އެމްޑީޕީ ހަރުގެ ކައިރީގައި ހިންގާ ޞުލްޙަވެރި ސިޔާސީ ޙަރަކާތަށް ފުލުހުން ހުރަސް ނޭޅުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިޓީއެއް ފޮނުވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ހިމެނޭ ގޮތުން އިންތިޒާމް ކުރާ ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް މިޕާޓީގެ ހަރުގެ ސަރަޙައްދުގައި ހިންގަމުންދާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެޙަރަކާތްތަކަށް ހުރަސްއަޅައި އެޙަރަކާތްތައް ހުއްޓުވައި، އަދި މިޕާޓީން ރާވާ ޙަރަކާތްތައް އޮންނަ ދުވަސްތަކުގެ ހަމަ އެ ވަގުތުތަކުގައި، ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ޙަރަކާތްތައް ފުލުހުންގެ އެހީތެރިކަމާއި ބެލެހެއްޓުމުގެ ދަށުން ބާއްވަމުން ގެންދާތީ ހަމަހަމަ އުސޫލުން މި ޕާޓީއާމެދުވެސް ކަންކަން ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިޓީއަކުން މިއަދު ހުށަހަޅައިފިއެވެ.

މި ސިޓީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގައިވަނީ، ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤަކީ ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްޤެއް ކަމަށާއި އަދި ޤާނޫނުއަސާސީގައި ބުނެފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަންތަކަކީ އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމުގައި ފާހަގަކޮށްފަައިވެއެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބާއްވާ ޙަރަކާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސާވިސްއިން ޢަމަލުކުރާ އުޞޫލުން، މިޕާޓީ ހިމެނޭ ގޮތުން އިންތިޒާމް ކުރާ ޙަރަކާތްތަކުގައިވެސް ޢަމަލު ކޮށްދެއްވުމަށް އެދި، އަދި ފުލުހުންގެ މައްޗަށް ޣައިރުޤާނޫނީ ޢަމުރުތައް ނުކުރުމަށާއި، އެފަދަ ޢަމުރުތަކަށް ފުލުހުން ތަބާ ނުވުމަށް މިޕާޓީން ގޮވާލާ ވާހަކަ އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.