2017 ވަނަ އަހަރަށް ލަފާކޮށްފައިވާ ތަޢުލީމީ ދާއިރާގެ ބަޖެޓުން ފާހަގަކުރެވޭ ކަންކަން

2017 ވަނަ އަހަރަށް ލަފާކޮށްފައިވާ ތަޢުލީމީ ދާއިރާގެ ބަޖެޓުން ފާހަގަކުރެވޭ ކަންކަން

1. ސިވިލް ސަރވިސްގެ 229 މަޤާމު އިތުރު ކުރެވޭއިރު މުވައްޒަފުންގެ ޚަރަދު ކުޑަކަމަށް ބަޖެޓުން ދައްކާ: ޚަރަދު ކުޑަކުރަނީ ޓީޗަރުންގެ އިތުރު ގަޑިއާއި އެހެނިހެން އެލަވަންސް ކަނޑާލައިގެން ކަމަށް ބެލެވޭ. ޓީޗަރުން އައު މަންހަޖަކަށް ކިޔަވައިދޭން ޖެހޭ ހިނދު، ކިޔެވުން ދެ ދަންފަޅިޔަށް ކުރިޔަށް ގެންދަން ޖެހޭ ހިނދު، މިއީ ޓީޗަރުންނަށް ދެވޭ އިތުރު ނިކަމެތިކަމެއްކަމަށް ފާހަގަކުރަން ޖެހެއެވެ.
2. ތަޢުލީމީ ދާއިރާއަށް ކޮންޓްރެކްޓަށް އައްޔަންކުރާ މީހުންގެ ޢަދަދު 463 ކަމަށް ކަނޑައަޅާފައިވާއިރު، މި ފަދަ މަޤާމުތަކުގެ ޚަރަދަށް 22 މިލިއަން ރުފިޔާ އިތުރުވެފައި ވެއެވެ. މިއީ ކޮންކަމަކަށް އައްޔަންކުރާ ބައެއް ކަމެއް އެނގެންނެތުމުން މިކަމާމެދު ސުވާލު އުފެދެއެވެ.
3. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިވިލް ސަރވިސް މުއައްޒަފުންގެ ތެރެއަށް 229 މީހުން އަދި ކޮންޓްރެކްޓް 463 މީހުން އިތުރު ކުރުމަށް ބަޖެޓްގައި އޮތް އިރު މި ފަދަ ބޮޑު އަދަދެއްގެ މީހުން އިތުރުކުރަން ޖެހެނީ މިހާރު ނުދޭ ކޮން ޚިދުމަތްތަކެއް ދިނުމަށް ކަމެއް ފާހަގަވާކަށް ނެތެވެ. އަދި ސިވިލް ސަރވިސްގެ މުއައްޒަފުން މި މިންވަރަށް އިތުރު ކުރެވޭ އިރު ކޮންޓެރެކްޓަށް އެހާ މަތީ އަދަދަކަށް މީހުން އިތުރުކުރަން ޖެހޭ ސަބަބެއް ވެސް ސާފުވާކަށް ނެތެވެ.
4. އެހެނިހެން ޚަރަދު ތަކޭ ކިޔާފައި 2016 ވަނަ އަހަރަށްވުރެ %592 ނުވަތަ 7 މިލިއަން ރުފިޔާ އިތުރު ކޮށްފައި ވާއިރު، އެ ފައިސާ އިތުރުކޮށްފައި ވަނީ ކޮން ކަމަކަށް ކަމެއް ސާފެއް ނުވެއެވެ. ކޮން ކަމަކަށް ކަން ބަޔާން ނުކޮށް އެހެނިހެން ޚަރަދުގެ ގޮތުގައި ބަޖެޓްގައި ފައިސާ ހިމެނުމަކީ ސުވާލު އުފެދޭ ކަމެކެވެ. ކަންބޮޑުވާ ކަމެކެވެ.
5. އިތުރުގަޑި ފައިސާ 2016 ވަނަ އަހަރަށް 505 މިލިއަން އޮވެފައި 2017 ވަނަ އަހަރަށް 213 މިލިއަނަށް ތިރިކުރެވިފައިވާ ކަން ފާހަކަކުރެވެއެވެ. އެކަމަކު:
• އައު މަންޙަޖު ތަންފީޒު ކުރުމާއި، މަންޙަޖާއި ގުޅިގެން ތަންފީޒުކުރެވޭ އައު ގަވާޢިދުތަކާއި އުޞޫލުތަކުގެ ސަބަބުން ޓީޗަރުންގެ މަސައްކަތް ވަނީ ކުރިޔަށް ވުރެން އެތައް ތަނެއް އިތުރުވެފައެވެ.
• ކަން މިހެން އޮތް އިރު، އެއްދަންފަޅިއަށް ކިޔަވައިދެމުން އައި ސްކޫލުތައްވެސް ދެދަންފަޅިއަށް ބަދަލުކުރުމާ ގުޅިގެން ޓީޗަރުން ކުރަންޖެހޭ މަސައްކަތްކުރުމަށް އިތުރު ގަޑިތަކުގައާއި ބަންދު ދުވަސްތަކުގައި ސްކޫލަށް އަންނަން ކުރަންޖެހެއެވެ.
• ކަން މިހެން އޮތް އިރު ޓީޗަރުންގެ އިތުރުގަޑީގެ އެލަވަންސް އުނިކުރުމަކީ ޓީޗަރުންނަށް ދެވޭ އިހާނެތިކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.
6. މާލޭގެ ޕްރީސްކޫލް ތަޢުލީމު ސަރުކާރުން ހިލޭ ދެއްވާނެ ކަމަށް ބުނެފައިވާއިރު އެކަމަށް ޚަރަދު ކުރާނެ ފައިސާ ބަޖެޓުން ސާފުވާން ނެތުމުން އެކަމާ ސުވާލު އުފެދެއެވެ.
7. މަޖީދިއްޔާ ސްކޫލަށް އާ އިމާރާތެއް ބޭނުންވެ ވޭތުވެ ދިޔަ ތިން ހަތަރު އަހަރު ބަޖެޓް ކުރެވިފައިވީނަމަވެސް އެ އިމާރާތް ނުކުރެވި އަދި މިހާރު 2017 ވަނަ އަހަރުގެ ބަޖެޓުން އެ އިމާރާތް ގެއްލިފައި ވާކަން ފާހަގަކުރެވެއެވެ.
8. ޓާޝަރީ އެޑިޔުކޭޝަނަށް ހުށަހަޅާފައިހުރި ބަޖެޓް 2016 ވަނަ އަހަރަށް ވުރެ ދަށްކަން ފާހަގަކުރެވޭ:
• އިސްލާމިކު ޔުނިވަރސިޓީ ބަޖެޓް 33.9 މިލިއަނުން 30.4 މިލިއަނަށް ދަށްވި
• ޤައުމީ ޔުނިވަރސިޓީ ބަޖެޓް 177.6 މިލިއަނުން 142.7 މިލިއަނަށް ދަށްވި
• ޕޮލިޓެކްނިކް ބަޖެޓް 2016ގައި 369 މިލިއަން، 2017 އަށް 278 މިލިއަނަށް ކުޑަވެފައި،
• ހަޔަރ އެޑިޔުކޭޝަން ޑިޕާޓްމެންޓަށް 289 މިލިއަނުން 169 މިލިއަނަށް ދަށްވި
9. އެންއައިއީގެ ބަޖެޓް 27 މިލިއަނުން 20 މިލިއަނަށް ކުޑަކޮށް، އެކަމަކު އައުމަންހަޖު ތަންފިޒު ކުރުމާއި މަންހަޖުގެ ރިސާޗް ހެދުން ފަދަ ކަންތައް ކޮންމެހެން ކުރަން ޖެހޭއިރު މި މުއައްސަސާއަށް ބަޖެޓް ކުޑަކޮށްފައިވާތީ އެކަމާ ކަންބޮޑުވެއެވެ.
10. އައު މަންޙަޖުގެ މައިގަނޑުމަފްހޫމު ބިނާވެގެން ވަނީ އެއް ދަންފަޅިއަށް ކިޔަވައި ދިނުމަށް ކަމަށް ވާއިރު، އަދި އެއް ދަންފަޅިއަށް ކިޔަވައި ނުދީ، ދެ ދަންފަޅިއަށް ކިޔަވައިދީގެން އައު މަންޙަޖުގެ މަގުސަދުތައް ޙާސިލް ނުވާނެކަން އެނގިތިބެމެ، ތަޢުލީމީދާއިރާގެ ކެޕިޓަލް ޚަރަދު 29 އިންސައްތަ ކުޑަކުރެވިފައިވާކަމީ ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިޔަށް ބަދަލުކުރުމުގެ ސިޔާސަތު ނެތްކަން ދޭހަވާ ކަމެކެވެ.
11. ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯގައި ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ކަންކަން ޙާޞިލުކުރުމަށް މި ބަޖެޓުގައި ސަމާލުކަން ދެވީފައިވާ ތަނެއް ނުފެނެއެވެ.
12. ދައުލަތުގެ ބަޖެޓް ބޮޑުވަމުން ދާއިރު ތަޢުލީމީ ދާއިރާގެ ބަޖެޓު، ދައުލަތުގެ ބަޖެޓްގެ ނިސްބަތުން ކުޑަވަމުންދާކަން ފާހަގަވެއެވެ. އެގޮތުން:
• 2015 ވަނައަހަރުގެ އެޑިޔުކޭޝަން ބަޖެޓަކީ ދައުލަތުގެ ބަޖެޓްގެ 12.9 އިންސައްތައެވެ.
• 2016 ވަނައަހަރުގެ އެޑިޔުކޭޝަން ބަޖެޓަކީ ދައުލަތުގެ ބަޖެޓްގެ 12.6 އިންސައްތައެވެ.
• 2017 ވަނައަހަރުގައި އެޑިޔުކޭޝަންގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓް 10.5 އިންސައްތައެވެ
• 2018 ވަނައަހަރުގެ ބަޖެޓް އަންދާޒާގައި އެޑިޔުކޭޝަންގެ ބަޖެޓް ލަފަކޮށްފައި ވަނީ ދައުލަތުގެ ބަޖެޓްގެ 9.6 އިންސައްތަ ކަމަށެވެ.
• 2019 ވަނައަހަރުގެ ބަޖެޓް އަންދާޒާގައި އެޑިޔުކޭޝަންގެ ބަޖެޓް ލަފަކޮށްފައި ވަނީ ދައުލަތުގެ ބަޖެޓްގެ 8.6 އިންސައްތަ ކަމަށެވެ.
 ދިވެހިރާއްޖޭގެ ތައުލީމުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހިފައިވާ އިރު އަދި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިސްބަތް މަތިކުރަން ޖެހިފައިވާއިރު ދައުލަތުގެ ބަޖެޓުން ތަޢުލީމަށް ކުރާ ހޭދަ މިހާ ބޮޑު ނިސްބަތަކުން ދަށްކުރަމުން ގެންދިއުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށާއި، އިޖުތިމާޢީ ދުޅަހެޔޮކަމަށް އޮތް ގޮންޖެހުމެއްކަމަށް ފެނެއެވެ.