އެމް.ޑީ.ޕީ އާ ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވުން ކުށްވެރިކުރުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އަންގާރަ ދުވަހު އިންޑިޔާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒަރވަރ ރިސަަރޗް ފައުންޑޭޝަންގެ ދަޢުވަތަކަށް އިންޑިޔާގެ ވެރިކަން ކުރާ ނިއުދިއްލީގައި “އިސްލާމްދީން، ސުލްޙައިގެ ދީނެއް” މައުޟޫޢުގައި ތަޤްރީރުކުރެއްވުމަށް ވަޑައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ސަރުކާރުން ޢަމަލުކުރައްވާ ގޮތާމެދު އިތުރުފުޅު ހައްދަވައި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ސީދާ އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވާފައިވާތީ އެކަން ކުށްވެރިކުރަމެވެ.

ނިއުދިއްލީގައި އިސްލާމްދީނުގައި ޞުލްވެރިކަމަށް ބާރު އަޅުއްވާ މިންވަރާ މެދު ތަޤްރީރުކުރައްވަމުން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރާހާ ގުޅޭ ގޮތުން ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ރައީސް މުޙައްމަދު ނަޝީދުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ސަރުކާރުން އެމް.ޑީ.ޕީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވަނީ ވިދާޅުވެފައެވެ. މިއީ ކަނޑައެޅިގެން އިތުރުފުޅެކެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ކަމަށް ބުނެ ސަރުކާރުން އަރުވާފައިވާ ދަޢުވަތާމެދު އެމް.ޑީ.ޕީ އަދި އަދާލަތު ޕާޓީގެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ތަކުރާރުކުރަމެވެ. އެހެންކަމުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އޮޅުވުލާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާުލުމަށް މިހާރުން މިހާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 9 މާޗް 2016