ކުރީގެ ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމެވުމާގުޅިގެން އެކަމަށް މަރުހަބާ ކިޔުން

26 ޖެނުއަރީ 2010
“ޑީއާރުޕީ އިތުރަށް ހަރުދަނާވެ، އެޕާޓީއަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޑީއާރުޕީގެ ޒަޢާމަތުގެ ދަންމަރު އާޖީލަކަށް ބަދަލުވެގެން” ކަމަށް އަމިއްލަ ފުޅަށް އިޢުތިރާފްވެވަޑައިގެން ޑީއާރުޕީގެ ޒައީމްކަމަށް އާ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށާއި، ޑީއާރުޕީގެ ޒަޢާމަތާ ދުރަށް ވަޑައިގަތުމަށްފަހު ސިޔާސީ ހަޔާތް ނިންމަވާލައްވައި އަމިއްލަފުޅު ދިރިއުޅުއްވުމަކަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ނިންމެވި ނިންމެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މަރުހަބާ ކިޔަމެވެ.
އެމްޑީޕީން ދެކޭގޮތުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމެވީ ދިގު 30 އަހަރުގެ ވެރިކަމެއް ކުރައްވައި، އެވެރިކަމުގެ ދުވަސްވަރުގެ އަނިޔާވެރިކަމާއި، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިޖުތިމާޢީ ޢަދާލާތާއި، އިންސާނީ ޙައްޤުތަކާއި، މަޤާމާއި ނުފޫޒުގެ ބޭނުންކުރައްވައިގެން އެވެރިކަމުގެ އިސް ފަރާތްތަކުން ނާޖާއިޒު ފައިދާތަކެއް ނަންގަވާފައިވާ ކަމަށް އުފުލިފައިވާ ތުޙުމަތުތަކާއި، ޢާއިލީ، ވިރާސީ ރަސްކަމެއްގެ ބީދައިން ވެރިކަން ބައްޓަންކުރައްވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުންނާއި ޑިމޮކްރެޓިކް އިންތިޚާބަކުން އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއަށް ކާމިޔާބު ލިބިވަޑައި ނުގަންނަވާނޭ ކަމަށް ދެކެވޭ ވާހަކަތަކުން ބަރީޢަވެވަޑައިގަތުމަށް ނަމަވެސް، ޕާޓީގެ ޒަޢީމްކަމުން ދުރުވެވަޑައިގެންނެވުމަށް ނިންމެވުމަކީ އެތައް ގޮތަކުން ދިވެހިރައްޔިތުންނަށް ފައިދާކުރާނޭ ކަމެއް ކަމުގައެވެ.
ކަންމިހެން އޮތްކަމުގައި ވިޔަސް ޑީއާރުޕީން އެޕާޓީގެ ކޮންގްރެސްގެ އެންމެހާ ކަމެއް އެމްޑީޕީ ފަދައިން ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ދެފުށްފެންނަ އުޞޫލުން ގެންދިޔުމަށް ޖާމިނުވާކަމީ އެމްޑީޕީން މަރުހަބާ ކިޔާކަމެކެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އުއްމީދުކުރަނީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތަށް މިއައި ހެޔޮބަދަލުގެ މަންފާ ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތަކަށް ކުރާނޭ ކަމުގައެވެ.
ދިވެހިރައްޔިތުންނަށާއި، އެންމެހާ ސިޔާސީ ޕާޓީތަކަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެމެވެ.