ރައީސް މުޙައްމަދު ނަޝީދުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތްޕުޅުގައި ހުރި ހެކިތައް ހުށަހެޅުމުގެ ފުރުޞަތު ދެއްވަން ޖެހޭ

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދުގެ މައްޗަށް ބޭއިންސާފުން ޝަރީޢަތް ހިންގާ 13 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ސަރުކާރުން ރާވައިގެންކަމުގައި އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެކަން ކުރި ގޮތާއި އެކަމުގެ ހެކިތައް އެދުވަސްވަރު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު އަދީބަށް އެނގިވަޑާއިގަންނަވާ ކަމުގައި ބަޔާންކުރައްވައި އަޙްމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީ ފޮނުއްވާފައިވާތީވެ، އެ ހެކިތަކަކީ ކޮަބައިކަން ދެނެގަތުމަށް ސުޕްރީމް ކޯޓުން އަޙްމަދު އަދީބަށް ފުރުޞަތު ދެއްވުމަށް މި ޕާޓީން ގޮވާލަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގުނު ޝަރީޢަތް ހިންގާފައިވަނީ މުޅި ޢަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކަމަށާއި އެކަން ސާބިތުވާނޭ ހެކިތައް އަޙްމަދު އަދީބު އަތުގައި ހުރިކަމުގައި ވިދާޅުވެފައިވާހިނދު، މިފަދަ ބޮޑު ޖަރީމާއެއް ހިންގައި ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ އަދި ދިވެހިރާޢްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ނުޙައްޤުން އެންމެ ހިނދުކޮޅަކުވެސް ޖަލުގައި ބަންދުކޮށްފައި ހުރުމަކީ އެމަނިކުފާނަށާއި، މި ޕާޓީއަށް ދެވޭ ބޮޑު އަނިޔާއެެކެވެ. ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތަކީ މުޅި ދުނިޔޭގެ ނަޒަރު އެކަމަށް ހުއްޓި، އެކަމާ ގުޅިގެން އދ. ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަން އާއި، އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ އާއި، އިންޓަނޭޝަނަލް ކޮމިޝަން ފޯ ޖޫރިސްޓްސް އާއި، އެމެރިކާ ސަރުކާރާއި، އިނގިރޭސި ވިލާތާއި، ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕިއަން ޕާލިމަންޓުގެ ފާޑުކިޔުން ރާއްޖެއަށް އަމާޒުވެ، އެމަނިކުފާނު މިނިވަން ކުރުމަށް ވަނީ ގޮވާލާފައެވެ.

ރައީސް މުޙަމަދު ނަޝީދުގެ މައްޗަށް ހިންގުނު ޝަރީޢަތާ ގުޅިގެން ރާއްޖެއަށް އަމާޒުވި ފާޑުކިޔުންތަކަށް ބީރު ކަންފަތެއްދީ، ރާއްޖެއާ ގުޅުން ބަދަހި އެތައް ޤައުމުތަކާ އޮތް ރަޙްމަތްތެރިކަމަށް ބުރޫ އަރާ މިއަދު ދިވެހިރާއްޖެ ވަނީ ބައިނަލްއަޤްވާމީ މުޖުތަަމަޢުގައި އެކަނިވެރިވެ، ޚުދުމުހުތާރު ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައެވެ. ރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެ، ރައްޔިތުންގެ އެތައް ޙައްޤުތަކަަށް އަރައިގަންނަމުންދާއިރު، ސިޔާސީ ލީޑަރުންނާއި، ބޭއިންސާފުން ޝަރީޢަތްކޮށް ޖަލަށްލާފައިވާ ހުރިހާ މީހުން މިނިވަންކުރާން މި ޕާޓީން ގޮވާލަމެވެ. މިއަދު އެނގި ހާމަވަމުންދާ ޙަޤީޤަތަކީ ސިޔާސީ ބޭނުމަށް އެތައް ބަޔަކު ޖަލަށްލުން އާންމުވެ، މުޅި ޝަރުޢީ ނިޒާމްވެސް ހައިޖެކް ކުރުމަށް ވަކި މީހަކު މަސައްކަތް ކުރަމުންދާކަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގުނު ގޮތުގެ ތަފްޞީލް އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވާ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ އަލުން ބައްލަވައި އަދީބަށް އެނގިވަޑައިގަންނަވާ މަޢުލޫމާތަކީ ކޮބައިކަން ދެނެގަތުމަކީ މުހިއްމު ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 17 ޖުލައި 2017