އިލެކްޝަންސް ކޮމިޝަން ޤާނޫނުގެ ތެރެއަށް ވަނުމަށް ގޮވާލުން

ސިޔާސީ ޕާޓީތައް އުފެއްދުމާއި، ހިންގުމާއި، ޕާޓީތަކުގެ މަސްޢޫލިއްޔަތުތަކަކީ ކޮބައިކަމާއި، ޕާޓީތަކުން ކޮށްގެން ނުވާނޭ ކަންކަމާއި، ޕާޓީއެއްގެ މެންބަރަކަށް ވެވޭ ގޮތާއި، މެމްބަރުކަމުން ވަކިވެވޭ ގޮތާއި، ޕާޓީތަކުން އިންތިޚާބުގައި ވާދަކުރެވޭ ގޮތްތަކާއި، އަދި މިނޫންވެސް، ސިޔާސީ ޕާޓީތައް ހިންގުމާ ބެހޭ އެންމެހައި ކަންކަން ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 2013/4 “ސިޔާސީ ޕާޓީއާ ބެހޭ ޤާނޫނު” ގައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތައް ހިންގަމުން މިގެންދަނީސްވެ ދެންނެވި ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ.

ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނިޓަރ ކުރުމަށް މަޝްވަރާ ކުރުމަށް ބޭނުންވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވާފައެވެ. އެހެންނަމަވެސް، ސިޔާސީ ޕާޓީތަކަކީ، ޤާނޫނުގައިވާ ގޮތުގެ މަތީން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި، ޕާޓީއަށް ފައިސާއާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި، ޕާޓީގެ ފައިސާ އާއި މުދަލުން ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން މުޢާމަލާތު ކުރުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ ވަކި ޤާނޫނީ ޝަޚްޞުތަކެކެވެ. އެހެންކަމުން، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރާނީ ޤާނޫނުންކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރީންކަމަށް ދައްކުވައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކޮމިޝަނުން ޤާނޫނާ ޚިލާފަށް އެތައް ކަމެއް ކުރަމުން އަންނަކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

އަދި، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމަށް ބޭނުންވަނީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނިޓަރ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް އެކޮމިޝަނުން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވީ ނަމަވެސް، އެކޮމިޝަނުގެ ބޭފުޅުން މީޑިޔާގައި ދައްކަވާ ވާހަކަފުޅުތަކުގައި، އެބައްދަލުވުންތަކަކީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ވިދާޅުވަމުން ގެންދަވާތީ އެ ކޮމިޝަނުން ދައުވަތު ދެއްވާފައިވާ ބައްދަލުވުންތަކުގެ ޙަޤީޤީ މަޤްޞަދު ސާފެއް ނުވެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީގެ ޤާނޫނުގައި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނޭ މަޢުލޫމާތު ކަމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ޕާޓީތަކުން ހުށަހަޅާފައިވަނިކޮށްވެސް، ޕާޓީތަކުގެ މެންބަރުންނާ ގުޅޭ ހަމައެކަނި އެޕާޓީއެއްގެ ބޭނުމަށް އެއްކޮށްފައި ހުންނަ މުހިއްމު މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާކަން ފާހަގަކުރަމެވެ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، އެކޮމިޝަނުން އެފަދަ ކޮންފިޑެންޝަލް މަޢުލޫމާތު ޕާޓީތަކުން ހޯދުމުގެ ހީލާތްތެރި މަޤްޞަދަކީ، އެމައުލޫމާތު ޢަބްދުﷲ ޔާމީނަށް ފޯރުކޮށްދީގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޢަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދިނުމަށް އެކޮމިޝަނުން ވާގިވެރިވެދިނުމެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ޙަވާލުކޮށް ނިންމަންވާނެކަމަށް ސިޔާސީ ޕާޓީގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވީއިރު، އެ މުއްދަތު ނިމިފައިވާ އިރު އަދިވެސް ސިޔާސީ ޕާޓީތަކަށް އެފައިސާ ޙަވާލުކޮށްފައި ނުވާކަން ފާހަގަކުރަމެވެެ. ހަމަމިއާއެކު ސިޔާސީ ޕާޓީތަކުގެ ހިންގުމަށާއި ޙަރަކާތްތަކަށް ސަރުކާރުން ކެނޑިނޭޅި ހުރަސްއަޅަމުން ގެންދާއިރު، ހަމަހަަމަކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ފުރުޞަތު ހޯދައިދުނިމަށް ކޮމިޝަނުން މަސައްކަތް ނުކުރެއެވެ.

ވީމާ، ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ދައުރު ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރުމަށާއި އަދި އެޤާނޫނުން އިލެކްޝަންސް ކޮމިޝަނާ ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުގެ ބޭރުން ސިޔާސީ ޕާޓީތަކުން ނާޖާއިޒު ފައިދާ ނަގަން އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތް ހުއްޓާލައި، ޕާޓީތަކަށް ޤާނޫނުއަސާސީއާ ޤާނޫނުން ލިބިދީފައިވާ ޙައްޤުތައް ބޭނުން ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ހުރަސް ނޭޅުމަށް ހަރު އަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފއަިވާ ސިޔާސީ ޕާޓީތައް