‘އުކުޅުގައި’ އަތް ވިދިފައި ނުތިއްބަވާ އުކުޅަހަށް ވަޑައިގަތުމަށް އެމް.ޑީ.ޕީގެ ޗެއާރޕާރަސަން އަލްއުސްތާޛް ޙަސަން ލަތީފް ގޮވާލައްވައިފި

މިއަދު ބޭއްވުނު ޕްރެސް ކޮންފަރރެންސްގައި އެމް.ޑީ.ޕީގެ ޗެއާރޕާރސަން އަލްއުސްތާޛް ޙަސަން ލަތީފް އަދި އެމް.ޑީ.ޕީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛް އަނަސް އަބްދުއްސަތާރު އަލިއަޅުއްވާލެއްވީ މިހިނގާ ޖޫން މަހުގެ 29 އިން 30 އަށް އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައިބޭއްވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ކޮންގްރެސް އާއިގުޅޭގޮތުންނެވެ. މި ކޮންގްރެސް އަކީ 1000 އަށް ވުރެ ގިނަ ޑެލިގޭޓުންގެ އިތުރުން، 200 އަށް ވުރެ ގިނަ މެހެމާނުންނާއި ބޭރުގެ ޑިޕްލޮމެޓުންނާއި މީޑިޔާ އަދި އޮބްޒާވަރުން ބައިވެރިވާނެ ކޮންގްރެސްއެކެވެ. ކޮންގްރެސްގައި ބައިވެރިވާ ހުރިހާ ބޭފުޅުންވެސް ތިބުމާއި ކެއުންބުއިން ހަމަޖެހިފައިވަނީ އެމް.ޑީ.ޕީގެ ފަރަތުން އުކުޅަސް އަދި އުކުޅަހުގެ ކައިރީގައިވާ ރަށްރަށުގެ އެކި އެކި ގެސްޓްހައުސް ފަދަ ތަންތަނުގައި ކަމަށް ޗެއާރޕާރސަން ހަސަން ލަތީފް ވިދާޅުވިއެވެ. މިފަދަ ބޮޑު ހަރަކާތެއް އިންތިޒާމްކޮށް ހިންގުމުގެ ސަބަބުން މި ސަރަހައްދުގެ ގިނަ ރައްރަށަން އެކިގޮތްތަކުން ބޮޑެތި ފައިދާ ވެގެންދާނެއެވެ.

އެމް.ޑީ.ޕީގެ ކޮންގްރެސް ގައި ބައިވެރިވާ ހުރިހާ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ މާލޭއިން އެއްފަހަރާއެވެ. ކޮންގްރެސްގެ ބައިވެރިނަށް އ.އ އުކުޅަހުން މަރުޙަބާ ކިއުމަށް ދިވެހިވަންތަ ޡަގާފީ އެކިއެކި ހަރަކާތްތަށް ވަނީ ހިންގުމަށް ރޭވިފައެވެ، އެގޮތުން ބަނޑިޔާ ޖެހުމާއި ބޮޑުބެރު ފަދަ ހަރަކާތްތަށް ކޮންގްރެސް ނިންމުމަށްފަހުވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފެވެ.

އެމް.ޑީ.ޕީގެ މި އާދަޔާ ޚިލާފް ކޮންގްރެސްގައި ނިންމޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް 5 އަހަރު ދުވަހަށް އެމް.ޑީ.ޕީގެ ސިޔާސަތު ކަނޑައެޅުން، މެނިފެސްޓޯ އިއުލާން ކުރުމާއި އަސާސީ ގަވާއިދަށް ގެންނަށް ފެންނަ އިސްލާހް ގެނައުން ހިމެނެއެވެ. ކޮންގްރެސްގައި ބައިވެރިވާ ޑެލިގޭޓުންގެ ތެރޭގައި އެމް.ޑީ.ޕީގެ ޤައުމީ މަޖިލިސް މެމްބަރުން، ރައްޔިތުންގެ މަޖިލިހުގެ އެމް.ޑީ.ޕީ މެމްބަރުން، އެމް.ޑީ.ޕީ ކައުންސިލަރުން ، އެމް.ޑީ.ޕީގެ ގޮފިތަކުގެ ރައީސުން، ބޭރުގެ އެކި އެކި ޑިޕްލޮމެޓުން އަދި ރާއްޖޭގެ ސިޔާސީ ޕާޓީތައް، އެން.ޖީ.އޯ އަދި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުނަށްވެސް ބައިވެރިވުމަށް ދައުވަތު އެރުވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން 200ރ އަށް ކޮންގްރެސްގައި ބައިވެރިވުމަށް އެދޭ އެކި ފަރާތްތަކަށް ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމް.ޑީ.ޕީގެ ލޮބުވެތި މެމްބަރުންނާއި ހެޔޮއެދޭ އެކިއެކިފަރާތްތަކުން އަބަދުވެސް މިޕާޓީއަށް ވެދެއްވަމުންގެންދަވާ ދީލަތި އެކިއެކިއެހީތަކަށް ޕާޓީގެ ފަރާތުން އެމް.ޑީ.ޕީގެ ޗެއާރޕާރސަން އަލްއުސްތާޛް ހަސަން ލަތީފް މި ޕްރެސް ކޮންފަރރެންސްގައި ޝުކުރުއަދާކުރެއްވިއެވެ.