ވާދަވެރި ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެމްޕޭނަށް ހުރަސް އަޅުއްވަނީ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ހިތްވަރު ޢަބްދުﷲ ޔާމީންގެ ނެތްކަމުން

ރައީސް ޢަބްދުﷲ ޔާމިން ވަޑައިގަންނަވާތީކަމަށް ބުނެ ރާއްޖޭގެ އެކިއެކި ރަށްރަށުގައި ކުރިއަށްދާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެމްޕޭނުގެ ޙަރަކާތްތަކަށް ހުރަސްއަޅަމުން އަންނާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކުރަމެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ގއ. ކޮލަމާފުށީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއަޅާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް 15 ދުވަހަށް ބަންދުކޮށްފައިވަނީ ކަނޑައެޅިގެން ކެމްޕޭނަށް ހުރަސްއެޅުމަށެވެ. ކޮލަމާފުށީގައި ހިނގި ހާދިސާގައި ޕީޕީއެމްއަށް ނިސްބަތްވާ މީހުން އެމްޑީޕީގެ ޖަގަހައަށް ގެއްލުންދީފައިވީނަމަވެސް މިއިން އެއްވެސް ކަމެއް ތަހްގީގްކޮށްފައިނުވާކަން ފާހަގަކުރަމެވެ.

މި ޖަރީމާ ހިންގިތާ 48 ގަޑިއިރުނުވަނީސް ޅ. ނައިފަރުގައި ހުރި އެމްޑީޕީގެ ތަރިބުރު ޖަގަހައަށް ފުލުހުން ވަދެ އެތަން ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ސިޔާސީ ބޭނުމެއްގައެވެ.

މިއަދު ހަވީރު ހިންގުމަށް ހަމަޖެހިފައިވާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިޙަށް ތާޢީދުކުރާ ފަރާތްތަކުގެ ސައިކަލު ބުރަށް ދަޢުވަތުދިނުމަށް އެނައުންސް ކުރަމުންދަނިކޮށް މެންދުރުފަހު 2.50 ހާއިރު ކޯޓު ޢަމުރެއް ހިފައިގެން ފުލުހުންވަނީ ތަރިބުރު ޖަގަހައަށް ވަދެފައެވެ. އަދި ސައިކަލު ބުރަށް އެނައުންސްކުރަމުންދިޔަ ދިޔުން ހުއްޓާލުމަށް އަންގާ، އެތަނުގައި ތިބި މީހުން ނުކުތުމަށް ޢަމުރުކޮށް، ޖަގަހަ ގާނޫނާ ޚިލާފަށް ބަންދުކޮށްފައިވެއެވެ.

ކޯޓު ޢަމުރެއް އޮތްކަމަށް ބުނެ ފުލުހުން މިޢަމަލު ހިންގިއިރު، ޝަރުޢީ ހަމަތަކާއި އެއްގޮތަށް އެޢަމުރު ދެއްކުމަށް ފުލުހުންވަނީ ދެކޮޅުހަދާފައެވެ. އެހެންކަމުން ޢަމުރުގައި އޮއް އެއްޗެއް ސާފުވެފައެއްނުވެއެވެ. ހަމައެއާއެކު، ޢަބްދުﷲ ޔާމިން މިއަދުގެ ވަގުތެއްގައި ޅ. ނައިފަރަށް ވަޑައިގަންނަވާތީ، ފުލުހުން އެދިފައިވާގޮތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެހެން ކެމްޕޭނު ޖަގަހައެއް ހުރީ ބަންދުކޮށްފައެވެ.

މީގެއިތުރުން ރަށުގެ އިރުމަތީ ފަރާތަށް ދާންހުރި ހުރިހާ މަގެއްހެން ފުލުހުންވަނީ ބަންދުކޮށްފައިވެއެވެ. މިއީވެސް މިއަދު ބޭއްވުމަށް ހަމަޖެހިފައިއޮތް ސައިކަލު ބުރަށް ހުރަސްއެޅުމަށް ކޮށްފައިވާ ކަމެކެވެ.

މިއެންމެހައި ކަންކަމީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އެކުވެ، އުފައްދާފައިވާ ކޯލިޝަންގެ ކެންޑިޑޭޓުގެ ކެމްޕޭނު ޙަރަކާތްތަކަށް ހުރަސްއެޅުމަށްޓަކައި، ފުލުހުންނާއި، ކޯޓުތަކަށް ނަހަމަ ނުފޫޒާއި، ބާރު ހިންގައިގެން ކުރަމުންދާ ޣައިރުޤާނޫނީ ޢަމަލުތަކެކެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭނު ޕޯސްޓަރާއި، ދިދަފަތި އަދި ބެނަރ ހަރުކުރުމުގެ މަސައްކަތުގައި އުޅޭ ޙަރަކާތްތެރިން ހައްޔަރުކުރުމާއި، ރައީސް ޢަބްދުﷲ ޔާމިން ވަޑައިންނަވާ ކޮންމެ ރަށަކުން އެތަކެތި ނެއްޓުމާއި، ޖަޒީރާ ރާއްޖެ ކެމްޕޭނު ޖަލްސާ ބާއްވާނެ ޖާގައެއް ނުދިނުމާއި، ދައުލަތުގެ މީޑިޔާ މެދުވެރިކޮށް ޖަޒީރާ ރާއްޖެ ކެމްޕޭނާ ގުޅޭގޮތުން ދޮގު ޚަބަރުފެތުރުންފަދަ އެތައްކަމެއް ސަރުކާރުންދަނީ ހިންގަމުންނެވެ.

ވާދަވެރި ސިޔާސީ ފަރާތްތަކުން ކުރަމުންދާ ރިޔާސީ ކެމްޕޭނަށް ހުރަސް އަޅައި ހުއްޓުވުމުގެ ގޮތުން ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން މިފަދަ ގޮތްގޮތަށް ތަކުރާރުކޮށް ގާނޫނާ ޚިލާފަށް އަމަލުކުރަމުންދާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނުގައިވެސް ސަރުކާރަށް ވާގިވެރިވެ، މި ޣައިރު ޤާނޫނީ ޢަމަލުތައް ލޮލަށް ނުފެންނަކަމަށް ހެދިގެން ވާދަވެރި ސިޔާސީ ޕާޓީތަކަށް ފުރައްސާރަކޮށް، މި ޣައިރު ޤާނޫނީ ޢަމަލުތަކުގައި އެ ކޮމިޝަނުން ބައިވެރިވަމުންދާދއިރުން ކުށްވެރިކުރަމެވެ. އަދި ކޮމިޝަނުގެ މެންބަރުން ވަކިވަކިން ޖވާބުދާރީކޮށް އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމުގައިވެސް ހަނދާންކޮށްދެމެވެ.

މިއިން އެއްވެސް ކަމަކީ ތާޢީދު ބޮޑުވާނޭކަމުގެ އުންމީދުގައި ކުރެއްވި ނަމަވެސް އެކަންކަމުން ރަމްޒުކޮށްދެނީ ޢަބްދުﷲ ޔާމިނަށް ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ހިތްވަރު ނެތްކަމެވެ. އެކަންކަމުން ދައްކުވައިދެނީ ތާޢީދު ނެތް މިންވަރު ދެނެވަޑައިގެން، ހުންނެވިލެއް ބޮޑުކަމެވެ. އަދި އެކަންކަމުން ރައްޔިތުންނަށް ފެނި ހާމަވަނީ ޢަބްދުﷲ ޔާމިންގެ ކިބައިގައި އުސޫލާއި، ހަމައަށް އިޙްތިރާމުކުރުމުގެ އަޚްލާޤު ނެތްކަމެވެ.

އެހެންކަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ސޯލިޙް ހިންގަވަމުންގެންދަވާ ކެމްޕޭނު ޙަރަކާތްތަކަށް ހުރަސްއެޅުމަށާއި، ޖެއްސުންކުރުމަށް ކުރަމުންދާ ނޭއްގާނީ އަދި ޤާނޫނާ ޚިލާފު ޢަމަލުތައް ކުށްވެރިކޮށް، އެކަންކަމުން ފެޔަށްޖެހި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބޭނުންވާ މާޙައުލު ތަޣައްޔަރުނުކުރުމަށް އެމްީޑޕީން ޢަބްދުﷲ ޔާމިނަށް ނަސޭޙަތް އަރުވަމެވެ.