ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީއާއި އަދި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕު ދެކޮޅުކަން ކުރިންވެސް ވާނީ ހާމަކޮށްފައެވެ. އަދި ސަރުކާރުން ފާފުއަތޮޅު ވިއްކާލުން ވަގުތުން ހުއްޓާލުމަށް ވެސް ވާނީ ގޮވާލާފައެވެ.
ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުން ހުއްޓުވުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ވަނީ ނިންމައިފައެވެ.
ސަރުކާރުން ފާފުއަތޮޅު ވިއްކާލާކަމުގެ ޚަބަރުތައް ފެތުރިފައިވީނަމަވެސް އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވުމުން، ރައްޔިތުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންގެންދާތީ، ރައްޔިތުނަށް އެ މަޢުލޫމާތު ހޯދައި، ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެކަމާގުޅޭ ހުރިހައި މަޢުލޫމާތެއް ސާފުކުރުމަށް އެމް.ޑީ.ޕީ އިންނާއި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އެ މަޢުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން އިއްޔެ ވަނީ ހުށަހަޅާފައެވެ. އަދި އެ މަޢުލޫމާތު ހޯދުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން އެ ކޮމެޓީގައި އެދުމަކީ އެއްވެސް ޙާލެއްގައި ފާފުއަތޮޅު ވިއްކާލުމަށް ތާޢީދުކުރުމެއް ނޫނެވެ.
ހަމައެފަދައިން، ފާފުއަތޮޅު ވިއްކާލުމަށް ތާޢީދުކޮށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު މާލިއްޔަތު ކޮމެޓީގައިކަމުވިޔަސް ނުވަތަ އެނޫން ތަނެއްގައި ވިޔަސް ވާހަކަފުޅުދައްކަވާފައި ނުވެއެވެ. ވީމާ، މިކަން އެންމެހައި ފަރާތްތަކަށް ހާމަކޮށްދެމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕް
ތާރީޚު: 28 ފެބްރުއަރީ 2017