އެއާޕޯޓުގައި “އެއްވިކަމަށްބުނެ” ދަޢުވާކުރުމަށްފަހު، “މުޒާހަރާކުރިކަން” ސާބިތުކޮށްފައިވާތީ އިސްތިއުނާފުކޮށްފި

ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ޚިލާފަށް، މަނާ ސަރަހައްދެއްގައި “އެއްވުމެއް” ބޭއްވިކަމުގެ ކުށުގައި ދައުލަތުން ދަޢުވާކުރުމުން، “މުޒާހަރާކުރިކަން” ސާބިތުވީކަމަށް، ކާފީ ހެއްކާއި ޤަރީނާނެތި، ކްރިމިނަލް ކޯޓުން 31 މާޗްގައި ޙުކުމްކޮށްފައިވާތީ، އެމްޑީޕީ އަންހެނުންގެ ރޫހުގެ ގިނަ އަންހެން ބޭކަނބަލުންނާއި ޤައުމީ މަޖިލިހުގެ މެންބަރެއް، އެ މައްސަލަ އިސްތިއުނާފްކުރުމަށް މިއަދު ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައި ބުނަނީ މިއިން ކޮންމެ ފަރާތެއް، 03 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް، 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް މިޙުކުމް ތަންފީޒުނުކޮށް ފަސްކުރީކަމަށެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ޙުކުމް އިއްވާފައިވަނީ އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝިފާ މުޙައްމަދު ހިމެނިވަޑައިގައްނަވާގޮތަށް އަންހެނުންގެ ރޫހުގެ 14 އަންހެން ބޭކަނބަލަކާއި އަދި ޤައުމީ މަޖިލިސް މެމްބަރު، ވިލިމާލޭ ދާއިރާގެ ރައީސް އިބްރާޙިމް މަނިކްގެ މައްޗަށެވެ.
މިއަދު މި މައްސަލަ އިސްތިޢުނާފުކުރި ފަރާތްތަކުން ބުނަނީ މިމައްސަލަ ނިމިގެން ޙުކުމްކުރި އިރުވެސް މި މައްސަލައިގެ ދަޢުވާ ސާފު ނުވާކަމަށާއި، “އެއްވުމުގެ ޤާނޫނާ” ޚިލާފުވެގެން، ދައުލަތުން ދަޢްވާ ކުރެއްވީ، “މުޒާހަރާ ކޮށްފައިވާތީ” ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރުމަކީ ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި އޮތް ކަމެއް ނޫންކަމަށެވެ. އަދި މި ބޭފުޅުން އެއާޕޯޓުގައި “އެއްވުމެއް އެއްވިތަން” ކަނޑައެޅިގެން ފެނުނު 2 ހެކިން ދައުލަތަށް ދެއްކިފައިނުވާއިރު، މި މައްސަލަ ޤާޟީ ނިންމަވާފައިވަނީ މި ބޭކަލުން އެދުވަހު އެއާޕޯޓަށް ގޮސްފައިވާތީ، ކުށްވެރިވީކަމުގައި ބަލާފައިކަމަށެވެ. އަދި މިގޮތަށް ޤަރީނާ އިސްތިދްލާލް ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެއް ނޫންކަމަށާއި އިސްލާމީ ޝަރީޢަތުގައި، ޤަރީނާއަކަށް އިތުބާރުކުރުން ޖާއިޒުވާ ޤަރީނާގައި، 2 ޝަރުޠެއް ފުރިހަމަވާޏްޖެހޭނެ ކަމަށެވެ. އެއީ އެޤަރީނާގައި ފާޅުކޮށްއެނގޭ مَصْرُوف އަދި ثَابِت ކަމެއް ހުރުމާއި، ޘާބިތު އަމުރު ޡާހިރުއާއި އެޤަރީނާއަކުން ޢަމަލީ އިސްތިންބާޠު ނެރޭ ޤަރީނާއާއި ގުޅުންހުރުމެވެ.
މިގޮތުން ބަލާއިރު، ބަޔަކު އެއާޕޯޓަށް ދިޔުމަކީ އެބަޔަކު އެއްވުމެއް އެއްވިކަމުގެ ޤަރީނާއަކަށް ނުބެލެވޭ ކަމަށާއި އަދި މި ވާޤިޢާގެ މައްޗަށް ބުރަވެ، ދިފާޢީ ހެކިންގެ ހެކިބަހުގައިވެސް ދަޢުވާލިބޭ ފަރާތްތައް އެއާޕޯޓަށް ދިޔަކަން ސާބިތުވާކަމުގައި ބުނެ، ދަޢުވާލިބޭފަރާތް އެއްވިކަން ސާބިތުނުވާނެކަމުގައި އިސްތިއުނާފުގައި ވެއެވެ. އަދި އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ދުވަހަކު އެތައް ބައެއް ގޮސްއައިސްވާއިރު، މިއިން ކޮންމެ މީހަކު އެތަނުގައި ފައިއަޅައިފިނަމަ އެތަނުގައި އެއްވުމެއް އެއްވިކަމަށް ނުބެލޭނެކަމަށާއި، އެއްވިކަމަށް ބެލެވޭނީ ކަނޑައެޅިގެން އެއްވިތަން ފެނުނު 2 ހެކިންގެ ހެކިބަހުން ސާބިތުވާނަމަކަމުގައި އިސްތިއުނާފުގައިވެއެވެ. މިފަދަ 2 ހެކިން ދައުލަތަށް ދެއްކިފައިނުވާއިރު، އެއާޕޯޓަށް ދިޔަކަމަށްޓަކައި އެއްވިކަމަށް ބަލައި، މައްސަލަ ސާބިތު ކުރުމަކީ އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކާ ޚިލާފުކަމެއްކަމުގައި މި ބޭފުޅުން ވިދާޅުވެއެވެ.
“އަލްޤާޟީ، ޤަރާއިންއަށާއި، حَوَادِثُތަކާއި، أَحْوَال ތަކުން އިސްތިންބާތު ކުރާހުށީ ޡާހިރީ ދަލީލުތަކާއި ހެކިތައް ނެތިއްޖެ ހިނދެއްގައެވެ. ނުވަތަ ޤާޟީ ކުރިމަށްޗަށް ހުށަހަޅާފައިވާ ހެކިތަކަކީ އެކަމަށް ނުފުދޭ ހެކިތަކަކަށް ވަނީނަމައެވެ. މިޙާލަތުގައި ޤާޟީގެ މައްޗަށް މަޖުބޫރު ކުރުވަނީ ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި ޙައްޤާއި ހަމައަށް ވާޞިލުވުމަށްޓަކައި އިސްތިންބާޠު ކުރުމަށެވެ”. އިސްތިއުނާފުގައިވެއެވެ.
ނަމަވެސް މިގޮތަށް އިސްތިންބާޠު ކުރަން ޖެހޭނީ އެޤަރީނާގައި ފާޅުކޮށްއެނގޭ مَصْرُوف އަދި ثَابِت ކަމެއް ހުރިނަމަކަމަށާއި، މީހަކު އެއާޕޯޓަށް އެރުމަކީ އެއިން އޭނާ އެއްވުމެއް އެއްވިކަމަށް ބެލެވޭނެ مَصْرُوف އަދި ثَابِت ކަމެއް ހުރި ޤަރީނާއެއްކަމުގައި ނުބެލެވޭނެކަމަށް އިސްއިތުނާފުގައިވެއެވެ.