ރައީސުލް ޖުމްހޫރިއްޔާގެ އެންމެ އިސް ވާޖިބަކީ އިންތިޚާބުވި ބޭފުޅުންނަށް މަރުހަބާ ދެންނެވުން ކަމަށްވީ ނަމަވެސް ރައީސް ޔާމީންގެ ކިބައިގައި އެ އަޚްލާގެއް ނެތް: ރައީސް މުޙައްމަދު ނަޝީދު

މި ވަގުތަކީ ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވީ ބޭފުޅުންނަށް ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޢަބްދުﷲ ޔާމީން މަރުހަބާ ކިޔަންވީ ވަގުތު ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ކިބައިގައި އެ ފަދަ އަޚްލާގެއް ނެތުމަކީ ވަރަށް ދެރަ ކަމެއް ކަމުގައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހުންނަވައި “ރާއްޖެޓީވީ” އަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން، އިންތިޚާބުވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަކީ ރައީސް ޔާމީންގެ މައްޗަށް ވާޖިބެއް ކަމަށެވެ.

” މިވަގުތު މީ ހަގީގަތުގައި ވެސް ރައީސް ޔާމީން ( ކައުންސިލްތަކަށް ) އިންތިޚާބުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ކިޔާންވީ ވަގުތު. އަޅުގަނޑަށް ވެސް އެނގޭ އެ ބޭފުޅުންގެ ކެންޑިޑޭޓުން އިންތިޚާބު ނުވާކަން. އެހެން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާއިރު އެންމެ ފުރަތަމަ ވާޖިބަކީ މިއަދު މި އިންތިޚާބުވެފައި ތިއްބެވި ބޭފުޅުންނަށް މަރުހަބާ ކިޔުއްވުން. ރައީސް ޔާމީންގެ ކިބަޔަކު އެ އަޚްލާގެއް ނެތް. އެހެންވީމާ ވަރަށް ބޮޑު ދެރައެއް އެއީ. އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑަށް ނާކާމިޔާބު ވެގެން މިދިޔައީ ރައީސް ޔާމީނަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެ މަގާމުން ދުރުކުރުމަށް ހަމަވެގެންދާނީ 42 މެންބަރުން ނޫން ކަމަށާއި 57 މެންބަރުން ހަމަވާނެ ކަމަށެވެ. އަދި އިދިކޮޅު އަތްބަޔަށް ޑިގު ހަމަވާނެ ކަމަށާއި، އެހެން ނަމަވެސް މި ވަގުތަކީ އަދި އަތްބައި ފަތުރާލައި އަތްބައި ހާމަކުރަންވީ ވަގުތު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތް ފެށިގެންދާއިރު ރައްޔިތުން އެދޭ އިސްލާހީ ބަދަލުތައް ފެނިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

” ދާއިރާތައް ހުރި ގޮތަށް އެހެރީ އެމްޑީޕީއަށް ލިބިފަ. މި ދާއިރާތަކުން ހަމަ ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓުން ވެސް އިންތިޚާބު ވަނީ. އެހެންވީމަ އެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ މި ވަގުތު މިހާރު އެ ތިއްބެވި ތަނުގަ ތިއްބަވައިގެން އެ ބޭފުޅުންނަށް އެ ބޭފުޅުންގެ ސިޔާސީ ހަޔާތް ކުރިޔަށް ގެންދެވެން ނެތް ކަން. އަދި އަޅުގަނޑު އެދެން އެ ބޭފުޅުންގެ ކިބައިން ސަރުކާރަށް ތާއީދުކުރުން ހުއްޓަވައި، އަޅުގަނޑުމެންނާ އެކީގަ އިސްލާހީ މަސައްކަތް ކުރެއްވުމަށް ވަޑައިގަތުމަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ދިވެހިރާއްޖެއަށް ހެޔޮ އެދޭނަމަ މިހާރުން މިހާރަށް ސިޔާސީ ލީޑަރުން ދޫކޮށްލައްވައި އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަވައިގެން 2018 އަށް މިނިވަން އިންސާފްވެރި އިންތިޚާބަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސް ޔާމީން އެގޮތަށް ކަންތައް ނުކުރައްވައިފިނަމަ ދެން އޮތް ގޮތަކީ ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.

ރައީސް ޔާމީނަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނާކާމިޔާބުވީ ރަނގަޅު އިޤުތިޞާދީ ބަދަލުތަކެއް ނުގެނެވުމާ، ރައްޔިތުންނަށް އިންސާފު ނުލިބުމާއި އަމަން ނުބެލެހެއްޓުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީން ޤާނޫނު އަސާސީގެ އޮނިގަނޑުގެ ތެރޭގައި އެއްވެސް ވަރަކަށް ނުހިފެހެއްޓުމާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މުހިންމު ޤާނޫނުތަކަށް ރައްޔިތުން ބަލައި ނުގަންނަ އިސްލާހްތަކެއް ގެނައުމަކީ ވެސް ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބުވީ ސަބަބުތަކެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

“ވަޒީފާގެ ފުރުސަތެއް ނުއުފެދުނު. ތަކެތީގެ އަގު ހުރީ މައްޗަށް ގޮއްސަ. ދަރަނިވެރިކަން އިންތިހާއަށް ގޮސްފައި. ޑެފިސިޓް ބޮޑުވެފައި. މަހުންމަހުން މުސާރަ ދެވޭނެ ގޮތްވެސް ނުވެފައި. އެހާލަތުގައި އިގްތިސޯދު އޮވެ އިންތިޚާބަށް ދިޔައީ. ޚާއްޞަކޮށް ތަކެތީގެ އަގު ބޮޑުވަމުން ދިޔަ އިރެއްގައި. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީނަށް އިޤްތިސޯދީ ކަންކަން ނުބެލެހެއްޓުނުކަން މިއިންތިޚާބުގައި މިހެން ދިމާވި ސަބަބަކީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންސާފު ލިބުމަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް އުއްމީދުކުރަމުން އައި ކަމެއް ކަމަށާއި، އިންސާފު ނެތުމަކީ ވެސް ރައީސް ޔާމީނަށް ނާކާމިޔާބީ ކުރިމަތިވި އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. އެގޮތުން ޑރ. އަފްރާޝީމްގެ މަރަށް ފަހު އެތައް ބަޔަކު މަރާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

” އިންސާފް ލިބިފައި ނެތް މިންވަރު ވަރަށް ރަނގަޅަށް ސާފުވާން އެބައޮތް. ހުރިހާ ސިޔާސީ ލީޑަރުން އެވަނީ ހައްޔަރުކޮށްފައި އެބޭފުޅުންގެ ބޭފުޅުންނަށްވެސް އެވަނީ އެގޮތް މެދުވެރިވެފައި. ކާނަލް ނާޒިމް، އަދީބު އެވަނީ ޖަލުގައި. މިނިސްޓަރުން ވަކިކުރެއްވި އަދަދެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އެހެންވީމާ އެބޭފުޅުންގެ ތެރޭގައި ވެސް އިންސާފެއް ނެތް. އަޅުގަނޑުމެންނަށް ރައްދުވި މިންވަރު މާބޮޑު. އިންސާފް ނެތުން އެއީ މިނަތީޖާ ލިބިގެން އައި ބޮޑު ސަބަބު.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވެސް އެމަނިކުފާނު ކުރައްވަމުން އެ ގެންދަވަނީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކަމަށާއި، އެހެން ނަމަވެސް ރަނގަޅު ވަގުތު އައުމުން އެ މަނިކުފާނު ރާއްޖެ ވަޑައިގެން ރައްޔިތުންނާ ގާތުން އިސްލާހީ މަސައްކަތް ކުރިޔަށް ގެންދަވާތަން މާ ދުރުނޫން މުސްތަގުބަލެއްގައި ފެންނާނޭ ކަމަށެވެ.
“އަޅުގަނޑު ރާއްޖެ ދާނަން. އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. އެއްވެސް ބޭފުޅަކު ހީފުޅުކުރައްވައިގެން ނުވާނެ ރާއްޖެއިން ބޭރުގައި އަޅުގަނޑުގެ ހަޔާތުގެ ބާކީ އޮތް ބައި އަޅުގަނޑު ނިންމަވާފާނޭ ކަމަށް. އަޅުގަނޑު ރާއްޖެ ދާނަން އެކަށީގެންވާ ރަނގަޅު ވަގުތުގަ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރައްވާ ތަން ވެސް ތިޔަ ބޭފޫޅުންނަށް ފެނިވަޑައިގަންނަވާނެ. އެއް ގެއިން، އެއް ބަދިގެއިން އަނެއް ބަދިގެއަށް، އެއް ފެންޑާއިން އަނެއް ފެންޑާއަށް އަޅުގަނޑު އަނެއްކާވެސް ހިނގާނަން. “ވީހާވެސް ގިނަ ރައްޔިތުންނަކާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ބައްދަލުކުރާނަން. ރައްޔިތުންގެ ހާލު އަޅުގަނޑު އޮޅުން ފިލުވޭތޯ ބަލާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެމްޑީޕީގެ އާ ޗެއަރޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ އެހެނިހެން ގުނަވަންތަކުގެ އިތުރުން ގުޅިފައިވާ އިއްތިހާދުގެ އެހެން ލީޑަރުން އެއްގަލަކަށް އަރުއްވައިގެން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި، އެކަމަށްޓަކައި އެމްޑީޕީން އިދިކޮޅު އެހެން ލީޑަރުންނަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށެވެ.