ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުއްވައިފި

6 އޮކްޓޯބަރ 2010

bangladesh

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރިއަރ އެޑްމިރަލް އަބޫ ސަޢީދު މުޙަންމަދު ޢަބްދުލް އަވާލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބަންގްލަދޭޝްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވަރަށް ގިނަ ކަންކަމުގައި ރާއްޖެއާއި ބަންގްލަދޭޝްއިން ގެންގުޅޭ ވިސްނުން ވަރަށް އެއްގޮތް ކަމުގައި ފާހަގަކުރައްވައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ މިފަދަ އެއްކަން ކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމާ ބެހޭގޮތުން އެމަނިކުފާނު ބަންގްލަދޭޝްގެ ބޮޑުވަޒީރާއެކު ވަރަށް ގިނަ ފަހަރުމަތިން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، މެކްސިކޯގައި މިއަހަރު ބޭއްވޭ ސަމިޓްގައި ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް އައުމަށް ދެ ޤައުމުންވެސް ވަރަށް ބާރުއަޅާ ކަމުގައި ވިދާޅުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ބަންގްލަދޭޝްއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން އަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.