އަލްފާޟިލާ ފަރީޝާ އިބްރާހީމް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުން

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ބައިވެރިވަމެވެ. މި ހިތާމަވެރި ވަގުތުގައި އަލްމަރްހޫމާ ފަރީޝާ އިބްރާހީމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. އަދި އެކަމަނާއަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރަމެވެ.

ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މި ދުނިޔެ ދޫކުރެއްވިއިރު އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ، ފާރިސް މައުމޫނާ ބައްދަލުވެވަޑައިގަތުމުގެ ފުރުޞަތު ދިވެހި ސަރުކާރުން ރަޙުމްކުޑަކޮށް ގަސްދުގައި ނަގާލާފައިވާކަމީ ސަރުކާރުގެ މަޤާމުތައް ފުރުއްވަމުން ގެންދަވާ ހުރިހާ ފަރާތްތައް މިއަދު ލަދުގަންނަން ޖެހޭ ކަމެކެވެ. ތަކުރާރުކޮށް ސަރުކާރުގެ އިދާރާތަކުގައި ފާރިސް މައުމޫން އާދޭސް ދެންނެވުމުންވެސް ސިޔާސީ މަޤްޞަދެއްގައި މިފަދަ އަނިޔާއެއް ދިނުމަކީ ސަރުކާރުން ކުރި ދަށު ދަރަޖައިގެ ޢަމަލެކެވެ. މިފަދަ ރަހުމްކުޑަ ލާއިންސާނީ އަނިޔާ ދިނުމަކީ އެއްވެސް ފަރާތަކުން އެއްވެސް މީހެއްގެ މައްޗަށް ހިންގައިގެންވާނޭ ޢަމަލެއް ނޫނެވެ. އަދި އެކަން މި ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

މިފަދަ އަނިޔާވެރި ނާތަހުޒީބު ޢަމަލުތަކުން ދައްކުވައިދެނީ މިއަދު ދިވެހި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ކިބައިގައި އޯގާތެރިކަމާއި، އިޙްސާންތެރިކަމާއި ހަމްދަރުދީވުން ފަދަ އިސްލާމްދީނުގެ މަތިވެރި ސިފަތައް ނެތް ކަމެވެ. އަދި ވެރިކަމާއި ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވެ، ނަފްރަތާއި ރުޅިވެރިކަން އިސްކުރާ ނާތަހުޒީބު ބައެއްކަމެވެ.