ޔަަމަނުގައި ސައުދީން އިސްނަގައިގެން ކުރިއަށް ގެންދާ ޤަތުލު އާންމު ހުއްޓާލުމަށާއި އދ. އިން ސައުދީ ބްލެކް ލިސްޓުކޮށްފައިވާތީ، ސައުދީގެ އަސްކަރީ ކޯލީޝަނުން ދިވެހިރާއްޖެ ވަކިވުމަށް ގޮވާލަން

ސައުދީ ޢަރަބިއްޔާއިން އިސްވެ ޔަމަނުގައި ކުރިއަށް ގެންދާ ޤަތުލު އާންމާ ގުޅިގެން ސައުދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލީޝަން އދ. އިން ބްލެކް ލިސްޓު ކުރުމާއެކު ދިވެހިރާއްޖެ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލީޝަނުން މިހާރުން މިހާރަށް ވަކިވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.

ސައުދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ ކޯލީޝާނުން ކުރިއަށް ގެންދާ ޤަތުލު ޢާންމުގައި މައުސޫމް ކުޑަކުދީންނާއި، އަންހެނުން އަދި އެތައްހާސް އާންމު ރައްޔިތުން މެރުމާއި، ރައްޔިތުން ދިރިއުޅޭ ހިސާބުތަކަށް ބޮން އެޅުމާއި މިފަދަ ލާއިންސާނީ ކަންކަން ކުރިއަށްގެންދާތީ، ފައިތުވީ ހަފްތާގައި އދ. ގެ ސެކެޓަރީ ޖެނެރެލް ވަނީ މި އަސްކަރީ ކޯލީޝަން ”ލަދު ލިސްޓު“ ގައި ހިމަނުއްވާފައެވެ. 24 އޯގަސްޓުގައި އދ. އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ސައުދީގެ ކޯލީޝަންގެ ރަޙްމެއްނެތް އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 700 ކުޑކުދިން މަރުވެ، 40 ސްކޫލާއި ހޮސްޕިޓާ ބިމާ ހަމަވެފައިވާ ކަމަށެވެ.

އދގެ ލަދު ލިސްޓު“ ގައި ސައުދީގެ ކޯލީޝަން ހިމެނިގެންދިއުމާއެކު ދިވެހިރާއްޖެ ފެނިގެންދަނީ މުސްލިމް މައުސޫމް ތުއްތުކުދިންނާއި އަންހެނުންނަން
އަނިޔާވެރި ހަމަލާދީ މަރަމުންގެންދިއުމުގެ ލަދުވެތި ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވާ ބައެއްގެ ގޮތުގައެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ ބައެއްގެ ކޯލީޝަނަކާ ދިވެހިރާއްޖެއިން ގުޅިފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ. ދިވެހިރާއްޖެއަކީ ޞުލްޙައަށް ލޯބިކުރާ ޤައުމަކަށްވީހިނދު، މިފަދަ އަނިޔާވެރިކަމެއް ކުރާ ބައެއްގެ މަސައްކަތްތަކަށް ހިތްވަރުދީ ޢަމަލީ ގޮތުން ސައުދީއިން ހިންގާ މިފަދަ ކަންކަމުގައި ބައިވެރިވުމުކީ ދިވެހި ދައުލަތުންނާއި ދިވެހި އަސްކަރިއްޔާއިން ކޮށްގެންވާނެ ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އިތުރަށް ކިލަނބުވެ އެކަހެރިވެގެންދާނެއެވެ. ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް މިފަދަ ލާއިންސާނީ ކަންކަމުގައި ދިވެހި އަސްކަރިއްޔާ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެކެވެ.

ޔަމަނުގެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ މިވަގުތުގައި މުސްލިމް އަޚުންނަށް އެހީތެރިވެ ދިނުމަކީ ދިވެހިންގެ ޒިންމާއެކެވެ. އެހެންކަމުން މި އަނިޔާވެރި ޢަމަލުތައް ހިންގާ ބަޔަކާއެކު އެއްބަސްވެފައިވާ ކޯލީޝަނުން މިހާރުން މިހާރަށް ވަކިވުމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ
ތާރީޚް: 7 އޮކްޓޯބަރު 2017