ދިވެހި ގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، މާތްވި އިސްލާމްދީނާއި، ދުސްތޫރީ ފިކުރާއި، ދިވެހިންގެ އަމިއްލަވަންތަކަމާއި، އާދަކާދަތަކާއި އަދި ޑިމޮކްރަސީ ހިމާޔަތްކޮށް ރައްކާތެރިކުރު
އެމްޑީޕީގެ ދިފާއީ ސިޔާސަތު ހިމެނެނީ ދިވެހި ގައަމުގެ ‘އިސްތިރާތީޖީ ސަލާމަތަށް’ ވިސްނާ، ދިވެހިރާއްޖޭގެ ހާއްސަ ގައުމީ މަސްލަހަތަށް ރިއާޔަތްކޮށް، އެމަސްލަހަތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެކުލަވާލެވޭ އިސްތިރާޖީޖީ ސަލާމަތްތެރިކަމުގެ ނުވަތަ ‘ސްޓްރެޓީޖިކް ސެކިއުރިޓީ’ ގެ ވިސްނުމަކާއި އޮނިގަނޑެއްގެ ތެރެއިންނެވެ.
އެގޮތުން މިސިޔާސަތު ކަނޑައެޅިފައިވަނީ، ދިވެހި ގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، މާތްވި އިސްލާމްދީނާއި، ދުސްތޫރީ ފިކުރާއި، ދިވެހިންގެ އަމިއްލަވަންތަކަމާއި، އާދަކާދަތަކާއި އަދި ޑިމޮކްރަސީ ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މި ސިޔާސަތުގެ އެންމެ އިސް އަމާޒުކަމުގައި ދެކިގެންނެވެ. ހަމަ އެހެންމެ މިސިޔާސަތު ވެގެންދާނީ، ދިވެހި ރާއްޖޭގެ އިގްތިސާދީ އަދި ސިނާއީ ތަރިކަތަކާއި، ސިޔާސީ، އިޖްތިމާއީ އަދި ސަގާފީ ތަރިކަތަކާއި، ދިވެހި ގައުމުގެ ސިޔާސީ އަދި އިގްތިސާދީ ސަރަހައްދު އެންމެހާ ނުރައްކާތަކުން ދިފާއުކޮށް ރައްކާތެރިކުރުމަށް މަގުފަހި ކުރާނެ ޕްލޭނެއް ކަމުގައެވެ.
އެމްޑީޕީން ދެކޭ ގޮތުގައި ‘ގައުމީ ސަލާމަތީ އިސްތިރާތިޖިއްޔާ’ ނުވަތަ ނެޝަނަލް ސެކިއުރިޓީ ސްޓްރެޓަޖީއެއްގެ އަލީގައި ގައުމީ ސަލާމަތީ އޮނިގަނޑެއް ދިވެހި ގައުމުގައި ގާއިމްވެގެން ދާންޖެހެއެވެ. އަދި މިއޮނިގަނޑަކީ ކަމާ ގުޅޭ ދައުލަތުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން ‘އިންސްޓިޓިއުޝަނަލައިޒް’ވާ އޮނިގަނޑަކަށް ވާންޖެހެއެވެ. މީގެ އިތުރުން އެމްޑީޕީން ދެކޭ ގޮތުގައި ދިވެހި އަސްކަރިއްޔާއަކީ ރާއްޖެއަށް ކުރިމަތިވެދާނެ އުދުވާނީ ހަމަލާތަކާ، ޓެރަރިޒަމާ، އިރެގިއުލަރ ވޯފެއަރ އާ، ކަނޑު ފޭރުމާ، މަސްތުވާތަކެތި އެތެރެކުރުމާ، އިންސާނީ ވަގުފާރިކުރުމާ، ބައިނަލް އަގްވާމީ މަނީ ލޯންޑްރިންގް ފަދަ ކަންކަމުންނާ ގައުމަށް ދިމާވާ ކުއްލި ކާރިސާތަކުގައި ގައުމާ ރައްޔިތުން ރައްކާތެރިކޮށްދެވޭނެ ފަދަ ގާބިލު، މިކަމަށް ބޭނުންވާ ތަމްރީނާ ޒަމާނީ ވަސީލަތްތައް ލިބިފައިވާ ދިފާއީ ބާރަކަށް ވާންވާނެއެވެ.
އެމްޑީޕީ ސަރުކާރެއްގެ ދިފާއީ ސިޔާސަތުގެ މައިގަނޑު ދެތަނބަކީ ނުވަތަ އެންމެ އިސް ދެއަސާސަކި ‘ޕްރިވެންޝަން’އާއި ‘ޑިފެންސް ޑިޕްލޮމަސީ’ ކަމަށްވާހިނދު، ދިފާއީ ސިޔާސަތު ބައްޓަންވެފައިވަނީ އެމްޑީޕީގެ ޚާރިޖީ ސިޔާސަތާ ވަރަށް ބޮޑަށް ވިލަރެސްވެ، އެމްޑީޕީގެ ވެރިކަމުގައި ދިވެހި ރާއްޖޭގެ އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގެ މަސްލަހަތުތަކަށް ސަމާލުކަން ދިނުމަށް ވިސްނާ، ހާރިޖީ ދިފާއީ އެކުވެރިކަމާ އެއްބާރުލުމަށް ފުރިހަމަ އަހައްމިއްޔަތެއް ދިނުމުގެ ވިސްނުމުގައެވެ