އެންމެ ބޮޑު އަޅުވެތިކަމަކީ ދުލުގައި ކަސްތޮޅު އެޅުން: އަލީ ނިޒާރު

އެންމެ ބޮޑު އަޅުވެތިކަމަކީ އަދި އެންމެ ބޮޑު އަނިޔާއަކީ ދުލުގައި ކަސްތޮޅު އެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ ރައީސް ޔާމީނާ އެކު މިވަގުތު ތިއްބެވި ބައެއް ބޭފުޅުންނަކީ ދުލުގައި ކަސްތޮޅު އެޅި އަނިޔާ ލިބެމުންދާ ބޭފުޅުން ކަމަށާއި އެހެންކަމުން އެބޭފުޅުން މިއަދު ކޮސްގޮވަމުންދާ ކަމަށެވެ.
ނިޒާރު ވިދާޅުވީ އެންމެ ކަންބޮޑުވެ ހިތާމަކުރަން ޖެހެނީ ރައީސް ޔާމީނާއެކު ތިއްބެވި ބައެއް މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް އެބޭފުޅުންނަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްޤުތަކާއި އިމްތިޔާޒުތައް ނިގުޅައިގަތުމުން ވެސް އެއީ ރަނގަޅަށް ހިނގާ ކަމެއް ކަމަށް ދެކުން ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އަނިޔާއެއް އަދި ވަރަށް ބޮޑު ލަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އަލީ ނިޒާރު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާ އެކު ޕީޕީއެމް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅުން މިއަދު ރެއަކު ތިން ހަތަރު ޓީވީއަށް އަރުއްވައި ކުރައްވާ ހަމައެކަނި ކަމަކީ ރައީސް މައުމޫނާ ދެކޮޅަށް ހަޑިމުޑުދާރު ވާހަކަ ދެއްކެވުން ކަމަށާއި އެގޮތަށް އަމަލުކުރުމުން އެނގިގެންދަނީ މިސަރުކާރުގައި ސިޔާސަތެއް ނެތުމާއި، އެބޭފުޅުންނަށް ކަންކަންކުރެވޭނެ އިތުރު ގޮތްތަކެއް ވެސް ނެތިފައިވުން ކަމަށެވެ. މީގެ އިތުރުން

ރައީސް ޔާމީނަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމު ގަބޫލުކުރައްވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވަމުން އަލީ ނިޒާރު ވިދާޅުވީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭއިރު ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ދޭންޖެހޭނޭ ކަމަށެވެ.

ރޭގެ ޖަލްސާގައި އަލީ ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން އެމްޑީޕީގެ މެންބަރުން ކުރާ އެންމެ ބޮޑު އުއްމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވުން ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަކީ ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނިންމުމަށް އެބޭފުޅުންގެ ސިޔާސަތުތަކާއި ފިކުރުތައް ގުރުބާން ކުރަންޖެހޭ ހާލަތުގައި އެކަން ކުރައްވާނޭ ބޭފުޅުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުތަކުގައި ތަފާތުތައް ހުރި ނަމަވެސް ހުރިހާ ޕާޓީއެއްގެ އަމާޒަކީ ދިވެހި ދައުލަތް ސަލާމަތް ކޮށްދިނުމާއި ރައީސް ޔާމީނުގެ ފެއިލްވެފައިވާ ސިޔާސަތުތަކުން ދިވެހިރައްޔިތުން މިނިވަންކޮށް ހެޔޮގޮތުގައި ދިވެހި ދައުލަތް ދިވެހި ރައްޔިތުންނާ ހަވާލުކޮށްދިނުން ކަމަށެވެ. ގުޅިފައިވާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރަނީ ފިކުރުތަކާއި ސިޔާސަތުތަކުގައި ތަފާތު ހުރިކަން އެނގިގެން ކަމަށާއި ސަރުކާރުގެ ވެރިން އެކަން ހަނދާންކޮށްދޭން ނުޖެހޭނޭ ކަމަށާއި ސިޔާސީ ފިކުރު ތަފާތު ނަމަވެސް ޕާޓީތަކުގެ ލީޑަރުންގެ އަމާޒު އެއްގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮންމެ ޕާޓީ އަކަށް ވެސް އެ ޕާޓީ އަކުން ބޭނުންވާ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ދިނުމަށް ބޭރުގެ ގައުމުތަކުން ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލަމުންދާ ކަމަށާއި، ދިވެހިރާއްޖެއަކީ ބޭރުގައުމުތަކަށް ބަރޯސާވާން ޖެހޭ ގައުމަކަށްވާ އިރު، އެ ގޮވާލުމަށް އިޖާބަ ނުދެއްވާ ރައީސް ޔާމީނަށް ނުހުންނެވޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއިން ކޮރަޕްޝަން ނައްތާލުމަށް މިހާރު ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ސައޫދީ ސަރުކާރުން ވެސް އެހީނުވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.