ޤާސިމްގެ މައްޗަށް ހިންގާ ތިން ޝަރީޢަތަކީ ވެސް ބާޠިލް އިޖުރާތުތަކެއްގެ މައްޗަށް ހިންގާ ތިން ޝަރީޢަތެއް: ހިސާން ހުސައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ހިންގާ ތިން ޝަރީއަތަކީ ވެސް ބާތިލް އިޖުރާތުތަކެއްގެ މައްޗަށް ހިންގާ ޝަރީއަތްތަކެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީގަލް އެފެއަރޒް ޑައިރެކްޓަރ އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުނޫޒުގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ގާސިމް ހައްޔަރުކުރުމަށް ފުލުހުން ގެންގުޅުނު އިޖުރާތުތަކަކީ ގާނޫނާ ގަވާއިދާ ޚިލާފް އިޖުރާތުތަކެއް ކަމަށް ހައިކޯޓުން ނިންމާފައިވުމުން އެމަނިކުފާނު ހައްޔަރުކުރުމަށްފަހު، އޭގެ ފަހުން ތަރުތީބުވެގެން އައި އެންމެހައި ކަންތައްތަކަކީ ބާތިލް ކަންތައްތައް ކަމަށެވެ. އެހެންކަމުން ގާސިމްގެ މައްޗަށް ކޮށްފައިވަނީ ހައްގު ދައުވާއެއް ނޫން ކަމަށާއި، އެ ދައުވާ ގާނޫނު އިމުގެ ތެރެއިން ނުހިންގޭނޭ ކަމަށް ހިސާން ވިދާޅުވިއެވެ.

ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދަން ސިޔާސީ ވެރިން ދައްކާ ވާހަކަތަކަކީ ކުށެއް ކަމަށް ދެކުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ކަން ހިނގާ އުސޫލު ނޫން ކަމަށް ހިސާން ވިދާޅުވިއެވެ. ސިޔާސީ ޕާޓީއަކުން ތްރީލައިން ވިޕެއް ނެރެ، އެ ގޮތަށް ވޯޓު ނުދޭ ޕާޓީ މެންބަރުންނާ މެދު ޕާޓީން ފިޔަވަޅުއަޅާނެ ކަމަށް ބުނުމަކީ ކުށަކަށްވަނީ ކިހިނެއްތޯ ހިސާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ހިސާން ވިދާޅުވީ ކޮރަޕްޝަނާ ނުލައި ތަރައްގީ ނުގެނެވޭނޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކޮރަޕްޝަނަށް ހިތްވަރުދިނުމަކީ ކުށެއް ކަމަށާއި، ވަގި ގޮތަކަށް ވޯޓު ނުދީ ފިނަމަ ހޫނުފެން އަޅުއްވާނެ ކަމަށް މެންބަރަކު ވިދާޅުވި ކަމަށާއި، އެއީ ވެސް ޖިނާއީ ކުށެއް ކަމަށެވެ. އަދި، ޚިޔާނާތުގެ ފައިސާ ބެހީ ތިމަންނައޭ ވިދާޅުވެ ވާހަކަދެއްކުމަކީ ވެސް ބޮޑު ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ހަނުހުރުމަކީ ކުށުގެ ތުހުމަތުން ބަރީއަވާން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގު ނިގުޅައި ނުގަނެވޭނޭ ކަމަށެވެ. ފޯނުގެ ޕިން ނުދިނުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި، ކޯޓު އަމުރަށް ތަބާ ނުވުމުގެ ބަހަނާ އާއި، އިއުތިރާފް ބަޔާން ނުދިނުމުގެ ބަހަނާ ދައްކައިގެން ދައުވާ ކުރުމަކީ މި ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ހިސާން ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލަ ފެށުނީ ދައުލަތުގެ ހުރިހާ މުވައްސަސާތަކެއް ވަކި ބޭފުޅަކު ހިސާރުކޮށް، އެ މުވައްސަސާތަކުން އެ ބޭފުޅަކަށް އާދެ ލައްބަ ކިޔުއްވަން ޖެއްސުން ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މި ސަރުކާރު މިހާރު އޮތީ ވާނުވާގައި ކަމަށާއި، ސަރުކާރަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ކަމަށެވެ. އަދި ހައްގު ބަސް ބުނަން ފަސްނުޖެހޭނޭ ކަމަށާއި، އިދިކޮޅު ލީޑަރުން އެ ހިތްވަރުގައި ތިބިހާ ދުވަހަކު، އަނިޔާވެރިކަން ނިންމަން އެބޭފުޅުންގެ ކިބައިން ހިތްވަރުލިބި ބިރެއް ނެތި ކުރިޔަށް ވަޑައިގަންނަވާނޭ ކަމަށް ހިސާން ވިދާޅުވިއެވެ.