ހައްޔަރުކުރުމުގައާއި ބަންދުގައި ބަހައްޓާފައިވާ ދުވަސްތަކުގައި ޤާނޫނާ ޚިލާފަށް ފުލުހުން ޢަމަލުކޮށްފައިވާ ގޮތުގެ މައްސަލަތައް ބަލައިދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

1 ފެބްރުއަރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުއްވާފައިވާ އަމުރަށް ސަރުކާރުން ނުކިޔަމަންތެރިވެ، ޣައިރު ޤާނޫނީ އުސޫލުން އެ މަހުގެ 5 ވަނަ ދުވަހު ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި އެކަމާ އިހްތިޖާޖުކޮށްގެން 300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، ޤާނޫނާ ޚިލާަފަށް ފުލުހުން ޢަމަލުކޮށްފައިވާތީ 36 ފަރާތެއްގެ މައްސަލަތައް ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

މުޒާހަރާތަކުގައާއި އެނޫންވެސް ގޮތްގޮތަށް ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށް ފުލުހުން ރާއްޖޭގެ އެކިއެކި ރަށްރަށުން މީހުން ހައްޔަރުކުރުމާއެކު ހައްޔަރީންނަށް އެހީތެރިވުމަށް އުފައްދާފައިވާ އެމްޑީޕީގެ ޚާއްސަ ކޮމިޓީން އެކަން ވަގުތުން ބަލަން ފަށައެވެ. ޤާނޫނީ ވަކީލުން އައްޔަންކުރުމާއި، އަނިޔާ ލިބޭ މީހުންނަށް އެހީތެރިވުމަށް އަވަސް ފަރުވާ ދިނުމާއި، ހޮސްޕިޓަލަށް ގެންގޮސްދިނުމާއި، ޢައިލާއަށް އެންގުން ފަދަ ކަންކަން ކުރުމަށް މި ކޮމިޓީން އެހީތެރިވެއެވެ. މީގެ އިތުރުން ބަންދުގައި ބަހައްޓާފައިވާ އިރު އެ ފަރާތްތަކުގެ ޢާއިލާއަށް އެހީތެރިވުމާއި ޤަވާއިދުން ވަކީލުންގެ ބައްދަލުވުން އިންތިޒާމްކުރުމާއި، ބޭސްފަރުވާއަށް ބޭނުންވާ ކަންކަން ހަމަޖައްސައިދެއެވެ.

ހައްޔަރުކުރާ ވަގުތާއި ބަންދުގައި ބަހައްޓާަފައިވާ ދުވަސްވަރު ފުލުހުންގެ ކިބައިން ފެންނަ ޤާނޫނާ ޚިލާފް ޢަމަލުތަކުގެ މަޢުލޫމާތު އެފަރާތްތަކުން އަންނަނީ އެމްޑީޕީއާ ހިއްސާ ކުރަމުންނެވެ. ނޭޝަަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ މަޢުލޫމާތުތަކަކީ ފާއިތުވީ ދުވަސްތަކުގެ ތެރޭގައި މީހުން ހިއްސާކޮށްފައިވާ މަޢުލޫމާތުތަކެވެ. މި ކަންކަން ބެލުމަށް މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީން ވަނީ ޙާއްސަ ބައްދަލުވުމެއް ބާއްވައި ހައްޔަރުކުރި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިހާރު މިއަންނަނީ ފުރިހަމަކުރަމުންނެވެ.

ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، ކޯޓު އަމުރު ނެތި ސިޔާސީ ޕާޓީތަކުގެ ހަރުގެތަކަށާއި، އޮފީސްތަކަށް ފުލުހުން ވަނުމާއި، އަނިޔާކުރުން ބަލައި އެފަދަ ކަންކަން ކުރާ ވަކިވަކި ފުުލުހުން ފާހަގަކޮށް އެ މައްސަލަތައް ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ މުވައްސަސާތަކަށް ހުށަހަޅަމުންދާނެ ކަމުގައި ދަންނަވަމެވެ.

ބަންދުކޮށްފައިވާ ފަރާތްތަކާމެދު ފުލުހުން ޢަމަލުކުރާ ގޮތާމެދު މީގެ ކުރިންވެސް އެމްޑީޕީންނާއި އެފަރާތްތަކުގެ އާއިލާތަކުންވަނީ މިފަދަ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ވަކިވަކި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނަސް ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ދޫނިދޫ ޖަލުގެ ހާލަތު އިސްލާހު ކުރުމަށް ގޮވާލާފައެވެ. ކުރިއަށް އޮތްތަނުގައިވެސް މި ޝަކުވާތައް ދައުލަތުގެ އިދާރާތަކަށް ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި ހައްޔަރު ކުރެވޭ ފަރާތްތަކުންނާއި ޢާއިލާއިން އެފަދަ މަޢުލޫމާތު މި ޕާޓީއާ ހިއްސާ ކުރެއްވުމަށް އެދެމެވެ.