ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޤާނޫނަށް ބަދަލުގެނެސް ޙައްޤުތައް ނިގުޅައިގަންނަގަތުމަކީ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރު ވެއްޓިފައިވާ ދަށުދަރަޖަ ހާމަކޮށްދޭ ފިނޑި ޢަމަލެއް

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށްގެން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އަމުރުފުޅަށް ޤާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނު ފާސްކޮށްގެން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތައް، އެމަނިކުފާނަށް ފޯރުކޮށް ނުދިނުމަށް ނިންމި ނިންމުމަކީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރު ވެއްޓިފައިވާ ދަށުދަރަޖަ ހާމަކޮށްދޭ ފިނޑި ޢަމަލެކެވެ.

ޤާނޫނު އަސާސީގެ 128 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މި އިނާޔަތްތަކާއި ރައްކާތެރިކަމަކީ ރައީސް މުޙައްމަދު ނަޝީދަށް ޙައްޤުވާ އިނާޔަތްތަކަކާއި ރައްކާތެރިކަމެކެވެ. އަދި އެ ޙައްޤުތައް ދިނުމާ ބެހޭ ކަންކަން ޤާނޫނެއްގައި ބަޔާންކޮށް ފާސްކުރެވިދާނޭކަމަށް ޤާނޫނު އަސާސީގައި ލިޔެފައިވާއިރު، އެ ޙައްޤުތައް ނުދިނުމާ ބެހޭ ޤާނޫނެއް ފާސްކުރުމަކަށް ޤާނޫނު އަސާސީ ތަނެއް ނުދެއެވެ. އެހެންކަމުން “ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނު” އަށް ކުއްލި ބަދަލު ގެނެސްގެން ރައީސް މުޙައްމަދު ނަޝީދަށް ޙައްޤުވާ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑާލުމަކީ އެކަމުގައި އެއްވެސް ހަމަހަމަކަމެއް އަދި އިންސާފެއް އެކުލެވިގެންނުވާ، އިންތިހާއަށް ޒާތީވެ ތިބެގެން ހިންގާފައިވާ ޖަރީމާއެކެވެ.

އަދި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ނުޙައްޤުގޮތުގައި ޓެރަރިޒަމުގެ ދަޢުވާކޮށް ނާއިންސާފުން ފުރިގެންވާ، އަދި މުޅި ދުނިޔޭގެ މަލާމާތް ރައްދުވެގެންވާ ޝަރީޢަތެއް ކުރުމަށްފަހު 13 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ވެސް އެމަނިކުފާނަކީ ރާއްޖޭގެ އެންމެ މަޤުބޫލު އަދި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރުކަމަށްވާތީ އިންތިޚާބެއްގައި ރައީސް މުޙައްމަދު ނަޝީދާ ވާދަކޮށްލެއްވުމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޖެހިލުންވެވަޑައިގަންނަވާތީއެވެ.

ހަމަ އެފަދައިން ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރުމަށްފަހު އެމް.ޑީ.ޕީ ގެ ރައީސްކަމުން އެމަނިކުފާނު ވަކިކުރުމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޤާނޫނެއް ފާސްކޮށްފައިވަނީ ވެސް ރައްޔިތުންނާއި ރައީސް މުޙައްމަދު ނަޝީދާ ދެމެދު އޮންނަ އާދަޔާ ޚިލާފު ގުޅުން ކަނޑުވާލުމުގެ ބޭނުމުގައެވެ.

މިއީ ރައްޔިތުންގެ ތާޢީދު ކުޑަ ވެރިޔަކު ރައްޔިތުންގެ ތާޢީދު ބޮޑު ލީޑަރަކާމެދު ސިޔާސީ މައިދާނުގައި ޖެހިލުންވެވަޑައިގަންނަވާލެ ބޮޑުކަމުން ހަސަދައިން ފޯވެގެން ކުރެއްވެވޭ ހުތުރު ކަންކަމެވެ.

އަދި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު އެފަދަ ނޭއްގާނީ ކަންކަން ކުރައްވަނީ އިންތިޚާބުތަކުގައި އެމަނިކުފާނާ ވާދަކުރައްވައިފާނޭ ހުރިހާ ސިޔާސީ ލީޑަރުން ސިޔާސީ ވެށިން ނައްތާލައި ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި އެމަނިކުފާނު ގިނިކަންޔާ އިންތިޚާބުތަކަށް ކުރިމަތިލެއްވުމުގެ ބޭނުމުގައެވެ.

މި ޕާރޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ދުނިޔޭގައި ލިބިވަޑައިގެންފައިވާ މައްޝޫރުކަމާއި، ރައްޖޭގެ ރައްޔިތުން ކުރާ ތާޢީދާއި، ޤަދަރާ އިޙްތިރާމަކީ ހިތާހިތުގެ ގުޅުމަކުން ގުޅިފައިވާކަމެއްކަން އެމަނިކުފާނާމެދު ޙަސަދަވެރިވެ، ނާއިންސާފުވާ ފަރާތްތަކަށް ހަނދާންކޮށްދެމެވެ. އަދި އެބާވަތުގެ ކަންކަމަކީ ޒާތްޒާތުގެ ޤާނޫނުތައް ހަދައިގެން ނިގުޅައިގަނެވޭނޭ ކަންކަމެއް ނޫންނެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 8 އޭޕްރިލް 2016