ސްރީލަންކާގެ ބައެއް ހޮޓާތަކަށާއި އަޅުކަން ކުރާ ބައެއް ތަންތަނަށް ދިން ހަމަލާ ކުށްވެރިކުރުން

މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ބައެއް ހޮޓާ ތަކަށާއި އަދި އެ ޤައުމުގެ އެކި ސަރަހައްދުތަކުގައިވާ އަޅުކަންކުރާ ތަންތަނަށް ދީފައިވާ ހަމަލާ މިޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އެހަމަލާގައި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 400 އަށް ވުރެ ގިނަ މީހުނަށްވަނީ އަނިޔާ ލިބިފައެވެ. އެ ހަމަލާދީފައިވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން ތިބޭ ކޮލޮމްބޯގެ މަޝްހޫރު ތިން ހޮޓަލަކަށް ކަމަށްވެފައި އަދި މިއަދަކީ ކްރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ސަންޑޭ ކަމަށްވެފައި ގިނަ އަދަދެއްގެ ކްރިސްޓިއަނުން އަޅުކަންކުރަމުން ގެންދިޔަ ވަގުތެއްގައި އަޅުކަންކުރާ އެ ތަންތަނަށް ކަމަށްވުމުން އެ ޙަމަލާއަކީ ރޭވިގެން ހިންގާފައިވާ ލާއިންސާނީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް ދެކެމެވެ.
މިޕާޓީން ޤަބޫލުކުރަނީ، އަޅުކަންކުރާ ތަންތަނަށް ޙަމަލާދީ، އިންސާނިއްޔަތާ ޚިލާފު މިފަދަ ޢަމަލުތައް ހިންގުމުގެ ނަތީޖާއަކަށްވާނީ މުޖްތަމަޢުގެ އެއްބައެއްގެ މެދުގައި އަނެއް ބަޔަކާމެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ސުލްޙަމަސަލަސްކަން ގެއްލި ދިޔުން ކަމަށެވެ. އަދި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫއެރުމެވެ.
ސްރީލަންކާއަކީ ދިވެހީން އާންމުކޮށް ޒިޔާރަތްކުރާ އަވައްޓެރި ޤައުމަކަށްވެފައި، ސްރީލަންކާގެ ރައްޔިތުންނަކީ ދިވެހީންނާ އެހާމެ ގާތް ގުޅުމެއް އަބަދުމެ އޮންނަ ރައްޔިތަކަށްވީ ހިނދު، އެޤައުމަށާއި ރައްޔިތުންނަށް ލިބިފައިއެވާ ފުން ހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބައިވެރިވެ، މިޕާޓީ އޮތީ އެރައްޔިތުންނާއެކުގައި ކަމުގައި ދަންނަވަމެވެ. އަދި އެޤައުމަށް ދިމާވެފައިވާ މި ހިތާމަވެރި ޙާލަތުން އަރައިގަތުމަށް މިޕާޓީން ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް އެޤައުމުގެ ރައްޔިތުންނާއި ސަރުކާރަށް ވެދޭނެ ކަމުގައި ފުރިހަމަ ޔަޤީންކަން އަރުވަމެވެ. މި ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި ޢަމަލަކީ، ކޮންމެ ބަޔަކު ކޮންމެ ކޮންމެ މަޤްޞަދެއް ޙާޞިލުކުރުމަށް ހިންގި ޢަމަލެއް ކަމުގައި ވިޔަސް، އެ ޢަމަލަކީ އެއްވެސް ޙާލަތެއްގައި މިޕާޓީ ބަލައިގަންނާނޭ ޢަމަލެއް ނޫންކަމުގައި ދަންނަވަމެވެ