ސިޔާސީ ޙަރަކާތްތައް ހިންގާ ތަންތަނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެމްޕޭން ޙަރަކާތްތައް ހިންގަމުން އަންނަ ރުމާލު 2 ޖަގަހައިގެ ސްޓޭޖުގައި ރޭ ދަންވަރު އަލިފާން ރޯކޮށް އެތަނުގެ ތަކެއްޗަށް ގެއްލުންދީފައިވާތީވެ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް، ވީހާވެސް އަވަހަށް ތަޙްޤީޤްކޮށް އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.

ސިޔާސީ ޙަރަކާތްތައް ހިންގާ ޖަގަހަތަކާއި، އޮފީސްތަކާއި ސިޔާސީ ޕާޓީތަކުގެ މުދަލަށް ޙަމަލާ ދިނުމަކީ މުޅި ސިޔާސީ ނިޒާމަށް ދެވޭ ޙަމަލާއެކެވެ.

ސިޔާސީ ޙަރަކާތްތައް ހިންގާ ތަންތަނަށާއި އޮފީސްތަކަށް، ވަކިން ޙާއްސަކޮށް ވާދަވެރި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށާއި ހަރުގެތަކަށް ޙަމަލާދީ ބޮޑެތި ގެއްލުން ދިނުން މިހާރު މިއަންނަނީ އާންމުވަމުންނެވެ. މާލެއާއި އަތޮޅުތަކުގައި ހަދާފައިވާ އެމްޑީޕީގެ ހަރުގެތަކަށާއި ޖަގަހަތަކަށް ބޮޑެތި ގެއްލުންދީފައިވާކަން ފާހަގަ ކުރަމެވެ. މި ޕާޓީން އިސްނަގައިގެން ހިންގާ ޙާރަކާތްތަކަށް ފުލުހުން ހުރަސްއަޅައި ހުއްޓުވާއިރު ޕަޓީގެ މުދަލާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ކުއްޔަށް ހިފާ މުދަލަށްވެސް ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންދިނުމާއި، ހަރުގެތައް ރޫޅާލުމާއި، އެމްޑީޕީގެ ދިދަތައް ނެގުން ފަދަ ކަންކަން ފުލުހުންގެ ކިބައިން ތަކުރާރުކޮށް ފެންނަމުން އަންނަކަން ހިތާމައާއެކު ފާހަަގަ ކުރަަމެވެ.

މަތީގައި ދެންނެވުނުފަދަ ކަންކަން ކުރުން އާންމުވެފައިވާއިރު، މިއީ ޑިމޮކްރަޓިކް ސިޔާސީ ނިޒާމެއް ކުރިއެރުވުމަށް އެޅޭ ހުރަހެކެވެ. އެހެންކަމުން މިފަދަ ކަންކަން ތަޙްޤީޤްކޮށް އެކަންކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކާމެދު ހަރުކަށި ފިޔަަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް ގޮވާލަމެވެ. މިހާތަނަށް މިފަދަ އެަތައް މައްސަލަތަކެއް ހުށަހަޅާފައިވާއިރު މިއިން އެއްވެސް މައްސަލައެއް ތަޙްޤީޤްކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. އަދި ސިޔާސީ ޙަރަކާތްތައްހިންގާ ތަންތަނަށް ވަކި ފިކުރެއް ނުވަތަ ސިޔާސީ ޕާޓީއެއް ބެލުމެއްނެތި، ހަމަހަމަ އުސޫލުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ