ޕާޓީގެ ތާރީޚް

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ.

އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއެހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ. އެގޮތުން އެތެރޭގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެކަމާއެކު، ދިވެހިރާއްޖެއަށް ޑެމޮކްރެޓިކް ޙަރަކާތްތެރިކަން ގެނުވައި، އިސްލާޙީ ބަދަލުތައް ތަންފީޒުކުރުމަށް އޭރުގެ ސަރުކާރުގެ މައްޗަށް އެމްޑީޕީއަށް ނުފޫޒުފޯރުވުނެވެ.

ޖަނަވަރީ 2005 ގައި ބޭއްވުނުް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެކަން އާންމުކޮށް އިއުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އަދި ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި ދޫނުދީ، އެކަން ހަމަނުޖެހެނީސް ހޯމް މިނިސްޓްރީގެ އޮފީހުން ނުނިކުމެ، ސުލްޙަވެރިކަމާއެކު އިށީނދެތިބެ ކުރި ހިތްވަރުން، 23 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނެވެ.

ޑިސެންބަރު 2005ގައި އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބާއްވައި، ގުނަންތަކަށް މެންބަރުން އިންތިޚާބުކުރުމާއި، ޕާޓީގެ ސިޔާސަތުތައް އެކަށައެޅުގެ މަސައްކަތް ކުރެވުނެވެ. އެމްޑީޕީގެ އެތައް މެންބަރުންނެއް ނަހަމައިން ދިގު މުއްދަތުތަކަށް ހައްޔަރުކުރުމާއެކު، ޕާޓީގެ އިސްވެރިންނަށާއި، މެންބަރުންނަށް ސަލާމަތީ ބާރުތަކުންނާއި، ސަރުކާރުގެ ފަރާތުން ދިޔައީ ހުރަސްތައް ކުރިމަތިކުރުވަމުންނެވެ. އިސްލާޙީ ބަދަލުތަކައިގެން ކުރިއަށްދިއުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ މެދުވެރިވުމާއެކު ބޭއްވުނު 2006 ވަނައަަހަރުގެ ވެސްޓްމިނިސްޓަރ މަޝްވަރާފަދަ ކަންކަމުގެ ތެރެއިން ސަރުކާރާއި އެމްޑީޕީއިން އެއްބަސްވުމަކަށް އާދެވުނެވެ.

އޯގަސްޓް 2008 ގައި އެތެރެއާއި، ބޭރުގެ ފިއްތުންތަކާއެކު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އައު ޤާނޫނުއަސާސީ ތަސްދީޤުކުރެއްވިއެވެ. ނަތީޖާއަކަށްވެގެންދިޔައީ އޮކްޓޫބަރު 2008 ގައި ބޭއްވި ދިވެހިރާއްޖޭގެ ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބު ބޭއްވުމަށް ފުރުޞަތު ލިބިގެންދިއުމެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުކުރެވިފައިނުވުމާއެކު، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނެވި މުޙައްމަދު ނަޝީދަށް ތާޢީދުކުރެއްވިއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަހަރަށް ޑެމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގަތް ރައީސްގެގޮތުގައި އެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 54 އިންސައްތައިން ކާމިޔާބުކުރެއްވީ މުޙައްމަދު ނަޝީދެވެ.

އެމްޑީޕީގެ ސަރުކާރު އިންތިޚާބުކުރެވުނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމާއި، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ދިވެހިރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ ވަޢުދާއެކުގައެވެ. ފެބްރުއަރީ 2012 ގައި ފުލުހުންނާއި، ސިފައިން އިސްވެ ބަޣާވާތުން ވެރިކަން ފުރޮޅާލިއިރު، އެވަޢުދުތައް ފުއްދުމަށް ކުރާންޖެހޭ ގިނަ މަސައްކަތްތައްވަނީ ކުރެވިފައެވެ. އަދި ބައެއްކަންކަން ވަނީ ޙާސިލުވެސްކުރެވިފައެވެ. އެމްޑީޕީއިން އެދުވަހުއްސުރެންވެސް މަސައްކަތްކުރަމުންދިޔައީ ބަޣާވާތުގެ ސަރުކާރުން ހަނިކުރުމަށް ފައިނެގި ނުހަނުދަތިކަމާއި، ހިންމަތުން ހޯދުނު ޑެމޮކްރެޓިކް ޙައްޤުތަކާއި، މިނިވަން އިންސާފުވެރި އިންތިޚާބުތަކުގެ ފުރުސަތު ޙިމާޔަތްކުރުމަށެވެ.

.އެމްޑީޕީއަކީ 48،990 މެންބަރުންގެ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.