10 ޑިސެމްބަރ 2009
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އިންޑޮނީޝިޔާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ބާލީ އަށް ފުރާވަޑައިގެންފިއެވެ.
ޗެއަރޕާސަންގެ މިދަތުރު ފުޅަކީ ޑިމޮކްރަސީއާއި ތަރައްޤީގެ ރޮނގުން އޭޝިޔާގެ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ޑިމޮކްރަސީއަށް މަސައްކަތްކުރާ ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން އިންޑޮނީޝިޔާގެ ވެރިރަށް ބާލީގައި ބާއްވާ “ބާލީ ފޯރަމް 2” ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ޑިސެމްބަރު މަހުގެ 10 އިން 11 އަށް ބާލީގައި ކުރިޔަށްދާ މި ފޯރަމް ގައި އޭޝިޔާގެ ގައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ހުރި ހުރަސްތަކާއި ދަތިތަކާއި، ޑިމޮކްރަސީ ގާއިމްކުރެވިފައިވާ ގައުމުތަކުގައި ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
އޭޝިޔާގެ 5 ގައުމެއްގެ އެންމެ އިސްވެރިންނާއި އޭޝިޔާގައި ޑިމޮކްރަސީ ގާއިމްކޮށްފައިވާ ގިނަ ގައުމުތަކެއްގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާ މި ފޯރަމް ގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ އިތުރުން އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން ވެސް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ތަފާތުއެކި ގޮންޖެހުންތަކާއި އެކުވެސް ދިވެހިރައްޔިތުން އެތައް ގުރުބާނީއެއް ވެގެން ރާއްޖޭގައި ގާއިމްކޮށްފައިވާ ޑިމޮކްރަސީ ފައްކާކުރުމަށް އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދާދި ފަހުން ކޮމަންވެލްތުން ވަނީ އެ ޖަމާއަތުން ގަބޫލުކުރާ ޑިމޮކްރަސީގެ މިންގަނޑުތައް ދަމަހައްޓައި، ޑިމޮކްރަސީ ހިމާޔަތްކުރުމަށް ގައުމުތަކުގެ ޚާރިޖީވަޒީރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ މެންބަރަކަށް ދިވެހިރާއްޖެ ހޮވާފައެވެ.