ޑެންމާކުގެ ޕްރައިމް މިނިސްޓަރާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ރައީސް މުޙައްމަދު ނަޝީދު ޔޫރަޕްގެ ބައެއް ޤައުމުތަަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޑެންމާކްގެ ޕްރައިމް މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.

ޕްރައިމް މިނިސްޓަރ ލާސް ރަސްމުސެންއާ ރައީސް ނަޝީދު ބައްދަލުކުރެއްވީ ބުދަ ދުވަހު މެންދުރު ޕްރައިމް މިނިސްޓަރުގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަޙާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، ސަރުކާރުގެ ވެރިންގެ މައްޗަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެެވެ. މިއަަހަރުތެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުންނާއި އިންތިޚާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ހައްދުފަހަނައެޅި ދީނީ ފިިކުރު އިތުރުވުމާއި އައިސިސްގައި ދިވެހިން ބައިވެރުކުރުވުމަށް ރޭވިގެން ހިންގޭ މަސައްކަތްތަކާއި، ޗައިނާއިން ނަހަމަ ގޮތުގައި ބިންތައް އަތުލުމުމާއި، އިންޑިޔާ ކަނޑުގެ ސެކިއުރިޓީއާ ގުޅޭ މަޢުލޫމާތު ރައީސް ނަޝީދު ހިއްސާ ކުރެއްވިއެވެ. އަދި 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި އދ. ގެ ތިމާވެއްޓާ ގުޅޭ ބައްދަލުވުމުގައި ޕްރައިމް މިނިސްޓަރ އަދާކުރެއްވި ދައުރަށް ޝުކުރު އަދާކުރައްވައި ކޯޕަންހޭގަންގައި ކުރެއްވި މަސައްކަތްތަކަކީ ޕެރިސް އެގްރީމަންޓުގެ ބިންގާ ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް މުޙައްމަދު ނަޝީދު ޑެންމާކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެއެވެ.