ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ދިވެހިރައްޔިތުން އެވަނީ އިސްލާހުގެ މަގަށް އެނބުރުމަށް މިސަރުކާރަށް އަމުރުކޮށްފައި ކަމަށާއި، އެ އަމުރަށް ތަބާވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ބުދަ ދުވަހުގެރޭ ގުޅިފައިވާ އިއްތިހާދުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ގައުމުގެ ސިޔާސީ މިސްރާބު އިސްލާހުގެ މަގަށް ޔަގީންވެއްޖެ ކަމަށާއި، ދިވެހިރައްޔިތުން މިހާރު ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު ކަން އިންތިޚާބުގެ ނަތީޖާއިން ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕާޓީތަކަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައި މިވަނީ އިދިކޮޅު އެންމެން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މިގޮތަށް މަސައްކަތްކޮށްފި ނަމަ ރިޔާސީ އިންތިޚާބުވެސް ކާމިޔާބުވާނެކަން ކަށަވަރުވެއްޖެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ގުޅިފައިވާ އިއްތިހާދެއްގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝުއޫރުތައް އަޑުއަހައި އެމަގަށް މަސައްކަތްކުރުން ކަމަށާއި، އަދި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދެވޭނެ ބަޔަކު ތިބީ ގުޅިފައިވާ އިއްތިހާދުގައިކަން ރައްޔިތުން ގަބޫލުކޮށްފި ކަމަށެވެ. މީގެ އިތުރުން އެމްޑީޕީއަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، އެމްޑީޕީން އަބަދުވެސް ވިސްނާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ ހުރަހަކާ ނުލައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަސާސީ ހައްގެއް ކަމަށާއި، އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބަންދުން ދޫކޮށްފައި އެވަނީ ސިޔާސީ އެއްވެސް ކަމެއް ކުރުމުގެ މަގުބަންދުކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަކީ ގާނޫނު އަސާސީއަށް ވެސް، ގާނޫނަކަށް ވެސް، އަދި ހެދިފައިވާ އެއްވެސް އުސޫލަކަށް ބޯލަނބާ ސަރުކާރެއް ނޫން ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ އަރިއަތޮޅަކީ އަބަދުވެސް އެއިރަކު އޮންނަ ސަރުކާރަކަށް އާނބަސް ބުނަމުންދާ އަތޮޅެއް ކަމަށާއި، ތާރީޚުގައި ވެސް ސަރުކާރަކަށް އަރިއަތޮޅުގެ ތާއީދު އެންމެ ކުޑަކޮށް އޮތް އިންތިޚާބަކީ ނިމިގެން މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށެވެ. އެގޮތުން
އަރިއަތޮޅުން ރައީސް ޔާމީންގެ ފެކްޝަނަށް މިފަހަރު ލިބުނީ ރަށު ކައުންސިލްތަކުން 27 ޕަސެންޓު ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.