ޓްރެރިޒަމްގެ ދަޢުވާކޮށް އެތައް ބަޔަކު ބަންދުކުރެވުނީ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ޚިލާފަށް

ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާ ޤާނޫނުތަކުގައިވާ ގޮތުގެ މަތީންކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ސާފު ޢިބާރާތުގައި ބުނެފައިވާއިރު، ޢަމަލުކުރާނޭ ގޮތް ބަޔާންކުރާ ޤާނޫނެއްނެތި ކުރިމިނަލް ކޯޓުން 20 އަދި 21 ފެބުރުއަރީ 2018 ދުވަހު ހިންގެވި އިޖުރާއަތުތަކަކީ ބާޠިލު، އިންސާފެއްނެތް އިޖުރާއަތުތަކެކެވެ. އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގައި ބުނެފައި އޮންނައިރު، ޢަމަލުކުރެވޭނޭ އެއް އުޞޫލެއް ކަނޑައެޅިފައި އޮތުމަކީ އެ ޙައްޤު ލިބިދިނުމުގެ މުހިންމު އުންސުރެކެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ހައްޔަރުކުރެވުނު އެތައް ބައެއްގެ މައްޗަށް، އެއްވެސް އުޞޫލެއް ނެތި، ޢަޝްވާއީ ނުވަތަ އާބިޓްރަރީކޮށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ހިންގި އިޖުރާއަތުތަކަކީ އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤު އެފަރާތްތަކަށް ނުދިނުމަށް ނިންމާފައިވާކަމަށް ވެވުނު އިޢުތިރާފެކެވެ. އަދި ޤާނޫނުއަސާސީގެ ޢާންމު ހަމަތަކަށް ގޮންޖަހާކަމަށް ފާޅުގައި ކުރެވުނު އިޢުލާނެކެވެ. ސަރުކާރާއި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ މި ޢަމަލު ގުޅިފައިވާ ޕާޓީތަކުން ކުށްވެރިކުރަމެވެ.

ދިވެހިރާއްޖޭގައި އިޢުލާނުކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރެވުނު އެތައް ބަޔަކީ ޓެރަރިސްޓުންގެ ގޮތުގައި ދުނިޔެއަށް ދެއްކި ނަމަވެސް އެއީ އިސްލާޙަށްޓަކައި ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ގޮތަކުން އެޅޭ ހުރަހަކަށް ނުވާނޭކަމުގެ ޔަޤީންކަން ގުޅިފައިވާ ޕާޓީތަކުން ހުރިހާ ދިވެހިރައްޔިތުންނަށް އަރުވަމެވެ.

ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާގެ ތެރެއިން މީހުންނާމެދު ޢަމަލުކުރެވޭނޭ އިޖުރާއަތު ނުލިޔެވި އޮތުމަކީ އެކި މައްސަލަތަކުގައި އެކި ގޮތަށް ޢަމަލުކުރެވިގެން ހިނގައިދާނޭ ކަމަކަށްވާތީ، އެއީ ޒަމާނީ ދިމުޤުރާޠީ އުޞޫލުތަކާ ޚިލާފްކަމެއް ކަމަށް ދެކިގެން ރައްޔިތުންގެ މަޖިލީހުން އޮތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް އެކުލަވާލާފައެވެ. އެ ޤާނޫނު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގެ ދަށުން ހިފެހެއްޓިފައި އޮތުމުގެ ނަތީޖާއަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަނޑިޔާރުން ޢަމަލުކުރަންޖެހޭނޭ ލިޔެވިފައިވާ އުޞޫލެއް ނެތުމެވެ. އެ ޙާލަތުގައި އެއްވެސް މީހެއްގެ މައްޗަށް ފަނޑިޔާރަކު ހިންގާ އިޖުރާއަތެއް ޞައްޙަވާނޭކަމަށް ޤަބޫލުކުރެވޭނޭ ޤާނޫނީ ހަމައެއް ނޯންނާނެއެވެ.

ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރީ ސަރުކާރުން ކަނޑައެޅި ވަކި ބަޔަކު ރަހީނު ކުރުމަށެވެ. ޖިނާއީ ޢަދުލުގެ ނިޒާމު ހިންގާ މުއައްސާސާތައް ކަމަށްވާ ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކޯޓުތައް ބޭނުންކުރަމުން އެ ގެންދަނީ ސަރުކާރުގެ އެ ޢަމަލުގައި ޤާނޫނީ ސިފަ ޖެއްސުމަށެވެ. އެކަމަށް އެއްބާރުލުން ނުދިނުމަށާއި، އެ ޖަރީމާގައި ބައިވެރިނުވުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ ހުރިހާ މުއައްޒަފުންނަށް ހިތްވަރުދެމެވެ.

ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު، ފަނޑިޔާއު ޢަލީ ހަމީދު، ބައެއް މަޖިލީސް މެންބަރުންނާއި އަދި ޕާޓީތަކުގެ އިސް މަޤާމުގައި ތިބި ފަރާތްތަކުގެ މައްޗަށް މި ސަރުކާރުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާތަކަކީ އެއްވެސް ޙަޤީޤަތެއް، އަސާސެއް ނެތް ދަޢުވާތަކެކެވެ. އެކަން މާތް ﷲ ގެ އިރާދަފުޅާއެކު އިސާހިތަކު ސާބިތުވެގެންދާނެއެވެ. ދިވެހިރާއްޖެއާއި، ދިވެހި ރައްޔިތުންނާމެދު ނިރުބަވެރި ޢަމަލެއް ހިންގުމަކީ މި ދަޢުވާ އުފުލިފައިވާ އެއްވެސް ފަރާތުން ކުރާނޭ ކަމެއް ނޫންކަން ދިވެހިރައްޔިތުން ހެކިވާނެއެވެ.

ރައްޔިތުން ސާބިތުވެ، އިސްލާޙީ މަސައްކަތުގައި ދެމި ތިއްބަވާށެވެ. ޓެރަރިޒަމް ގެ ދަޢުވާކޮށް ބަންދުކުރެވުނު ފަރާތްތަކުގެ އަޒުމަކަށް އަދި ހިތްވަރަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިވެހިރައްޔިތުންގެ ޢުއްމީދުތަކާ އެއްގޮތަށް، މި އަނިޔާވެރިކަމުން ދާއިމީ ޙައްލެއް ލިބިގެންދާނޭ ދުވަސް މާތްﷲ ގެ އިރާދަފުޅާއެކު ކައިރިވެއްޖެ ކަމުގެ އުފާވެރި ޚަބަރު ދިވެހިރައްޔިތުންނަށް ދެމެވެ. ދިވެހިރާއްޖެ އަނިޔާވެރިކަމުގައި، އަދި ދިމުޤުރާޠީ ހަމަތަކާ ދުރުގައި ބޭއްވުމަށް ކުރަމުން އެ ގެންދާ އެއްވެސް މަސައްކަތަކީ ކާމިޔާބުވާނޭ މަސައްކަތެއް ނޫންކަމުގެ ޔަޤީކަންވެސް ގުޅިފައިވާ ޕާޓީތަކުން ދިވެހިރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް