ސީއެންއެމް އޮންލައިން ނޫހަށް ސަރުކާރުން ކުރިމަތިކުރުވަމުންދިއަ ފިއްތުންތަކުގެ ސަބަބުން އެނޫސް ނެރުން ހުއްޓާލަން ޖެހިފައިވާތީ ކަންބޮޑުވުން ފާޅުކުރުން

ޗެނަލް ނިޔުސް މޯލްޑިވްސް (ސީއެންއެމް) ގެ ނަމުގައި ނެރެމުންދިއަ، ރައްޔިތުންގެ މެދުގައި މަޤުބޫލު އޮންލައިން ނޫހަށް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ކުރިމަތިކުރުވަމުންދިއަ ފިއްތުންތަކާއި ނުފޫޒުގެ ސަބަބުން އެނޫސް ހުއްޓާލަން މަޖުބޫރުވެފައިވާކަން ހާމަކޮށް ކުއްލިގޮތަކަށް އެ ނޫސް ހުއްޓާލާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ސީއެންއެމް ނޫސް ބަންދުކުރުމަށް މަޖުބޫރުވެފައިވަނީ ނޫސްވެރިންނަށް އިންތިހާއަށް ބިރުވެރިކަން އޮތް މާޙައުލެއްގައި ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކުން ހިންގާ ނޭއްގާނީ ޢަމަލުތަކުގެ ޚަބަރާއި މަޢުލޫމާތު ޖެހިލުމެއްނެތި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަމުންދިއަ ހިތްވަރު ގަދަ ނޫސްވެރިންތަކެއްގެ މައްޗަށް އެކުލެވޭ ނޫހެއްކަމަށްވުމުންނާއި، އަދި ސަރުކާރުން ހިންގާ ބޮޑެތި ކޮރަޕްޝަނުގެ ޢަމަލުތައް ސާބިތު ހެއްކާއެކު ހާމަކުރަމުން ދިއަ ނޫހަކަށްވުމުން، ސަރުކާރަށް އެކަން ހަޖަމުނުކުރެވިގެން ފިއްތުންތައް ކުރިމަތިކުރުވައިގެންކަން ފާހަގަކުރަމެވެ.

ސަރުކާރަށް ސަނާ ކިއާ ނޫހަކަށް ސީއެންއެމް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ދިއަކަމާއި، ނަމަވެސް އެ މަސައްކަތަށް ސީއެންއެމް އިން ބޯނުލެނބުމުން އެ މަސައްކަތް ސަރުކާރަށް ކާމިޔާބު ނުވުމާގުޅިގެން، ދެން އެ ނޫސް ވުޖޫދުން ނެތިކޮށްލުމަށް ސަރުކާރުން ކުރިމަތިކުރުވި ފިއްތުން ތަކާއި ނުފޫޒުގެ ސަބަބުން އެ ނޫސް ހުއްޓާލަން މަޖުބޫރުވިކަމަށް އެ ނޫހުގެ އެޑިޓަރ ހާމަކުރެއްވި ކުރެއްވުމަކީ ޙާލުގެ ދުލުން ހާމަކުރެއްވި ކުރެއްވުމެއްކަމުން އެކަމުގެ ޙަޤީޤަތެއް ވާކަން ޤަބޫލުކުރަންޖެހެއެވެ.

ސީއެންއެމް އޮންލައިން ނެރުން ހުއްޓާލަން ކުރިމަތިކުރުވި ފިއްތުންތަކަކީ ސަރުކާރުން މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ސިލްސިލާ ގޮތެއްގައި ހިންގަމުންދާ ދަށުދަރަޖައިގެ ޢަމަލުތަކަށް އިތުރުވި ބޮޅެކެވެ.

ސަރުކާރުންނާއި ކޯޓުތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ރާއްޖޭގެ ނޫސްވެރިންނަށް ނުޙައްޤުން ކުރިމަތިކުރުވާ ގޯނާތަކާއި ފުރައްސާރަތަކާއި އަދި ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި، ނޫސްވެރިންގެ ޙައްޤު ރައްކާތެރިކޮށް ނުދޭތީ، ދުނިޔޭގެ ޑިމޮކްރެޓިކް ބޮޑެތި ޤައުމުތަކުންނާއި ބައިނަލް އަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އަދި ބައިނަލް އަޤުވާމީ ޖަމާޢަތްތަކުން ތަކުރާރުކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
26 ޖޫން 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް