ތިނަދޫ ދެކުނު ދާއިރާގެ ދެ ފޮށި އަލުން ގުނިއިރު، ވޯޓަކަށް ބަދަލެއް ނާދޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވީ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ފަހުން ހުށަހަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ ޝަކުވާއަކާގުޅިގެން އެ ދާއިރާގެ 2 ފޮށި އަލުން ގުނައިފިއެވެ. މިއަދު ހަވީރު 17:00 ގައި މާލޭގައި ހުންނަ އެމްޑީޕީ މައި އޮފީހުގައި، އެއް ކެންޑިޑޭޓަކާއި އޭނާގެ މަންދޫބުންނާއި އަނެއް ކެންޑިޑޭޓުގެ މަންދޫބުންގެ ޙާޟިރުގައި، ތިނަދޫ ދެކުނު ދާއިރާގެ މާލޭ ފޮށީގެ ވޯޓު ކަރުދާސްތައް އެމްޑީޕީގެ މަސްއޫލުވެރިން އަލުން ގުނާފައިވާއިރު، ހަމަ އެ ދަނޑިވަޅުގައި، ގދ.ތިނަދޫ އެމްޑީޕީ ހަރުގޭގައި، ގދ. ތިނަދޫ ދެކުނު ދާއިރާގެ ފޮށީގެ ވޯޓު ކަރުދާސްތައް ގުނުމުގެ މަސައްކަތް ހިނގަމުން ދިޔައެވެ.
މި ދެ ވޯޓު ފޮށީގެ ވޯޓު ކަރުދާސްތައް އަލުން ގުނިއިރު، އެއިން އެންމެ ކަރުދާހަކާމެދުވެސް، 18 ޖަނަވަރީގައި ގުނިއިރު ނިންމިގޮތަށް ބަދަލު ގެންނަންޖެހޭ ކަމެއް ނުފެނުނެވެ.