ޤާސިމްގެ މައްޗަށް އަލުން ދައުވާއެއް ނުކުރެވޭނެ: ހިސާން ޙުސައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލާފައިވާތީ އެމައްސަލަތަކުގައި އެމަނިކުފާނުގެ މައްޗަށް އަލުން ދައުވާ ނުކުރެވޭނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީގަލް އެފެއަރޒް ޑައިރެކްޓަރ އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރާޢަތުގެ ގާނޫނުގައިވާ ގޮތުން ކޯޓަށް ހުށަހަޅާ ދައުވާ އަނބުރާ ގެންދެވޭނީ އިބްތިދާއީ އަޑުއެހުމާއި ފުރަތަމަ އަޑުއެހުމާ ދެމެދުގައި އެކަނި ކަމަށާއި އޭގެ ފަހުން އެ ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހީމްގެ މައްޗަށް ދައުވާ ކުރާ މައްސަލާގައި ޖުމްލަ ފަސް އަޑުއެހުމެއް ބާއްވައި ހެކި ހުށަހަޅާފައި ވަނިކޮށް ޕީޖީން އިއްޔެ އަމަލުކޮށްފައިވާ ގޮތުން އިތުރަށް އެ މައްސަލަތައް ދެން ކުރިޔަށް ގެންދެވޭނޭ ގޮތެއް ނޯންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެ މައްސަލަތަކުގައި ގާސިމް އިބްރާހީމްގެ މައްޗަށް އަލުން ދައުވާކޮށްފި ނަމަ އެކަމަކީ ގާނޫނު އަސާސީއާއި ޖިނާއީ އިޖުރައާތުގެ ގާނޫނާއި އަދި މުޅި ޖިނާއީ އަދުލުގެ ނިޒާމާއި ޚިލާފަށް ޕްރޮސެކިއުޓާ ޖެނަރަލް އާއިޝަތު ބިޝާމް ކުރައްވާ ކަމެއް ކަމަށެވެ. 

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ އިއްޔެ ގާސިމް އިބްރާހީމްގެ ޝަރީއަތް ކޯޓުގައި ފެށުމާއެކު ޖިނާއީ އިޖުރާޢާތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން އެދިވަޑައިގަތުމުން ދައުލަތުން އެކަމަށް ޖަވާބު ދިނުމަށް ވަގުތު ބޭނުންވާ ކަމަށް ބުނުމުން ޝަރީއަތް މެދުކަނޑާލި ކަމަށާއި އޭގެ ފަހުން ޕީޖީގެ ވަކީލުން ޝަރީއަތަށް ހާޒިރުވެފައި ނުވާ ކަމަށާއި، މީގެ ކުރިން ދުވަހަކު ވެސް ޕީޖީގެ ވަކީލުން މި ގޮތަށް އަމަލުކޮށްފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ގާސިމާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގައި ހެއްކަކަށް ހުށަހަޅާފައިވަނީ ގާސިމް އިބްރާހީމް ޕޯޑިއަމެއްގައި ދެއްކެވި ވާހަކަތަކެއް އެކަނި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.