ބޭރުގެ ޤައުމުތަކުން ސަރުކާރުގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުން ހުއްޓާލަމުންދަނީ ސަރުކާރުގެ ޚުދުމުހުތާރުކަން ބޮޑުވުމާ، ކޮރަޕްޝަނާ ފަސާދަ ގިނަވުމާ، ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅިކަމާ ތަރައްޤީގެ ރޭވުމެއްނެތުމުން

ދިވެހި ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ދެމުން އަންނަ އެހީތައް ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދިއުމުން އެކަމުގެ ގެއްލުންވަނީ ސަރުކާރަށް ނޫންކަމަށާ އޭގެ ގެއްލުންވަނީ ރައްޔިތުންނަށް” ކަމަށް ސަރުކާރުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް މިއަދު ވިދާޅުވެ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތްކުރައްވާފައިވާތީ އެކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ) ސިޔާސަތު ކޮމިޓީން ކުށްވެރިކުރަމެވެ. އަދި ފިތުނަ ފަސާދައާ ރުޅިވެރިކަން އުފެދޭފަދަ މޭރުމަކުން ޒިންމާދާރުކަން ކުޑަ ގޮތަކަށް ސަރުކާރުގެ އިސް ފަރާތްތަކުން މިފަދަ ވާހަކަ ދައްކަވާކަމީ މިކޮމިޓީން ނުހަނު ކަންބޮޑުވާކަމެއްކަން ފާހަގަކުރަމެވެ.

މިނިސްޓަރ ތާރިޤް ދައްކަވާ ވާހަކައިގެ ހަގީގަތަށް ބަލާލާއިރު، ބޭރު ޤައުމުތަކުން އެހީ ނުލިބޭކަމަށް އެމަނިކުފާނު އިއުތިރާފްވެ ވަޑައިގަންނަވާފައިވާކަމާ މިއީ ރައްޔިތުންނަށް ސަރުކާރުން ދައްކާ މަންޒަރާ އިއްވާ އަޑު ތަކާ ޚިލާފް ވާހަކައެއްކަން ފާހަގަކުރެވެއެވެ. ބައިނަލް އަޤްވާމީ ޖަމިއްޔާތަކާ ބޭރުގެ ޤައުމުތަކުން ސަރުކާރުގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުން ހުއްޓާލަމުންދަނީ ސަރުކާރުގެ ޚުދުމުހުތާރުކަން ބޮޑުވުމާ، ކޮރަޕްޝަނާ ފަސާދަ ގިނަވުމާ، ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅިކަމާ ތަރައްޤީގެ ރޭވުމެއްނެތުމުންނެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދައުލަތުގެ ދަރަނި މިހާރު 36 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އަދި ދަރަނި އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާއިރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިސަރުކާރުން އެއްވެސް ކަމެއްކުރެވިފައި ނުވާކަމެވެ. 2016ގައިވެސް ދަރަންޏަށް ނަގާފައިވާ ފައިސާގެ ގޮތުގައި އެކަނިވެސް 2.6 ބިލިއަން ރުފިޔާ ދައްކަންޖެހިފައިވެއެވެ. ސަރުކާރު ހިންގުމުގެ ޚަރަދު 16 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބަޖެޓުގައި ނުހިމެނޭ އެތައް ސިޔާސީ މަގާމުތައް އުފައްދާ ބޮޑެތި މުސާރަ ދެމުންދާކަން ފާހަގަކުރަމެވެ. އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހަރަދުތައް ބޮޑުވެގެން ދިއުމާ، ތަރައްޤީގެ ރޭވުމެއްނެތުމުގެ ސަބަބުން މިހަރަދު މިއަހަރުގެ ނިޔަލަށް 18 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ބައިނަލް އަޤްވާމީ މާލީ ޖަމިއްޔާ އައި.އެމް.އެފް އިން ވަނީ މިސަރުކާރުގެ ހަރަދު ކުޑަކުރުމަށާ އާމްދަނީ އިތުރުކުރެވޭ ކަންކަމަށް އިސްކަން ދިނުމަށްވެސް ވަނީ ގޮވާލާ އިންޒާރުގެ ރަނގަބީލެއްވެސް އަޅާފައެވެ. މިދެންނެވުނު ކަންކަމުންވެސް ސާފުވެގެން ދަނީ ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން ދައުލަތް އިންތިހާއަށް ދަރަނިވެރިވެފައިވާކަމެވެ.

އަދި މިހެން ކަން އޮއްވާ، ބޭރުގެ ފަރާތްތަކާ ވެވިފައިވާ އެއްބަސްވުންތަކަށް އިހްތިރާމްކުރުމެއްނެތި އަމަލުކުރުމުގެ ސަބަބުން، މިއަދު އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޖީ.އެމް.އާރަށް 2.6 ބިލިއަން ރުފިޔާ ސަރުކާރުން ދެއްކުމަށްވަނީ ސިންގަޕޫރުގެ ކޯޓަކުން އަމުރުކޮށްފައެވެ. އަދި މިއަހަރުގެ އޯގަސްޓް މަހު ސަރުކާރުން އިތުރަށް ޖީ.އެމް.އާރަށް ދައްކަންޖެހޭ ފައިސާ ސިންގަޕޫރުގެ ކޯޓުން ކަނޑައަޅާނެއެވެ.

އެހީ ނުލިބޭނެ އެހެން ސަބަބުތައް ކަމުގައި، ސަރުކާރުން ހިންގަން ހުށަހަޅާ މަޝްރޫއުތަކަށް ލޯނުދޫކުރާއިރު އެފައިސާ އެމަޝްރޫއު ހިންގުމަށް ނޫން އެހެން ގޮތްގޮތަށް ބޭނުންކުރުން އާއްމުވެފައިވުމާ، އެފައިސާ ބޭނުންކުރެވޭ ގޮތް ދެފުށް ފެންނަ ގޮތަކަށް ހާމަނުކުރާކަން ފާހަގަވެއެވެ.

މީގެ އިތުރުން ބޭންކިންގް ނިޒާމުގެ ތެރެއިން ބޮޑެތި ވައްކަންކޮށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވެފައިވާކަމީވެސް އެހީދޭ ފަރާތްތަކުގެ އިތުބާރު ގެއްލިގެންދާނެ ބޮޑު ސަބަބެއްކަމުގައި މިކޮމިޓީން ފާހަގަކުރަމެވެ. ދުނިޔޭގެ ބޮޑެތި މުޖުރިމުން ކަޅު އަނދިރި ގޮތްގޮތަށް ހޯދާ ފައިސާ މިރާއްޖޭގެ ސަރުކާރުން ރައްކާކޮށްދޭކަންވެސް ބައިނަލް އަޤްވާމީ މާލީ އިދާރާތަކަށް ފަޅާ އަރާފައިވުމަކީ ބައިނަލްއަޤވާމީ ފަރާތްތަކުން ރާއްޖެއާ ދޭތެރޭ ނުގަބޫލާ ޝައްކުގެ ނަޒަރަކުން ބަލަން މެދުވެރިވެފައިވާ ސަބަބެކެވެ.

ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެ، ދައުލަތް ދަރަނިވެރިވެ، ބިލިއަނުން ވައްކަންކުރިކަމާ ކަޅު ފައިސާ ފޮރުވައިދީފައިވާކަން ފަޅާއެރުމުން، ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް އެހީ ފޯރުކޮށްދިނުމަށް ދެވަނަ ވިސްނުމަކަށް ދާނެކަން އެއީ ޤަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ސަރުކާރުގެ އިސްވެރިން ޝާމިލްވާގޮތަށް ހިންގާފައިވާ އެތަކެއް ޖަރީމާއެއްގެ ސަބަބުން ލިބޭ ގެއްލުމަކީ ރައްޔިތުންގެ ސަބަބަން ލިބޭ ގެއްލުން ކަމުގައި ދައްކާ، ރައްޔިތުން ކުށްވެރިކޮށް، ހަގީގަތް އޮޅުވާލުމަކީ ހަރުދަނާ ސަރުކާރަކުންކުރާނެ ފަދަ ކަންކަމެއް ނޫންކަން މިކޮމިޓީން ގަބޫލުކުރަމެވެ. ވީމާ، ހަގީގަތަށް ރުޖޫއަވެ، ސަރުކާރު ފެއިލްވެފައިވާކަން ގަބޫލުކޮށް، ރައްޔިތުންނަށް އިތުރު ގެއްލުންތަކެއް ވުމުގެ ކުރިން، ރައީސް ޔާމީންއާ އެމަނިކުފާނުގެ ސަރުކާރުގެ ވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސިޔާސަތު ކޮމިޓީ
ތާރީޚް: 2 މާޗް 2016