27 ޑިސެމްބަރ 2009
ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރިގުޅުން އެމްޑީޕީ އިއްތިޙާދުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އިތުރަށް ބަދަހި ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމުގައި އެގައުމުގެ އެސިސްޓަންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަރ ހޫޒެންގުއޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އިސްވެރިންގެ ވަފްދަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓްގައި މިއަދު މެންދުރުފަހު ބޭއްވި މިބައްދަލު ކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ގައުމީ މަޖިލިސްގެ މެންބަރު އަދި ތ. ދާއިރާގެ ރައީސް ޙަސަން އަފީފް އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާގެ އިތުރުން އެމްޑީޕީގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އެވެ.
މި ބައްދަލު ކުރެއްވުމުގައި، މިސްޓަރ ހޫޒެންގުއޭ ދެއްކެވި ވާހަކަފުޅުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެމްޑީޕީ އިއްތިޙާދުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އިތުރަށް ބަދަހިވަމުންދާތި އެކަމާ އުފާފުޅުކުރައްވާ ކަމށާއި، އަދި މިސަރުކާރަށް ޗައިނާ ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލެއްވުން ދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަރ ހޫޒެންގުއޭ އިސްނަންގަވައިގެން އެމްޑީޕީއާއެކު މިފަދަ ބައްދަލުވުމެއް ބޭއްވިކަން ފާހަގަކުރައްވައި، މިސްޓަރ ހޫޒެންގުއޭ އަށް ޝުކުރު އަދާކުރެއްވުމުގެ އިތުރުން ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތައް ފާހަގަކުރައްވައި ޗައިނާ ސަރުކާރަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
ޗައިނާގެ އެސިސްޓަންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަރ ހޫޒެންގުއޭ ރާއްޖެއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ޗައިނާ ސަރުކާރުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.