ސިޔާސީ މަޤްޞަދު ޙާޞިލްކުރުމަށް ވިޔަފާރިތަކަށް ދުއްތުރާކުރުން ހުއްޓާލުމަށް ގޮވާލަން

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ސައްޙަގޮތުގައި ހިންގާ ސައްތައިން ސައްތަ ދިވެހި އަދި ބޭރުގެ ވިޔަފާރިތަަކަށް އެކި ގޮތްގޮތުން ދަތިކޮށް، ސިޔާސީ ބޭނުމަށް އެ ފަރާތްތައް ފިއްތައި ކޯޓުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ސަރުކާރުން ދުއްތުރާ ކުރަމުން ގެންދާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ.

ރާއްޖޭގައި ސިޔާސީ މަޝްރަޙަށް ބަދަލު އަންނަ ކޮންމެ ދަނޑިވަޅެއްގައި ވިޔަފާރިވެރިންނަށް ކޯޓުތަކާއި މީރާ ފަދަ މިނިވަން މުވައްސަސާތައް މެދުވެރިކޮށް ސަރުކާރުން ތަފާތު އެކި އުނދަގޫތަކާއި ގެއްލުން ކުރިމަތިކުރުވައެވެ. އަދި ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ޤާނޫނީ ހުއްޖަތެއް ނެތި ބާޠިލް ކުރަމުން އަންނަކަމީ ކަންބޮޑުވާކަމެކެވެ.

ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމަކީ ޤައުމުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރިކަމެކެވެ. އެގޮތުން މިނިވަންކަމާ އިންސާފުވެރިކަމާއެކު ވިޔަފާރިތައް ކުރިއެރުވޭނެ މާޙައުލެއް އޮތުމަކީ މުހިއްމު ކަމެކެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މި ރާއްޖޭގައި ވިޔަފާރި ކުރެވޭނެ އުސޫލްތައް އެކުލަވާލެވިފައިވާއިރު އެކަން އެގޮތަށް ނުހިނގުމުން ގެއްލުން ލިބޭނީ ދިވެހިރައްޔިތުންނަށެވެ. ވިޔަފާރިތަކުން ނަގާ ޓެކްސް ކޮންމެ އަހަރަކުވެސް އިތުރުވަމުން އަންނަ އިރު ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައްވެސް ހަރުދަނާވާންޖެހެއެވެ. ސަރުކާރުން އެދޭހާ ގޮތް ނުވާ ކޮންމެ ވަގުތެއްގައި ވިޔަފާރިތައް ފިއްތައި، ސިޔާސީ ޙުކުމްތައް ކުރުމުން އުފެއްދުންތެރިކަމަށް އެކަމުގެ އަސަރުކާރާނެއެވެ. އަދި ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު މިހާރުވެސް ދަށްވެފައިވާކަމަށް މާލީ އިދާރާތަކުން ބުނާއިރު، އެކަން އިތުރަށް ހީނަރުވާނެއެވެ. ބައިނަލްއަޤްވާމީ ކޯޓުތަކުގައި ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތައް ޖޫރިމަނާ ކުރުމުން ދަށު ކޯޓުތައް މެދުވެރިކޮށް ސިޔާސީ ޙުކުމް ނެރެމުންދާކަމީވެސް ދުނިޔޭގެ ވިޔަފާރިތަކުގެ މެދުގައި ރާއްޖޭގެ އަގު ވެއްޓޭނެ ކަމެކެވެ.

ޤާނޫނާ ޤަވާއިދާ ޚިލާފަށް ސިޔާސީ މަޤްޞަދުގައި ނިންމާ ކަންކަމާއި ސޮއިކުރެވޭ އެގްރީމަންޓުތައް ދެން އުފެދޭ ސަރުކާރަކުން ބާޠިލް ކުރާނެއެވެ. އަދި ބޭއިންސާފުން އަތުލެވޭ މުދާތަކާއި ބާޠިލްކުރެވޭ އެގްރީމަންޓުތައް އިއާދަވެސް ކުރެވޭނެއެވެ.

ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ވިޔަފާރިވެރިންނަށް ސަރުކާރުން ކުރަމުން އަންނަ އުނދަގޫތަކާއި ދުއްތުރާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްޓޭރިއެޓް
ތާރީޚް: 21 މާޗް 2017