ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެސް އަދި އެ އިންތިޚާބުގެ ނަތީޖާ ވެސް ހޯދުނީ ވަރަށް މަސައްކަތުން: އަލީ ނިޔާޒް

ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި އެ އިންތިޚާބުގެ ނަތީޖާ ވެސް ހޯދަން ޖެހުނީ ވަރަށް މަސައްކަތުން ކަމަށް އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު (މާލީ) އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިއްތިހާދުން ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި “ރައްޔިތުންގެ ބަދަލު” ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ އިންތިޚާބު ބޭއްވިތާ ހަފުތާއެއް ވެގެން ދިޔައިރު އަދިވެސް އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބުގެ ނަތީޖާ ޝީޓުތައް ހަމައަށް ނުލިބޭ ކަމަށް އެ ކޮމިޝަނުން ވިދާޅުވާ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. އެ ގޮތުން 6 ނަތީޖާ ޝީޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި، ލިބުނު ގިނަ ނަތީޖާތައް އަދިވެސް ވެރިފައި ނުކުރެވޭ ކަމަށާއި، އެ ނަތީޖާތައް ހުރީ ޗެކްކުރުމުގެ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

” މި އިންތިޚާބު އަޅުގަނޑުމެންނަށް މި ހޯދުނީ، ހޯދައި، ބާއްވައި އަދި ނަތީޖާ މި ހޯދުނީ ވަރަށް މަސައްކަތުން، އެއް ހަފްތާ ވެގެންދާއިރު އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ނުލިބޭ ކަމަށް ބުނާ 6 ނަތީޖާ ޝީޓް އެބައޮތް. މިހާތަނަށް ނަތީޖާ ސާފުކުރި އެއްވެސް ޝީޓެއް އަދި ވެރިފައެއް ނުކުރޭ. ޗެކްކުރުމުގެ މަރުހަލާގައި ހުރީ. ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ކިތަންމެ ލަހުން މިކަން ކުރަން ތިބި ނަމަވެސް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ނަތީޖާއަކަށް ބަދަލެއް ނުގެނެވޭނެ،” އިލެކްޝަންސްގެ އިންތިޚާބާ ބެހޭ ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިރައްޔިތުން ބޭނުންވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވާން ކަމަށާއި، އިންތިޚާބަށް ނިކުތްއިރު އެމްޑީޕީން ކަނޑައެޅި އަމާޒުތައް ހާސިލްވެއްޖެ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް އަމާޒަކީ ދިވެހިރައްޔިތުންގެ 70 އިންސައްތަ ރައީސް ޔާމީނަށް ނޫނެކޭ ބުނުން ކަމަށާއި އެ އަމާޒު ހާސިލް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ރައްޔިތުން ބޭނުން ވަނީ ދިވެހި ރާއްޖެއަށް ލިބިފައިވާ އެންމެ މަތީ ސިފަ ކަމަށްވާ ޖަޒީރާވަންތަކަން ދެމެހެއްޓުންކަން ވެސް އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ހިނގައްޖެ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

މި އިންތިޚާބުގެ ނަތީޖާއިން ދޭހަވާ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށާއި، ހަގީގަތުގައި ދިވެހި ރާއްޖެ ތަރައްގީކުރަން ރައީސް ޔާމީން އެ ގެންގުޅުއްވާ މޮޑެލްއަކީ ދިވެހިރާއްޖެއަށް ކަމުދާ ޒާތުގެ މޮޑެލެއް ނޫން ކަމަށް ދިވެހިރައްޔިތުން މި ވަނީ ބުނެފައި ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

ގުޅިފައިވާ އިއްތިހާދަށް ރައްޔިތުންގެ މަޖިލީހުގެ އަޤްލަބިއްޔަތު ލިބިއްޖެ ނަމަ އިލެކްޝަންސް ކޮމިޝަން މިނިވަންކޮށް، ކައުންސިލްތަކާ ބެހޭ ގާނޫނަށް ބަދަލު ގެނެސް، ކުރިން ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަލުން އެ ކައުންސިލްތަކަށް ދެއްވާނޭ ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ރޭގެ ޖަލްސާގައި ވެސް އަލީ ނިޔާޒު ވަނީ ތަކުރާރުކުރައްވާފައެވެ.