އެމްޑީޕީގެ މަޖިލިސް 19 އެޖެންޑާ19 ކެމްޕެއިން ލޯންޗް ކުރުން

1 ފެބްރުއަރީ 2019 ވީ ހުކުރު ދުވަހުގެރޭ އެމްޑީޕީން ވަނީ އެޖެންޑާ19 ގެ ނަމުގައި ޕާޓީގެ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކޮށްފައެވެ. މިޖަލްސާ ބާއްވާފައިވަނީ ކާނިވަލް ސަރަހައްދުގައެވެ.
އަދި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އާއި ރައީސް މުޙައްމަދު ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޖިލިހުގެ އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީއަށް ކަން ފާހަގަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ތެދުވެރިވެ ނަޒާހަތްތެރިވުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީން އެޖެންޑާ19 ގެ ދަށުން ހުށައަޅާނެ ޤާނޫނުތަކުގެ މައްޗަށް އަލިއަޅުވާލައްވާ، މަޖިލިހުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރައްވާނެކަމަށްވަނީ ވިދާޅުވެފައެވެ. ރޭގެ ޖަލްސާގައި 86 ކެންޑިޑޭޓުންވަނީ އިޤްރާރެއް ވިދާޅުވެ، އަދި ޖަލްސާގެ ހުރިހާ ބައިވެރިންވަނީ މަޖިލިސް އިންތިޚާބުގައި ކާމިޔާބު މިންވަރު ކުރެއްވުމަށްއެދި ދުޢާއެއް ކޮށްފައެވެ. މިޖަލްސާގައި އެޖެންޑާ19 ގެ ކެމްޕެއިން ލަވައެއްވެސް ވަނީ ލޯންޗްކުރެވިފައެވެ. އަދި އެމްޑީޕީން ހުށައަޅަން ގަސްދުކޮށްފައިވާ ޤާނޫނުތަކުގެ ކޮންސެޕްޓްތަކަށް ހެދިފައިވާ ބައެއް ކޮންސެޕްޓްތަކުގެ ޕްރެޒެންޓޭޝަން ދައްކާލެވިފައިވެއެވެ.