ޙުސެން ހުމާމް މައްޗަށް މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށާއި އެ ޙުކުމް އަލުން މުރާޖާކޮށް ބަދަލުކުރުމަށް ގޮވާލުން

ޑޮކްޓަރ އަފްރާޝިމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލާގައި ޙުސެން ހުމާމް އަޙްމަދު މެރުމަށް ރޭ މެންދަމުގެ ވަގުތެއްގައި ސްޕްރީމް ކޯޓުން ތާޢީދުކޮށް އެގޮތަށް އެ މައްސަލަ ނިންމާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ޑޮކްޓަރ އަފްރާޝިމް ޢަލީ އަވަހާރަކޮށްލި މައްސަލައަކީ ރާއްޖޭގެ ރައްޔިތުން ސިއްސުވާލި ހިތާމަވެރި މައްސަލައަކަށްވާއިރު، އެ ގަތުލަކީ ބަޔަކު އަޑީގައި ތިބެ ރޭވި އިންތިޒާމުވެގެން ހިންގާފައި ގަތުލެއްކަން ރަނގަޅަށް އެނގޭއިރު، އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމުގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި އެބަޔަކު ހޯދުމެއް ނެތި، މެންދަމުގެ ވަގުތުގައި ސްޕްރީމް ކޯޓު ހުޅުވައި، އަވަސް އަރުވާލައިގެން ޙުސެން ހުމާމް އަޙްމަދު މަރާލުމަށް ތާޢީދުކޮށް އެ މައްސަލަ ނިންމާފައިވާކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

އަދި ވަކިން ޚާއްޟަކޮށް އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ބައްޕައާއި ޢާއިލާގެ މެމްބަރުން ސްޕްރީމް ކޯޓަށް ސިޓީ ފޮނުއްވައި، ޑޮކްޓަރ އަފްރާޝިމް ޢަލީ އަވަހާރަކޮށްލާފައިވަނީ އެކަމުގެ އަޑީގައި ބަޔަކު ތިބެ ރޭވި އިންތިޒާމުވެގެން ފައިސާ ޚަރަދުކޮށްގެން ކަމަށް ފުލުހުންގެ ބަހުން ވެސް އެނގޭކަމަށާއި، އެހެންކަމުން އެކަންކަމުގެ ޙަޤީޤަތް ބެލުމަށާއި، އަދި އެތައް ބައިވަރު ޝައްކު އުފެދޭ ކަންތައްތަކެއް މި މައްސަލާގައި އެކުލެވިގެންވާތީއާއި، އަދި އެ ތަޙްޤީޤަށް ޙުސެން ހުމާމް އަޙްމަދުގެ ބަސް މުހިއްމުވާތީ، އެ ތަޙްޤީޤު މުޅިން ނިމެންދެން ޙުސެން ހުމާމް އަޙްމަދުގެ މައްޗަށް ޤިޞާޞް ހިފަން ބޭނުން ނުވާކަމަށް އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ވާރިޘުންގެ ޙައިސިއްޔަތުން ކަނޑައެޅިގެން ހާމަކޮށްފައިވާއިރު، އެކަމަށް ބެލުމެއް ނެތި ޙުކުމް އިއްވާފައިވާކަމީ މި މައްސަލައާމެދު އިތުރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

އަދި މިގޮތަށް ބަޔާންކޮށް އާއިލާގެ ފަރާތުން ފޮނުއްވި ސިޓީ ބަލައިގަނެފައި ނުވަނީ ރޭގަނޑުގެ ބަންދު ގަޑިއަށްވީތީކަމަށް ސްޕްރީމް ކޯޓުން ބުނެފައިވާއިރު، ރޭގަނޑުގެ މެންދަމު 2 ޖަހާއިރު ކޯޓު ހުޅުވައިގެން މަރުގެ ނިޔާއެއް ކަނޑައެޅޭނަމަ، އެ މަރުހިފުން މަނާކުރުމުގެ ޙައްޤު ލިބިފައިވާ ވާރިޘުން ފޮނުވާ ސިޓީ ރޭގަނޑު ބަލައި ނުގަނެވެންވީ ސަބަބެއް ނެތެވެ. އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ބައްޕަ ނުވަތަ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންފުޅުނުވާއިރު، ބައި ގަރުނު ވަންދެއް ޤާއިމުނުކޮށް އޮތް މަރުގެ އަދަބުދިނުން އަލުން ފަށައި ޙުސެން ހުމާމް އަޙްމަދު މަރާލުން ސަރުކާރަށާއި ސްޕްރީމް ކޯޓަށް މިހާ މުހިއްމުވެފައިވުމީ، މި މައްސަލައާ މެދު ރައްޔިތުންގެ ޝައްކުތަކާއި ކަންބޮޑުވުންތައް އިތުރުވެގެންދިއަ ކަމެކެވެ.

ސްޕްރީމް ކޯޓުން ރަމަޟާން މަހުގެ ރޭގަނޑު މެންދަމުގެ ވަގުތުގައި އަވަހަށް ޙުސެން ހުމާމް އަޙްމަދު މަރާލުމަށް ތާޢީދުކޮށް މައްސަލަ ނިންމާފައިވަނީ ރައީސް ޢަބްދުﷲ ޔާމިން މަރުގެ އަދަބު ދެއްވުމަށް ބޭނުންފުޅުވާކަމަށާއި އަދި އެ މައްސަލަތައް އަވަސްކުރުމަށް ސްޕްރީމް ކޯޓުގައި އެދިވަޑައިގަނެފައިވާނޭކަމަށް ރަމަޟާން މަސް ފެށުނުތަނާ ވިދާޅުވެފައި ވަނިކޮށްކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި ކޯޓުތަކާ މެދު ރާއްޖޭގެ ރައްޔިތުންނާއި ދުނިޔޭގެ އިތުބާރު ގެއްލި، ފާޑުކިޔުންތައް އިންތިހާއަށް ގިނަވެފައިވާއިރު، ޙުސެން ހުމާމް އަޙްމަދު މަރާލުމަށް ރައީސް ޢަބްދުﷲ ޔާމިން ބޭނުންފުޅުވެވަޑައިގެންފައިވަނީ ޑޮކްޓަރ އަފްރާޝިމް ޢަލީގެ ޤަތުލަށް އިންސާފު ހޯއްދެވުމަށް ނޫންކަމަށާއި އެއާ ޚިލާފަށް އެ ޤަތުލުގެ ޙަޤީޤަތް ފޮރުވުމަށްކަމަށް ދެކެމެވެ.

އެހެންކަމުން ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި ކޯޓުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާއިރު، އަދި އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ބައްޕަ ނުވަތަ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންފުޅުނުވާކަމަށް ކަނޑައެޅިގެން ހާމަކުރައްވާފައިވާއިރު، ޙުސެން ހުމާމް އަޙްމަދުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށާއި އެ ޙުކުމް އަލުން މުރާޖާކޮށް ބަދަލުކުރުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.
24 ޖޫން 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް