މިދިޔަ ހުކުރުދުވަހު ހުކުރުނަމާދަށްފަހު އިސްލާމީ މަރުކަޒު ކުރިމަތީ ދުޢާކުރުމަށް ފުލުހުން ހުރަސް އަޅައި، ދުޢާކުރި މީހުންގެ ލޮލަށް ޕެޕަރސްޕްރޭޖަހައި ބައެއްމީހުން ހައްޔަރުކޮށް އަނިޔާވެރިވި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކްޕާރޓީ (އެމްޑީޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫންތަކާއި ކަނޑައެޅިގެން ޚިލާފަށް، އަދިމާތްވެގެންވާ އިސްލާމްދީނުގެ އަމުރުފުޅުތަކަށް ގޮންޖަހައި ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރުނަމާދަށްފަހު ތަކުރާރުކޮށް ހިންގަމުންދާ، މިޖަރީމާތަކުން އަންގައިދެނީ މިސަރުކާރުގެ ހަމައެއް ލަމައެއް ނެތްކަމާއި، ސަރުކާރުވެއްޓިފައިވާ ދަށުދަރަޖައެވެ.
މިދިޔަ ހުކުރުދުވަހުގެ ހުކުރުނަމާދަށްފަހު ދުޢާކުރުމަށް ފުލުހުން ހުރަސް އެޅުމުގެ އިތުރުން އެތައް ބަޔަކަށް އަނިޔާވެރިވެ، އެތައް ބައެއްގެ ލޮލަށް ގިނަ ޢަދަދަކަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ. އޭގެތެރޭގައި މިޕާރޓީގެ ރައްޔިތުންގެ މަޖްލީހުގެ މެމްބަރ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަލީ ނިޒާރު ހިމެނިވަޑައިގަންނަވައެވެ. އަދި ޤައުމީ މަޖްލީހުގެ މެމްބަރ އައްސަދު ޢަލީއާއި އިތުރު 2 މެމްބަރަކު ހައްޔަރުކޮށްފައިވެއެވެ.
މިޖަރީމާތައް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ.