ކެމްޕެއިން ހަރަކާތްތައް ހިންގެވުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު “ރަށްވެހި ފަތިސް” ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުފުޅުތައް މިފެށޭ މާރޗް މަހު ފައްޓަވާނެކަމަށާއި، އެގޮތުން އެކި އަތޮޅުތަކުގެ އެކިއެކި ރަށްތަކަށް ދަތުރުފުޅު ކުރައްވާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ އެބޭފުޅުންނާއިއެކު ދޮރުންދޮރަށް ހިންގަވާ ޖަލްސާތައް ބާއްވަވާ އަދި އެހެނިހެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިންގެ ސްޕޯރކްސްޕާރސަން އަފްޝަން ލަތީފު ވިދާޅުވިއެވެ.
މިއަދު ޕްރްސްއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަފްޝަން ވިދާޅުވީ “ރަށްވެހި ފަތިސް” ކެމްޕެއިންގެ މުހިންމު ކަމެއްގެގޮތުން މިއަންނަ ހޮނިހިރު (29 ފެބްރުވަރީ) ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި “ރަށްވެހި ފަތިސް” ކެމްޕެއިންގެ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ފެށިގެންދާނެކަމާއި މިހަރަކާތުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކުން ބައިވެރިވާނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހިއްސާކޮށްފައިވާ ޑެޑްލައިންތަކުގެ ވާހަކަ ވިދާޅުވަމުން މިއަންނަ މާރޗްމަހުގެ 2 ވާ ހޯމަ ދުވަހު ކެންޑިޑޭޓުންގެ އޮބްޒާވަރުނަށްވުމަށް، އިލެޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ސުންގަޑި ހަމަވާނެކަމަށާއި 3 މާރޗް (އަންގާރަ) ގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން އޮންނާނެކަމުގައި ވިދާޅުވިއެވެ. އަދި 4 މާރޗްގައި ނަންތައް އިއުލާން ކުރެވިގެންދާނެކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
އެމްޑީޕީގެ ކެމްޕެއިން ވާރކްޝޮޕްތައް މިހާރު ބައެއް އަތޮޅުތަކުގައި ކުރިޔަށްދާކަން އަފްޝަން އިތުރަށް ފާހަގަ ކުރެއްވިއެވެ. މި ވާރކްޝޮޕްތަކުގައި ވޯޓަރ އެޑިއުކޭޝަންއަށް ވަރަށްބޮޑަށް ބާރުއަޅަމުން ގެންދާކަމަށާއި އެކަމަށް އަހަމިއްޔަތުކަން ދެއްވާ ސަބަބުކަމުގައި ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ އާގޮތަކަށް ވޯޓުލެވޭ އިންތިޚާބެއްކަމާއި އެހެންވީމާ އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނުގެ މައުލާމާތު ދިނުމުގެ ބަޔަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި އެމްޑީޕީގެ ސައްޙަ ވޯޓުތައް ވީހާވެސް އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދާ މަސައްކަތެއްކަމުގައެވެ.
މީގެ އިތުރަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަފްޝަން ވިދާޅުވީ މިހިނގާ މަހުގެ 27 ވަނަ (ބުރާސްފަތި) ދުވަހަކީ ރީ-ރެޖިސްޓްރޭޝަންގެ ސުންގަޑި ހަމަވާ ދުވަސްކަމުގައާއި މިތާރީޚުގެ ކުރިން ރީ-ރެޖިސްޓްރީ ކަރައްވަންޖެހޭ ފަރާތްތައްވެސް ރީ-ރެޖިސްޓްރީކޮށް ނިންމަވަންވާނެކަމަށެވެ. އަދި މިކަމުގައިވެސް އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތެއްވާނަމަ ސޯސަންމަގުގައި ހުންނަ އެމްޑީޕީ މައި ކެމްޕެއިން އޮފީހަށް ވަޑައިގަތުމުން އެކަމުގައި އެހީތެރިވާގޮތަށްވެސްވަނީ ހަމަޖެހިފަކަމުގައެވެ.