ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އާންމު މެންބަރުން އެކުގައި މަސައްކަތް ކުރުމަށް ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ގޮވާލައްވައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި، ވަކިވަކި ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ މެންބަރުންގެ ސަމާލުކަން ހުއްޓި އެކަމާ ދޭތެރޭ ވިސްނާ ފިކުރުކުރާ އެއްކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުކަމަށާއި ރިޔާސީ އިންތިޚާބުގައި ކަންކަން ކުރާނެ ގޮތުގެ ތަފްޞީލުތައް ތިލަވަމުން އަންނަ އިރު، އާންމު މެންބަރުން ވަރަށް ގިނަ އިތުރު ކަންތައްތަކެއް ކުރަން ޖެހޭކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ނިޔާޒު ވިދާޅުވީ ސިޔާސީ މަޝްރަޙަށް މިހާރު ކުރިމަތިވެފައިވާ މި ގޮންޖެހުންތަކާއެކު އިންތިޚާބެއް ބާއްވާނަމަ، އެ އިންތިޚާބަކީ މިނިވަން އިންސާފުވެރ އިންތިޚާބެއްތޯއާމެދު ކޮންމެ މީހަކުވެސް ސުވާލުކުރާނެކަމަށާއި، އެ އިންތިޚާބު ދެފުށްފެންނަ، އިންސާފުވެރި އިންތިޚާބަކަށް ހެދޭނީ އާންމުރައްޔިތުންގެ ބުރަ މަަސައްކަތުން ކަމުގައެވެ.

އެންމެ ފަހުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ޔޫރަޕިއަން ޔޫނިޔަންގެ ފަރާތުން ޒިޔާރަތްކުރައްވައި ވިދާޅުވީ އެންމެ ބޮޑަށް ސަމާލުކަން ދެއްވާނެ ކަމަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމުގެ މައްޗަށް ކަމަށާއި އެކަން އެގޮތަށް ވިދާޅުވާން ޖެހުނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ހުރިކަމަށް ދެކިވަޑައިގަންނަވާތީ ކަމުގައެވެ.

ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަލިއަޅުވައިލައްވައި، ޢަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުނީ އިލެކްޝަންސް ކޮމިޝަނުގައި ތިެއްބެވި ކޮމިޝަން މެންބަރުންގެ ރަނގަޅުކަމުން ނޫންކަމަށާއި ”އެ އިންތިޚާބު ހޯދީ އަޅުގަނޑުމެން، އެ އިންތިޚާބު އިންސާފުވެރި ކުރީ އަޅުގަނޑުމެން. އެ ނަތީޖާ އެގޮތަށް ބަދަލުކުރީ އަޅުގަނޑުމެން ކުރި މަސައްކަތުން“ ކަމުގައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުނީ އެކިފަހަރުމަތިން އެކަމާ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޕްރެޝަރކޮށްގެން ކަމަށާއި ރިޔާސީ އިންތިޚާބު ކަށަވަރުކުރުމަށް 5 ފަހަރު މަތިން އުޅެން ޖެހުނުނަމަވެސް އެކަން ކުރަން ތައްޔާރަށް ހުންނެވިކަމުގައި ޢަލީ ނިޔާޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް މަސައްތަކީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުން ކަމަށާއި، އެމްޑީޕީގެ 629 ގޮފިތަކާއި ދާއިރާތަކުގެ މަަސައްކަތަުން އެކަން ކުރެވޭނެ ކަމުގައި ޢަލީ ނިޔާޒު ވިދާޅުވިއެވެ.

އާންމު މެންބަރުންގެ މަސައްކަތުން އިރާދަކުރެއްވިޔާ ދެފުށްފެންނަ އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަަމަށާއި އަދި އެ އިންތިޚާބުގައި ވާދަކުރާނީ މެންބަރުން އިންތިޚާބުގައި ވާދަކުރުމަށް އެދޭ ކެންޑިޑޭޓް ކަމުގައިވެސް ޢަލީ ނިޔާޒު ވިދާޅުވިއެވެ.