމަށެވެ. އަދި ފޮޓޯ ނަގަންވާ ގޮތުގެ ވީޑިޔޯ ވާނީ ހިއްސާކުރެވިފައި ކަމަށާއި އެއާ އެއްގޮތަށް ފޮޓޯ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. އަދި ވީހާވެސް އަވަހަށް ކެންޑިޑޭޓުންނާ ހިއްސާ ކުރެވިފައިވާ އީމެއިލްއަށް ފޮޓޯތައް ފޮނުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.