އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާ ގުޅިގެން ހައްޔަރުކޮށްފައިވާ މި ޕަޓީގެ 18 މެންބަރުން މިނިވަން ކުރުމަށް ގޮވާލަން

އަންގާރަ ދުވަހު ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޕްރައިމެރީ ޤާނޫނާ ޚިލާފަށް ހުއްޓުވުމަށް މަސައްކަތްކޮށް އެކިއެކި ރަށްރަށުން ރިޔާސީ ޕްރައިމެރީގައި ބައިވެރިވި އެމްޑީޕީއަށް ނިސްބަތްވާ 27 މީހުން ހައްޔަރުކޮށް، އެމީހުންގެ ތެރެއިން 18 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް ހައްޔަރުކޮށްފައިވާ މި ޕާޓީގެ ހުރިހާ މެންބަރުން މިނިވަންކުރުމަށް ގޮވާލަމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާ ގުޅިގެން ރ. ދުވާފަަރުން އަޙްމަދު އާޒިމް، އާޒިމް އަލީ، ޢަބްދުﷲ ޢަލީ، އަހްމަދު އަލީމް ޢަލީ، އަސްވަދު އަޙްމަދު، އަޙްމަދު އަލީ، ޔާސިން ޒަމީރު، އާމިރު އަހްމަދު، ޢަލީ މުޙައްމަދު ފުޅު އާއި، ހދ. މަކުނުދޫއިން ޢަލީ ބަޝީރު، އާދަމް މުޙައްމަދު، ކިނާން އިސްމާޢީލް، މުޙައްމަދު ޝަކީބް، ހާމިދު އިބްރާހީމް، ހުސައިން ރިފްޝާން އާއި،، ހދ. ވައިކަރަދޫއިން ކައުންސިލަރު އިބްރާހީމް މުޙައްމަދު އާއި، ޅ. ނައިފަރުން އަޙްމަދު ނަބީލް، މުޙައްމަދު ޒަކީ، އިބްރާހީމް އިދުރީސް އާއި، އައްޑޫ އިން މުޙައްމަދު ސަޢީދު، މުޙައްމަދު ރިޔާޒު، ހަސަން ހަލީމް އާއި، ފުވައްމުލަކުން މުޙައްމަދު ޒަރީރު ހައްޔަރުކުރިއެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 18 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ޤަނޫނާ ޚިލާފަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ހުއްޓުވައި، ގަދަ ބާރުން ސިޔާސީ ޕާޓީތަކުގެ މިނިވަންކަމަށާއި މުސްތަޤިއްލުކަމަށް އަރައިގަނެ ޕާޓީގެ މުދާ ފޭރުމާއި ޕާޓީގެ ހިންގުމަށް ހުރަސް އަޅަމުންދާކަމީ ކަންބޮޑުވާ ކަމެކެވެ. އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކޮށް ބޭއިންސާފުން އަދަބު ދިނުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މުސްތަޤްބަލް ބިނާ ކުރަމަށް އެޅޭ ހުރަހެކެވެ.

ދިވެހިރާއްޖޭއަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ ސިޔާސީ ޕާޓީތަކުގެ މުސްތަޤިއްލުންކަން ކަށަވަރުވެ، ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުޞަތު ލިބިދީގެން ކަމުގައި ދެކެމެވެ. އަދި ވާދަވެރި ސިޔާސީ މާޙައުލެއްގެ ތެރެއިން ނޫނީ ރިޔާސީ އިންތިޚާބު ބޭއްވިގެން ނުވާނެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އެންމެ މުހިއްމު އެއް ކަމަކީ ސިޔާސީ ޕާޓީތަަކަށް ހަމަހަމަ ފުރުޞަތުދީ، ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ޖާގަ ދިނުން ކަމުގައި ދެކެމެވެ. އެހެންކަމުން އެފަދަ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކުރުމާއި ބޭއިންސާފުން ބަންދުގައި ބެހެއްޓުން ފަދަ ކަންކަން ކުރުން ހުއްޓާލުމަށް ފުލުހުންނަށް ގޮވާލަމެވެ. އަދި އެމްޑީޕީގެ ޕްރައިމެރީއާ ގުޅިގެން ހައްޔަރުކޮށްފައިވާ މި ޕާޓީގެ މެންބަރުން މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލަމެވ.ެ