ދާއިރާ އިންތިޚާބަށް ފަހު ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ވަންނަމުން އެބަދޭ – އެމްޑީޕީ

ލިޔުނީ: ރާމިޒް

– މިހާރު އެވްރެޖްކޮށް ދުވާލަކު އެމްޑީޕީގައި 12 ގޮފި ރަޖިސްޓްރީ ކުރޭ

mdp-logo-446-x-4663

މިމަހުގެ 1 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ފަހު ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅެމުންދާކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ފަހު އެޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެޕާޓީން ވަކިވެ އެހެން ޕާޓީތަކާ ގުޅޭނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެއީ ޙަޤީޤަތެއް ނޫން ކަމަށާއި، އިންތިޚާބަށްފަހު އެމްޑީޕީއާ އަލަށް ގުޅެމުންދާ މެންބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އަދި މިކަމުން ދޭހަކޮށްދެނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
މީގެ އިތުރުން އެމްޑީޕީގެ މެމްބަރުން ކޮންގްރެސް އާއި ދިމާކޮށް ގިނަ އަދަދެއްގެ ގޮފި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަމުން ކަމަށާއި، އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ނިމުނު ފަހުން އެޕާޓީގައި އަލަށް 63 ގޮފި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، އެވްރެޖްކޮށް ދުވާލަކު 12 ގޮފި ރަޖިސްޓްރީކުރާ ކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.