މާރާމާރީތައް އިތުރުވެ، ޙައްޤަކާއި ނުލައި ގިނަ ބަޔަކު މަރަމުންދާއިރު، އެކަން ހުއްޓުވުމަށް ސަރުކާރު ނުކުޅެދިފައިވާތީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން!

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތީ، އެމަނިކުފާނުގެ ޒަޢާމަތުގައި ޒުވާނުންނަށް ކާމިޔާބު ކުރިމަގެއް ހޯދައިދޭނެ ކަމުގެ ފޮނިހުވަފެން ދެއްކުވުމަށްފަހުއެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ކަށަވަރުކޮށްދިނުމާއި، ޒުވާނުންނަށް ތަޢުލީމާއި ކުޅިވަރުގެ ފުރުސަތުތައް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް މި ކަންކަން ކަށަވަރުކޮށްދެވޭނީ ޒުވާނުންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދެވިގެނެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަނުޖެހުމާއި މާރާމާރީ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިސަރުކާރު އައި ފަހުން ތިރީހަށްވުރެ ގިނަ މީހުން މާރާމާރީ ތަކުގައި ވަޅީގެ ހަމަލާގައި މަރާލާފައިވާއިރު، މީގެ ތެރެއިން ގިނަ މަރުތަކަށް އިންސާފު ހޯދައިދިނުމާއި ގާތަށްވެސް ކަމާބެހޭ ފަރާތްތަކަށް ދެވިފައިނުވެއެވެ.

ޒުވާނުންނަށް ގިނަ ހުވަފެންތަކެއް ދައްކަމުން ވެރިކަމާއި ހަވާލުވި މި ސަރުކާރު، މާރާމާރީއާއި މީހުން މެރުން ހުއްޓުވުމަށް ނުކުޅެދިފައިވާއިރު، މިހާރު ސަރުކާރުގެ އަމާޒު ހުރީ ސިޔާސީ ބޭނުމަށް ސްޕޯޓް ފިއެސްޓާ ހިންގުމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާން ޖީލު ހަލާކުވަމުންދާއިރު، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ އެކަމުގެ ބޮޑުން ހޯދުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ. ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫވެ، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތައް ނުކުޅެދިފައި ވާއިރު، ސަރުކާރުގެ އަމާޒު ހުރީ ސަރުކާރާއި ޚިޔާލު ތަފާތުވާ ސިޔާސީ ކޮންމެ މީހެއް ޖަލުގެ ތޭރިތަކުގެ ފަހަތަށް ލުމަށެވެ.

މިކަންކަން މިހެން ވަމުން ދިއުމާއި މާރާމާރީތައް އިތުރުވަމުން ދިޔުމަކީ ގުޅިފައިވާ ޕާޓީތަކުން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. މުޖުތަމަޢުގައި ފެތުރެމުންދާ އަނިޔާވެރިކަމާއި، ލާއިންސާނިއްޔަތު ހުއްޓުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަކުރަމެވެ. ސިޔާސީ ކަންކަމުން އެއްކިބާވެ، މިފަދަ މާރާމާރީތައް ހުއްޓުވައި، ދިވެހި ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދެއްވުމަށް ދިވެހި ސިފައިންނާއި ފުލުހުން ޤައުމީ ވާޖިބެއް ކަމުގައި ދެކިވަޑައިގެން ނިކުމެވަޑައިގަތުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލަމެވެ. އަދި މިފުރުސަތުގައި ނިޔާވި ފަރާތްތަކުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާކޮށް، އެފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ދަންނަވަމެވެ.
_________________
11 މުހައްރަމް 1439
01 އޮކްޓޯބަރ 2017