ކައުންސިލް އިންތިޚާބު ބާއްވަނީ ރައީސް ޔާމީނަށް މަޖުބޫރުވެގެން: މުޙައްމަދު ޝިފާޒު

މެއި 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަނީ ރައީސް ޢަބްދުﷲ ޔާމީނަށް މަޖުބޫރުވެ އެ ނޫން ގޮތެއް ނެތިގެން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙަންމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ހދ. ނެއްލައިދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބުރާސްފަތި ދުވަހުގެރޭ ނެއްލައިދޫ އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވައި، އެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝިފާޒު ވިދާޅުވީ މި ސަރުކާރުން މި ހުރިހާ ދުވަހު މަސައްކަތްކުރީ ކެންޑިޑޭޓުން ފަހަތަށް ޖައްސުވައި، ރައްޔިތުން އިންތިޚާބާ މެދު ފޫހިކުރުވުމަށް ކަމަށާއި، ތިން ހަތަރު ފަހަރެއްގެ މަތިން އިންތިޚާބު ލަސްކޮށްގެން ވެސް އެކަން އެ ގޮތަށް ނުވުމުން އެންމެ ފަހުން އިންތިޚާބު ބާއްވަން ރައީސް ޔާމީނަށް މަޖުބޫރުވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝިފާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމާ އެކު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ނިގުޅައިގަތުމުގެ މަސައްކަތް ފަށައި، އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކައުންސިލްތަކުގެ މަސްއޫލިއްޔަތު ހަނިކޮށް، އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް އަދި ހަތަކުން ފަހަކަށް ބަދަލުކުރެއްވި ކަމަށެވެ. އެއަށްފަހު ކައުންސިލްގެ މެންބަރުންގެ ތެރެއިން މުސާރަ ކަނޑައެޅިފައިވާނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސަށް ކަމަށް ކަނޑައަޅައި ބާކީ ތިއްބެވި ކައުންސިލަރުންނަށް ހަމަ އެކަނި ސިޓިންގ އެލެވަންސެއް ދިނުމަށް ފާސްކުރުމުގެ މަސައްކަތްކުރި ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރާއި، ބޯހިޔާވަހިކަމާއި، ބޭސްފަރުވާ ކުރުމަށް ލިބިގެންދިޔަ ފަސޭހަތަކަކީ ކައުންސިލްތައް އެކުލަވާލައި އެކައުންސިލްތަކުގެ އެއްބާރުލުމާއެކު އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ޚިދުމަތްތައް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރު އައުމަށްފަހު އެ ހުރިހާ ކަމެއް ހީނަރުވެގެން ގޮސްފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ ރައީސް ނަޝީދު ޓެކްސްގެ ނިޒާމް ތައާރަފުކުރައްވައި ދައުލަތުގެ އާމްދަނީ ހަ ބިލިޔަނުން އަށާރަ ބިލިޔަނަށް އުފުއްލެވި ނަމަވެސް އެ ފައިސާއަށް މި ސަރުކާރުން ހައްދަވާ ގޮތެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އޭގެ ފައިދާ ރަށްރަށަށް ނުކުރާ ކަމަށް ވިދާޅުވަމުން ޝިފާޒު ވިދާޅުވީ ނެއްލައިދޫ އިން ފެނުނު އޭރާއި މިހާރުގެ ތަފާތަކީ މިހާރު ކަރަންޓު ބިލާއި ކާޑުގެ އަގު ބޮޑުވެގެން ރައްޔިތުން މާޔޫސްވެފައި ތިބި ތަން ފެނުން ކަމަށާއި، އާސަންދައިން ޕެނެޑޯލް ގުޅައެއް ވެސް ނުލިބި ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށް ކުޅުދުއްފުއްޓަށް ދާން އަރާނެ ފެރީއެއް ނެތިފައި ތިބުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމް ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން ބާރަށް ކުރިޔަށް ގެންދަވާނޭ ކަމަށް ވިދާޅުވަމުން ޝިފާޒު ވިދާޅުވީ، މި ނިޒާމް ދިފާއުކުރުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ އެބޭފުޅުން ރައްޔިތުންގެ ފައިސާއަށް އިހުމާލުނުވާނެތީ ކަމަށާއި، އެއީ މި ނިޒާމް ހިންގާ މި ނިޒާމު އަށަގަންނުވާ ބަޔަކީ، އަދި މީގެ ކުރިން ނަތީޖާ ދައްކަވާފައިވާ ބޭފުޅުންނަކީ އެމްޑީޕީގެ ކައުންސިލަރުން ކަމަށްވާތީ ކަމަށެވެ.