މިއަދު ރައްޔިތުންގެ މަޖްލިހުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ހުސެއިން ދިން ހަޑިހުތުރު ހަމަލާ ކުށްވެރިކޮށް އެމްޑީޕީގެ އަންހެންނުންގެ ރޫޙުން ނެރޭ ނޫސް ބަޔާން

މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ދެއްވި ހަމަލާ އަންހެނުންގެ ރޫހުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ފެންތައްޓަކުން ފެން ބެއްލެވުމަށްފަހު އަނގައިގެ ތެރޭގައި ފެންތައް ތެޅުވުމަށްފަހު މެމްބަރު ރޮޒައިނާގެ މޫނަށް ބުރުއްސާލި އަމަލު ފާހަގަކޮށް އެ އަމަލަކީ އަޚްލާގީ ގޮތުން އެންމެ ދަށުދަރަޖައިގެ ހަޑިހުތުރު އަމަލެއް ކަމުގައި މި ގުނަވަނުން ދެކެމެވެ.
އަދި މިއީ ރާއްޖޭގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް އަދި އެ މަޖިލީހުން ބޭރުގައިވެސް ޒިންމާދާރު މަގާމެއް އަދާކުރާ ފިރިހެނަކު ޒިންމާދާރު މަގާމެއް އަދާކުރާ އަންހެނަކަށް އާންމު ރައްޔިތުންގެ ކުރިމަތީގައިމިފަދަ އެންމެ އަޚްލާގީ ފެންވަރު ދަށްކޮށް އަމަލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރަމެވެ.
ރައްޔިތުން ތަމްސީލުކުރާ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަހްމަދު ނިހާން ހުސައިން މަނިކުގެ ފަރާތުން ފެނިގެން ދިޔަ މި އަމަލަކީ އިންސާނީ ކަރާމަތަށާއި ރައްޔިތުންގެ މަޖިލީހުގެ ކަރާމާތައްވެސް އުނިކަން ދިނުންކަމަށް މި ގުނަވަނުން ދެކެމެވެ.
މިކަމާ ގުޅޭގޮތުން އަންހެނުންގެ ރޫހުގެ ރައީސް ޝިފާ މުހަންމަދު ވިދާޅުވީ “ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑުއަތޮޅު މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާއާދަމް އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ހުސައިންމަނިކު އާދެމެދު ހޫނު ޒުވާބެއް ހިނގައި، ރޮޒައިނާ އާދަމްގެ މޫނަށް އަހްމަދު ނިހާންގެ އަނގައިގައިހުރި ފެންތަކާއި ކުޅުތައް ބުރުއްސައި ހެދުމަކީ އަހްމަދު ނިހާންގެ ފަރާތުން ފެނިގެންދިޔަ ވަރަށް ހަޑިހުތުރު، ވަރަށް ނާތަހްޒީބު، ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކުރަން” ކަމަށެވެ.
“އަދި މެމްބަރު ނިހާނުގެ ހަމަލާއަކީ، މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްކުރައްވާ މަދު އަންހެން ކަނބަލުންނަށާއި، ޚާއްޞަކޮށް ރާއްޖޭގެ ހުރިހާ އަންހެން ބޭކަނބަލުންނަށް ކުރެއްވި މަލާމާތެއްކަމަށްދެކެމެވެ.
“ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިންމަނިކު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މިހިންގެވި ހަޑިހުތުރު އަމަލުގެ ސަބަބުން ހާމަވެގެންދާ ކަމަކީ މިއަދުގެ ސަރުކާރުގައި ހިމެނޭ މެމްބަރުންގެ އަމަލުތަކުގެ ސަބަބުން މިއަދުގެ ސިޔާސީ މައިދާނަށް އަންހެން ކަނބަލުން ނުކުތުމަށް ހުރަސްއެޅުން.
“އެހެންކަމުން މި މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި، ދައުލަތުގެ ކަމާގުޅުންހުރި ފަރާތްތަކުން ބައްލަވަންޖެހޭނެ ކަމަށް ދެކެން” ޝިފާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރ އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކުގެ މި އަމަލުން ޕީޕީއެމްގެ އިސްވެރިންގެ ކިބައިގައި އިންސާނުންނާމެދު އަމަލުކުރުމުގައި ގެންގުޅެންޖެހޭނެ އިސްލާމީ އަދި ތަހްޒީބީ ސިފަ ނެތްކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.