ދިވެހި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންގެ އަސާސީ ޚައްގުތައް ރައްކާތެރިކޮށް ދިމާވާ މައްސަލަތައް ނައްތާލުމަށް ހަރުދަނާ އިންސާފުވެރި ދެފުއްފެންނަ އުސޫލުތަކެއް ޤާއިމު ކުރުމަށް ސަރުކާރަށް ގޮވާލުން:

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ ޑިމޮކްރެޓިކް އުޞޫލުތައް ރާއްޖޭގައި ނަގަހައްޓައި ހިމާޔަތްކުރުމެވެ. ހަމަ އެއާއެކު، އިންސާނީ އަދި އަސާސީ ޙައްޤުތައް ކުރިއަރުވައި ދަމަހައްޓައި، ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު އިންސާނުންގެ މެދުގައި ކަންކުރާ ތަހްޒީބު މުޖްތަމަޢެއް ބިނާކުރުމަކީ މިޕާޓީގެ މައިގަނޑު އެއް އަމާޒެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރައިގެން ދިއުމުގައި ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ރޯލާއި ހިއްސާ ވަރަށްވެސް ބޮޑުވެފައި މުހިއްމެވެ. ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންނާ ގުޅޭގޮތުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ މިޕާޓީ އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެކެވެ. ހާއްސަކޮށް ގާނޫނާ އުސޫލުތަކާއި ހިލާފަށް ބިދޭސިން ރާއްޖެ އެތެރެކޮށް ހިއުމަން ޓްރެފިކިންގ އަށް ޖާގަ ލިބޭނޭ ގޮތަށް ސަރުކާރުން މަގުފަހިކުރަމުންދާކަމީ ރާއްޖޭގައި މަސައްކަތްކުރާ އެތައް ބިދޭސީންނެއްގެ އަސާސީ ހައްގުތައް ގެއްލި މިނިވަން ޑިމޮކޮރެޓިކް ތަހުޒީބު މުޖުތަމައުއެއްގައި އިންސާނުންނާ މެދު އަމަލުނުކުރެވޭފަދަ ދަށުދަރަޖައިގައި ބިދޭސީ މަސައްކަތްތެރިންނާއި މެދު އަމަލުކުރެވި އަދި އޭގެ ނުސީދާ ނަތީޖާއެއްގެ ގޮތުން ދިވެހި މުޖުތަމައުގެ ތެރޭގައި އެތައް އިޖުތިމާއި މައްސަލަތައް ދިމާވަމުންދިއުމެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރައްޔިތުންނަށާއި ބިދޭސީ މަސައްކަތްތެރީންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤުތަކެއް ގެއްލިގެންދާކަން މިޕާޓީން ފާހަގަކުރަމެވެ.. އަދި ސަރުކާރުގެ ސިޔާސަތުތަކުގައި އަމާޒެއް ނެތުމުގެ ސަބަބުން، ބިދޭސީންނާ ގުޅޭ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކަށް ކައުންސިލްތަކުން އެކަށީގެންވާ ޙައްލެއް ހޯދުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން މިޕާޓީއަށް ފާހަގަކުރެވެއެވެ. އަދި އެމައްސަލަތަކަށް ޙައްލު ހޯދުމަށް ކައުންސިލްތަކުން މަސައްކަތްކުރާއިރު ސަރުކާރުން އެކަށީގެންވާ އެއްބާރުލުން ނުދޭކަންވެސް ފާހަގަކުރަމެވެ.
ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި މިޕާޓީ އަބަދުވެސް ވަކާލާތު ކުރާ އެންމެ މުހިއްމު އަސާސަކީ، ރައްޔިތުން އެދޭ ގޮތް ދެނެގަނެ ރައްޔިތުން އެދޭ ގޮތަށް ޤާނޫނު އަސާސީގައި ކަށަވަރުކޮށްދެވިފައިވާ އެންމެހާ ޚައްގުތައް ރައްކާތެރިކޮށް ޚިދުމަތް ދިނުމެވެ. އަދި އެފަދައިން މުއާމަލާތުކުރުމުގައި ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ކޮންމެ މީހަކަށްމެ ހިމާޔަތް ކޮށްދެވިފައި އޮތުމެވެ. ވަކި ބަޔަކާމެދު އެއީ ބިދޭސީންކަމުގައި ވިޔަސް ތަފާތުކުރުން ގެންގުޅުމަކީ މި ޕާރޓީން ގަބޫލުކުރާނޭކަމެއް ނޫނެވެ. އަދި އެފަދަ އެންމެހާ އަމަލުތައް މި ޕާރޓީއިން ކަނޑައެޅިގެން ކުއްވެރިކުރާކަމެކެވެ.
މިމަހުގެ 16 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރި އިހަވަންދޫގައި މަރާލާފައިވާ ޅ.ހިންނަވަރު އިސްމާޢީލް ޢުމަރުގެ މަރާ ގުޅިގެން އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް އަމާޒުކޮށް އެރަށު ކައުންސިލުން ނެރުނު އިޢުލާނުގައިވާ ބައެއް ކަންކަމަކީ ޤާނޫނާ ޚިލާފު ކަންކަން ކަމުގައި އެކައުންސިލުން ނިންމައި އެކަން އިޢުލާނުކޮށްފައިވާތީ އެކައުންސިލަށް މިޕާޓީން މަރުހަބާ ދަންނަވަމެވެ. އަދި، ބިދޭސީންގެ މަސައްކަތްތެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި މުހިއްމުރޯލެއް އަދާކުރާ ބައެއްކަމަށްވެފައި ބިދޭސީންގެ ކަންކަން ބެކެހެއްޓުމައި އަދި އެފަރާތްތަކުގެ އެންމެހާ ޚައްގުތައް ހިމާޔަތްކުރުމަށްހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައި ކައުންސިލްތަކާއި މުޖުތަމައު ހޭލުންތެރިކުރުމަށް ދިވެހި ދައުލަތަށާއި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާރޓީތަކުން މަސައްކަތް ކުރުމަށް މިޕާޓީން ގޮވާލަމެވެ.